ތަރައްްޤީ

"ރެއިން ކްރެސްޓް" ފްލެޓްތައް ގަތުމުގެ ފުރުޞަތު ހުޅުވާލައިފި


ރެއިންބޯ ކޮންސްޓްރަކްޝަން އާއި ސިންހަލް އިންޖިނިއަރިން ގުޅިގެން ހަދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުނި، ރެއިންބޯ ސިންހަލާ ޑިވެލޮޕާރސްއިން ހުޅުމާލޭގައި ޢިމާރާތް ކުރާ "ރެއިން ކްރެސްޓް" ގައި ހިމެނޭ ފްލެޓްތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލައިފިއެވެ. 

ރެއިންބޯއިން ބުނީ ވިއްކުމަށް ހުޅުވާލި ރެއިން ކްރެސްޓް ރެސިޑެންސްގައި 136 އެޕާޓްމަންޓް ހުންނާނެ ކަމަށެވެ. އެ ކުންފުނިން މިއަދު ވަނީ އެޕާޓްމަންޓްތަކުގެ އަގުތައްވެސް އިޢުލާން ކޮށްފައެވެ.

136 އެޕާޓްމަންޓްގެ ތެރޭގައި 1 ކޮޓަރީގެ 44 އެޕާޓްމަންޓާއި 2 ކޮޓަރިއާއެކު މެއިޑް ރޫމް ހިމެނޭ 44 އެޕާޓްމަންޓާއި، 3 ކޮޓަރީގެ 33 އެޕާޓްމަންޓާއި، 3 ކޮޓަރިއާއެކު މެއިޑް ރޫމް ހިމެނޭ 11 އެޕާޓްމަންޓް ހުރެއެވެ. އަދި 4 ޕެންޓް ހައުސްވެސް ހިމެނެއެވެ. އަގުތަކަށް ބަލާއިރު، 1 ކޮޓަރި އެޕާޓްމަންޓްތަކުގެ އަގަކީ 1 މިލިއަނާއި، 1.5 މިލިއަން ރުފިޔާއާ ދެމެދެވެ. 2 ކޮޓަރިއާއެކު މެއިޑް ރޫމް ހިމެނޭ އެޕާޓްމަންޓްތައް ވިއްކުމަށް ނިންމާފައިވަނީ 2.3 މިލިއަނާއި، 2.9 މިލިއަން ރުފިޔާއާ ދެމެދުންނެވެ.

3 ކޮޓަރީގެ އެޕާޓްމަންޓްތައް ހުރީ 2.4 މިލިއަނުން ފެށިގެން 3.5 މިލިއަން ރުފިޔާއާ ހަމައަށެވެ. 3 ކޮޓަރިއާއެކު މެއިޑް ރޫމް ހިމެނޭ އެޕާޓްމަންޓްތަކުގެ އަގަކީ 3.5 މިލިއަނާއި، 3.9 މިލިއަން ރުފިޔާއާ ދެމެދުންނެވެ. ރެއިންބޯއިން ބުނީ 24 މަހަށް ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

ރެއިން ލޭންޑްގެ ޑިރެކްޓަރ މާޒިން އިބްރާހީމް ވިދާޅުވީ، އެޕާޓްމަންޓްތައް ގަންނަން ބޭނުންވާ ފަރާތްތަކަށް ރެއިންބޯ ހެޑް އޮފީހަށް ވަޑައިގެންވެސް އެކަން ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

"އޮފީހަށް ދުރުވުމުގެ އިތުރުން، އަންނަ ހަފްތާގައި މިކަމަށް ޚާއްސަ ވެބްސައިޓެއްވެސް އަޅުގަނޑުމެން ހިންގަން ފަށާނަން. www. raincrestresidence.com.mv އިން ހުރިހާ މައުލޫމާތެއް ލިބެން ހުންނާނެ. އަދި އެޕްލިކޭޝަން ފޯމުތައްވެސް ޑައުންލޯޑް ކުރެވޭނެ" މާޒިން ވިދާޅުވިއެވެ.

ރެއިންބޯ ސިންހަލާ ޑިވެލޮޕާރސްއިން ހުޅުމާލޭގައި ޢިމާރާތް ކުރާ "ރެއިން ކްރެސްޓް ރެސިޑެންސް" އަކީ ހުޅުމާލެ ފެރީ ޓާމިނަލް ކައިރީގައި ޢިމާރާތްކުރާ އެޕާޓްމަންޓްތަކެކެވެ. މި ފްލެޓަކީ 14 ފަންގިފިލާއަށް 2 ޓަވަރަކަށް ޑިޒައިން ކުރެވިގެންދާ ފްލެޓެކެވެ. ރެއިންބޯއިން ބުނީ މި ފްލެޓް ޢިމާރާތް ކުރުމަށް ހުއްދަތައް ލިބި، އަންނަ އެޕްރީލް މަހުގެ ތެރޭގައި ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި 24 މަސްތެރޭގައި މި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރެއިންބޯއިން މައުލޫމާތުދެއެވެ.