ތަރައްްޤީ

ރަސްފަންނު ޕެވިލިއަން ކުރިއަށް އޮތް ތިންމަސް ތޭރޭ ހުޅުވަނީ


ކުރިއަށް އޮތް ތިންމަސް ތޭރޭގައި ކޭ.އެފް.ސީއާއި، ޕިއްޒާ ހަޓާއެކު ރަސްފަންނު ޕެވިލިއަން ހުޅުވާނެ ކަމަށް އެމް.ޑަބްލިއު.އެސް.ސީން ބުނެފިއެވެ. މި ދެ ބްރޭންޑްގެ އިތުރުން ޓަކޯބެލް އަދި ޑެލި ފްރާންސްވެސް ޕެވިލިއަންއަށް ގެނައުމަށް ހަމަޖެހިފައިވެއެވެ.

ޕެވެލިއަންގައި ރައްޔިތުންނަށް އިންޓަރނޭޝަނަލް ފާސްޓް ފުޑްގެ 4 ބްރޭންޑެއްގެ ޚިދުމަތް ލިބޭނެއެވެ. ޕެވިލިއަންގައި ރެސްޓޯރަންޓް ހެދުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކޭ.އެފް.ސީއާއި، ޕިއްޒާ ހަޓްގެ އޮފިޝަލުންނަށް އެތަން ދައްކާލުމަށްފަހު، އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ ރައްޔިތުން ބޭނުންވާ އިންޓަރނޭޝަނަލް ރަހަތަކެއް މިތަނުގައި ހަދާ ރެސްޓޯރެންޓުތަކުން ލިބޭނެ ކަމަށެވެ. މިތަނުގައި މިހާރުގެ މަސައްކަތްތައް ބަލާލާއިރު ކޮންކްރީޓްގެ ބޮޑު ބައެއް ނިމިފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި ޕެވެލިއަންއަށް ދިއުމަށް ހަދާފައިވާ އޯވަރހެޑް ބްރިޖްގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ.

ޕެވިލިއަންގެ މަސައްކަތް ތިން މަހުގެތެރޭގައި ނިންމާލެވޭނެ ކަމަށް ޕެވިލިއަން ތަރައްޤީކުރާ، އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ. ރާއްޖެއަށް ފްރެންޗައިޒް ބްރޭންޑްތައް ގެނައުމުގައި ޙަރަކާތްތެރިވާ ގެމާ ކާޒްޓަވޭގެ ޗެއަރމަން ޙުސައިން ހިލްމީ ވިދާޅުވީ މިތަން ހުޅުވާއިރު، ޕެވިލިއަންގެ އެންމެ ތިރީގައި ހުންނާނީ ކޭ.އެފް.ސީ ކަމަށާއި، މަތީ ބައިގައި ހުންނާނީ ޕިއްޒާހަޓް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ޓަކޯބެލް އަދި ޑެލި ފްރާންސްވެސް ޕެވިލިއަންގައި ހުޅުވާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކޭ.އެފް.ސީއަކީ ކުކުޅުގެ ބާވަތްތައް ތާއްޔާރުކުރާ ފާސްޓްފުޑް ރެސްޓޯރަންޓް ޗެއިނެކެވެ. ޕިއްޒާ ހަޓަކީވެސް ބޭރު ޤައުމުތަކަށް ދަތުރުކުރާ ދިވެހިންގެ މެދުގައި މަޤްބޫލް ޕިއްޒާ ރެސްޓޯރަންޓެކެވެ. ޕެވިލިއަންގައި ދެން ހުޅުވާ ޓަކޯބެލްއަކީ މެކްސިކޯގެ ރަހަތައް އެކުލެވޭ މަޝްހޫރު ބްރޭންޑެކެވެ. އަދި ޑެލި ފްރާންސަކީ ބޭކަރީގެ ބާވާތްތައް ލިބޭ ޔޫރަޕްގެ މަޝްހޫރު ބްރޭންޑެކެވެ. ދިވެހިން އާންމުކޮށް ދަތުރުކުރާ އިންޑިޔާ އަދި ލަންކާފަދަ ޤައުމުތަކުގައި މި ބްރޭންޑްތަކުގެ ރެސްޓޯރަންޓްތައް ހުންނައިރު، ރާއްޖޭގައި މިހާރު ހުރި އިންޓަރނޭޝަނަލް ފާސްޓް ފުޑްގެ މަދު ތަނެއްކަން ފާހަގަކޮށްލެވެއެވެ.