ތަރައްްޤީ

ބައެއް ރަށްރަށަށް ބޭނުންވާ ޑަސްޓްބިން ހޯދުމަށް ހަވާލުކޮށްފި


ފުވައްމުލައް ސިޓީއާއި އައްޑޫސިޓީ ހުޅުމީދޫ އަދި ހުވަދު އަތޮޅުގެ 8 ރަށަކަށް ޑަސްޓްބިނާއި ކާދު ހެދުމަށް ބޭނުންވާ ތަކެތި ހޯދުމަށް އަމިއްލަ ކުންފުންޏަކާ ޙަވާލުކުރައްވައިފިއެވެ.

1.5 މިލިއަން ރުފިޔާއަށް މި މަސައްކަތް ޙަވާލުކުރައްވާފައިވަނީ އެންޓްރާންސް ޕްރައިވެޓް ލިމިޓެޑާއެވެ. މިމަސައްކަތް ޙަވާލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ތާރިޤް އިބްރާހީމްއެވެ. އެންޓްރާންސް ޕްރައިވެޓް ލިމިޑެޓްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ސަޢީދުއެވެ. 

img:http://s1.psmnews.mv/images/660x400/14881179594692.jpg|ދެކުނުގެ ބައެއް ރަށްރަށަށް ބޭނުންވާ ޑަސްޓްބިން ހޯދުމުގެ މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ހުވަދުއަތޮޅުން ޑަސްޓްބިނާއި ކާދު ހެދުމަށް ބޭނުންވާ ތަކެތި ޙަވާލުކުރުމަށް ހަމަޖެހިފައިވަނީ ގއ.ކޮނޑޭ، ގއ.މާމެންދޫ، ގދ.ނަޑެއްލާ، ގދ.ހޯޑެއްދޫ، ގދ.ފިޔޯރީ، ގދ،ފަރެސްމާތޮޑާ، ގދ.ވާދޫ އަދި ގދ.ގައްދޫއަށެވެ. މިމަސައްކަތް ޙަވާލުކުރާ ތާރީޚުން ފެށިގެން 32 ދުވަސްތެރޭ މި ރަށްތަކަށް އެތަކެތި ޙަވާލުކުރަންޖެހެއެވެ. 

މި ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި ދެކުނު ސަރަޙައްދުގެ ކުނި ނައްތާލުމުގެ މަޝްރޫޢުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ގއ، ގދ، ޏ އަދި ސ ހިމެނޭ ސަރަޙައްދީ ކުނި ނައްތާލާ ނިޒާމްގެ ޑިޒައިންގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މިހާރު އެންމެ ބާރަށް ކުރިއަށްދަނީ ކުނިކޮށިތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކަމަށެވެ.