އާބާދީގައި 3700 މީހުން ދިރިއުޅޭ ގއ.ވިލިގިއްޔަކީ ހުވަދުއަތޮޅުގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރާ އެއްރަށެވެ. ގިނަ ޢަދަދެއްގެ އޮޑި ދޯނިފަހަރު މި ރަށުގައި ގެންގުޅޭއިރު، އަތޮޅުގެ ވެރިރަށަށް ވުމުން، މިރަށު ބަނދަރުގެ ބޭނުން މުޅި އަތޮޅުގެ ރައްޔިތުން ހިފައެވެ.
ވިލިނގިލީގައި މިހާރުވެސް ދެ ބަނދަރެއް އެބައޮތެވެ. ޝީޓް ޕައިލްކޮށް ޒަމާނީ ފެންވަރަށް ހަދާފައިވާ ބަނދަރަކާއި، ކުރީގައި ބޭނުން ކުރަމުން އައި ބާ ބަނދަރެވެ. މި ދެ ބަނދަރުވެސް އޮތީ ގުޅާލެވިފައެވެ. ނަމަވެސް އަލަށް ފަށާފައިވާ، ބަނދަރު ބޮޑު ކުރުމުގެ މަޝްރޫޢުގެ ދަށުން، މި ދެބަނދަރަށް ބޮޑު ބަދަލެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ބާ ބަނދަރުގެ އެއްގަމު ތޮށި ޝީޓް ޕައިލްކޮށް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމާއި ދެ ބަނދަރުގެ ބޭރު ތޮށި ބޭރަށް ޖައްސާ، ބޮޑު ހިލައިގެ ތޮއްޓެއްލުން ހިމެނެއެވެ. މީގެ އިތުރުން ބަނދަރު އިތުރަށް ފުން ކުރުމަށްވެސް ހަމަޖެހިފައިވެއެވެ.
ވިލިނގިލީ ބަނދަރު ބޮޑު ކުރުމަށް 10.5 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މި މަޝްރޫއު ސަރުކާރުން ކުރިއަށް ގެންދަވަނީ އެމް.ޓީ.ސީ.ސީ އާ ޙަވާލުކޮށްގެނެވެ. އެމް.ޓީ.ސީސީން މިހާރު ވަނީ ބަނދަރު ބޮޑު ކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައެވެ. ބަނދަރު ހެދުމަށް ބޭނުންވާ ހިލަ ގެންގޮސް، ބޭރު ތޮށި ހެދުމުގެ މަސައްކަތް މި ހަފްތާގައި ވަނީ ފަށާފައެވެ.
މިއަހަރުގެ ތެރޭގައި މަޝްރޫއު ނިންމާލެވޭނެ ކަމަށް އެމް.ޓީ.ސީ.ސީން މައުލޫމާތުދެއެވެ. ގއ.ވިލިނގިއްޔަކީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާ ރަށެކެވެ. ސަރުކާރުން ވަނީ އެރަށުގެ ބޮޑެތި މަގުތަކުގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ހަދާފައެވެ. އަދި ސަރުކާރުގެ ގެދޮރުވެރިކުރުވުމުގެ ޕްރޮގްރާމުގެ ދަށުން ގއ. ވިލިނިގިލީގައި ވަނީ 52 ހައުސިން ޔުނިޓް ޢިމާރާތް ކޮށްފައެވެ. މީގެ އިތުރުން ސްޕޯޓްސް އެރީނާ މަޝްރޫޢާއި، އެރަށު ސްކޫލްގައި 12 ކްލާސްރޫމްގެ އައު ޢިމާރާތެއް އެޅުމުގެ މަސައްކަތްވެސް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.