ތަރައްްޤީ

5 ރަށެއްގެ ފެނާއި ނަރުދަމާގެ މަޝްރޫޢު މިއަހަރުގެ ނިޔަލަށް ނިމޭނެ


އޮޕެކް ފަންޑް ފޮރ ޑިވެލޮޕްމަންޓް، އޮފިޑުގެ ލޯން އެހީގެ ދަށުން ޤާއިމްކުރައްވާ ފަސް ރަށުގެ ފެނާއި ނަރުދަމާގެ މަޝްރޫޢު މިއަހަރުގެ ނިޔަލަށް ނިމޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިއީ 312 މިލިއަން ރުފިޔާގެ ބިޔަ މަޝްރޫޢެކެވެ. އޮފިޑްގެ ލޯންގެ އިތުރުން މިމަޝްރޫޢުގެ ޖުމްލަ ބަޖެޓްގެ 20 އިންސައްތަ ހަމަޖައްސާފައިވަނީ ދިވެހި ސަރުކާރުގެ ބަޖެޓުންނެވެ.

އޮފިޑުގެ ލޯން އެހީގެ ދަށުން ފެނާއި ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ކުރިއަށްދާ ފަސް ރަށަކީ ނ.ވެލިދޫ، ރ.ހުޅުދުއްފާރު، ބ.ތުޅާދޫ، ގއ.ކޮލަމާފުށި، އަދި ގދ.ގައްދޫއެވެ. މިފަސް ރަށުގައި 10،000 އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެއެވެ. މިފަސް ރަށުގެ ތެރެއިން، ގައްދޫ ފިޔަވާ ދެން ހުރި ރަށްރަށުގައި ފެނާއި ނަރުދަމާގެ ވިއުގަ ޤާއިމްކުރައްވަނީ އެއްފަހަރާއެވެ. ގައްދޫގައި ޤާއިމްކުރައްވަނީ ނަރުދަމާ ނިޒާމެވެ. ގައްދޫގައި ސަރުކާރުން ވަނީ ޔުނޮޕްސްގެ އެހީގައި ފެނުގެ ވިއުގަ ޤާއިމްކުރައްވާފައެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން މި މަޝްރޫޢު ކުރިއަށްގެންދަވަނީ އެމް.ޑަބްލިއު.އެސް.ސީއާ ޙަވާލުކުރައްވައިގެންނެވެ. އެކުންފުނިން ގެންދަވަނީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މި މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ކުރައްވަމުންނެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން، މިފަސް ރަށުގެ ޢަމަލީ މަސައްކަތް ނިންމަވާ، ރައްޔިތުންނަށް ޚިދުމަތްދެއްވުން ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ޤާއިމްކުރައްވާ ގއ.ކޮލަމާފުށްޓަށާއި، ގދ.ގައްދޫއަށް އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވަނީ މިހަފްތާގައި ވަޑައިގެން، އެރަށްރަށުގެ މަޝްރޫޢު ރަސްމީގޮތުން އިފްތިތާޙު ކޮށްދެއްވާފައެވެ. އަދި އެރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ، ފެނާއި ނަރުދަމާއިން އުންމީދީ ދިރިއުޅުން ހޯއްދަވައިދެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ރައްޔިތުންނާއި ޙިއްޞާކުރެއްވިއެވެ. ގދ. ގައްދޫގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ސިފަކުރެއްވި ގޮތުގައި "ފެނާއި ނަރުދަމާ" މިލަފްޒް ވުޖޫދަށް އައީ ރައީސް ޔާމީންގެ ވެރިކަމުގައެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެހެން އެއްވެސް ސަރުކާރަކަށް ނުކުރެވޭ ވަރަށް މި ސަރުކާރުގެ ތިން އަހަރު އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިއްޖެ. ފެނާއި ނަރުދަމާގެ އަޑު ރައްޔިތުންގެ މެދުގައި ގަދަވީ މި ސަރުކާރު ފެށުނު ފަހުންނޭ. އެބަހަކީ ކުރިން ދިވެހިން ދަންނަ ބަހެއް ނޫން. އެ ލަފްޒް ދިވެހި ރަދީފްގައި ހިމަނުއްވާ، އާންމުންގެ ދުލުކުރިއަށް އެ ލަފްޒް ގެންނެވީ ރައީސް ޔާމީން" އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤު އިބްރާހީމް ވިދާޅުވިއެވެ.

އޮފިޑްގެ ލޯން އެހީގެ ދަށުން ކުރިއަށްގެންދާ ފަސް ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިމޭއިރު، އޮފިޑުން މިހާރުވެސް ވަނީ ފެނާއި، ނަރުދަމާއާއި، ކުނި ނައްތާލާމުގެ މަޝްރޫޢުތައް ހިންގުމަށް 50 މިލިއަން ޑޮލަރުގެ އެހީއެއް ރާއްޖެއަށް ދީފައެވެ. އަލަށް ފެށްޓެވުމަށް ތައްޔާރުވެވަޑައިގަންނަވާ މި މަޝްރޫޢުގެ ދަށުން 9 ރަށެއްގައި ފެނުގެ ނިޒާމް ޤާއިމްކުރެއްވުމާއި، ހަތަރު ރަށެއްގެ ނަރުދަމާ ޤާއިމްކުރެވުމާއި، 12 ރަށެއްގައި ފެން ޕްލާންޓް ބެހެއްޓެވުމާއި، އަދި ހއ، ހދ، ށ ހިމެނޭ ސަރަޙައްދުގެ ކުނި ނައްތާލާ ނިޒާމް ޤާއިމްކުރެއްވުމަށް ވަނީ ހަމަޖައްސަވާފައެވެ.