ތަރައްްޤީ

ތާރީޚް ދެކެފައިނުވާ ފަދަ ބިޔަ މަޝްރޫޢުތަކެއް އެއްފަހަރާ ކުރިއަށް


އުމްރާނީ ތަރައްޤީގެ ކޮންމެ ކަމަކީވެސް އިޤްތިޞާދާ ގުޅިފައިވާ ކަންކަމެވެ. ރާއްޖޭގައި މިހާރު ކުރިއަށްދާ ބިޔަ މަޝްރޫޢުތަކުގެ ތެރެއިން ބްރިޖް މަޝްރޫޢަށް ބަލާލާއިރު، އެ މަޝްރޫޢަކީ ރާއްޖޭގެ ޗާޓަށް އަންނަ ބަދަލަކަށްވުރެ، އިގްތިޞާދީ ގޮތުން ރާއްޖެއަށް އަންނަ ބަދަލެކެވެ. ރާއްޖޭގެ އިގްތިޞާދީ މައި ތިން ސަރަޙައްދެއް ގުޅުވާލެވޭ މި މަޝްރޫޢު 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހަށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ. 

ބްރިޖް މަޝްރޫޢުގެ ޢަމަލީ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، ރާއްޖޭގެ މައި އެއަރޕޯޓް ބޮޑުކުރުމުގެ މަޝްރޫޢުވެސް ބާރު ސްޕީޑްގައި ކުރިއަށްދެއެވެ. އައު ރަންވޭއެއްގެ އިތުރުން، ފިއުލް ފާމަކާއި، ކާގޯ ކޮމްޕްލެކްސްއަކާއި، 7.5 މިލިއަން މީހުންނަށް ޚިދުމަތްދެވޭ ވަރުގެ ޓާމިނަލެއް ހެދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެއަރޕޯޓް މަޝްރޫޢުވެސް 2018 ވަނަ އަހަރުގެ ނިޔަލަށް ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ. ބްރިޖް މަޝްރޫޢަށް 210 މިލިއަން ޑޮލަރު ޚަރަދުވާއިރު، އެއަރޕޯޓް ތަރައްޤީކުރެއްވުމަށް އެއްބިލިޔަން ޑޮލަރު ޚަރަދުވާނެއެވެ. 

img:http://s3.psmnews.mv/images/660x400/14876001933877.jpg|ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތް ކުރިއަށްދަނީ / ފޮޓޯ: ޕީއެސްއެމް

މީގެ އިތުރުން ޒުވާނުންގެ ސިޓީއެއްގެ ގޮތުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހި ތަރައްޤީކުރުމުގެ މަސައްކަތްވެސް ސަރުކާރުން ކުރިއަށްގެންދެއެވެ. ރައީސް ޔާމީން ސިފަކުރައްވާގޮތުގައި ބްރިޖް މަޝްރޫޢާއި، އެއަރޕޯޓް މަޝްރޫޢަކީ ރާއްޖޭގެ މަލަމަތި ބަދަލުކޮށް، ދުނިޔޭގެ ފެންވަރުގެ އިޤްތިޞާދަށް ވުމަށް ކުރެވޭ މަސައްކަތުގެ ފެށުމެވެ. 2016 އޭޕްރީލް 6 ވަނަ ދުވަހު އެއަރޕޯޓް ބޮޑުކުރުމުގެ މަޝްރޫޢު އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ މި މަޝްރޫޢުތައް ނިމުމުން ދެން ފެންނާނެ ބޮޑު މަންޒަރު ސިފަކޮށްދެއްވާފައެވެ.

img:http://s4.psmnews.mv/images/660x400/14878761299310.jpg|ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ޕީއެސްއެމް

"ބޭނުމަކަށް ވަނީ ބައިނަލްއަޤްވާމީ ވިޔަފާރީގައި އަޅުގަނޑުމެންނަކީ ކިތަންމެ ކުޑަނަމަވެސް، ލޭޔަރަކަށްވުން. ދިވެހިރާއްޖޭގައި މިހެދޭ އެއަރޕޯޓަކީ އަޅުގަނޑުމެން ޖޯގްރަފީގޮތުން ހިމެނިފައި މިއޮތް ސަރަޙައްދުގައި، ސްޓްރެޓީޖީ ލޮކޭޝަންގެ ބޭނުންހިފާ ބަޔަކަށްވުން. މި މުދާ އައިސްފައި އެއްގަމުގައި ޓްރަކް ކުރެވިގެންދާނީ. ގޮސްފައި ހެންވޭރުން އަރާނީ އަޅުގަނޑުމެން މި އިންތިޒާރުކުރާ ބްރިޖް މައްޗަށް. ބްރިޖް މަތިން މި އެއަރކާގޯ ޓްރަކް ވެގެންދާނީ ހުޅުލޭގެ މި ދެންނެވި އެއަރކާގޯ ވިލެޖަށް. އެހެންވީމާ، މިހިސާބުން، މިހިސާބުން ހުޅުލެއާއި، މާލެއާއި، ހުޅުމާލެއާ ގުޅެނީ އިޤްތިޞާދީ ގޮތުން ކީއްވެގެންކަން އަޅުގަނޑުމެންގެ ޚިޔާލަށް އަތުވެއްޖެނަމަ، މިއީ ކިހާވަރެއްގެ ތަރައްޤީއެއްކަން ކޮންމެވެސްވަރަކަށް އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށް އިޙްސާސް ކުރެވޭނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

img:http://s4.psmnews.mv/images/660x400/14881684721160.jpg|ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭގެ ބިން ހިއްކުމުގެ މަޝްރޫޢު ރައީސް ފަށްޓަވައިދެއްވަނީ - ފޮޓޯ: ޕީއެސްއެމް

ރައީސް ޔާމީންގެ ވެރިކަމުގެ ދައުރު، 2018 ވަނަ އަހަރަށް ނިމޭއިރު، މިހާރު ކުރިއަށްދާ ބިޔަ މަޝްރޫޢުތައްވެސް އެ މުއްދަތަށް ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ކަނޑައަޅުއްވާފައެވެ. ނަމަވެސް މަޝްރޫޢުތަކުން ރައްޔިތުންނަށް ލިބޭ ފައިދާތައް އެތައް ޖީލަކަށް ދެމިގެންދާނެއެވެ. އަދި ރާއްޖޭގެ އިޤްތިޞާދަށް ލިބޭ ކުރިއެރުން ކުރިއަށް ޤަރުނަށް ދެމިގެންދާނެ ކަމަށްވެސް އިޤްތިޞާދީ މާހިރުން ވިދާޅުވެއެވެ. 

ފަސް އަހަރުގެ ވެރިކަމެއްގައި މިހާ ބިޔަ މަޝްރޫޢުތައް ޤައުމުން ފެންނަ މީ ފުރަތަމަ ފަހަރުއެވެ. ދުނިޔޭގެ ކުރިއަރާފައިވާ އެހެން ޤައުމުތަކާ އެއް ފެންވަރަކަށް ދިއުމުގައި ރައީސް ޔާމީން މިސާލު ނަންގަވަމުން ދަނީ "ސިންގަޕޫރުން"ނެވެ.