ތަރައްްޤީ

ގައްދޫ ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް ފަށްޓަވައިފި


ހުވަދު އަތޮޅު ދެކުނުބުރީގައި ދެވަނައަށް އެންމެ އާބާދީބޮޑު ގައްދޫގެ ނަރުދަމާ ނިޒާމްގެ ޢަމަލީ މަސައްކަތް ފަށްޓަވައިފިއެވެ. އިއްޔެ ގައްދޫގައި ބޭއްވެވި ރަސްމިއްޔާތުގައި ނަރުދަމާގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ އެންވަޔަރްމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމްއެވެ. 

ގައްދޫގައި ބޭއްވެވި ރަސްމިއްޔާތުގައި މިނިސްޓަރ ތާރިޤް ވަނީ ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވާ ގައްދޫގެ ރައްޔިތުންނާ ބައްދަލްކުރައްވާފައެވެ. ރައްޔިތުންނާ ބައްދަލުކުރައްވާ އެމަނިކުފާނު ވިދާޅުވީ ގައްދޫއަކީ ކުރީގެ ސަރުކާރުތަކަށް ގެއްލިފައި އޮތް ރަށެއް ނަމަވެސް، ގައްދޫ ހޯދާފައިވަނީ މިއަދުގެ ސަރުކާރުން ކަމަށެވެ. ގައްދޫގައި އެތައް މަޝްރޫއެއް އެއްފަހަރާ ކުރިއަށްދާކަން ފާހަގަކުރައްވާ މިއީ ގައްދޫގެ ތާރީޚްގައި މިފަދަ މަޝްރޫޢުތައް އެއްފަހަރާ ކުރިއަށްދާ ދައުރުކަމުގައި ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14877437779257.jpg|ގައްދޫ ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް ފެށްޓެވުމަށް ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރ ވާހަކަފުޅުދައްކަވަނީ / ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

3000 މީހުންގެ އާބާދީއެއް ދިރިއުޅޭ ގައްދޫގައި ނަރުދަމާގެ ނިޒާމު ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ކުރިޔަށް ގެންދަނީ އެމްޑަބްލިއުއެސްސީންއެވެ. ގައްދޫގެ ނަރުދަމާ ނިޒާމަށް 40 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޙަރަދުވެއެވެ. މި މަޝްރޫޢަކީ ދިވެހި ސަރުކާރާއި އޯޕެކް ފަންޑް ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އޮފިޑް ލޯން އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

އެންވެރަމެންޓް މިނިސްޓްރީން މައުލޫމާތުދޭގޮތުގައި، މިމަޝްރޫޢުގެ ދަށުން 8 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ގައްދޫގައި ޤާއިމްކުރެވޭނެއެވެ. މި މަޝްރޫޢު ނިމޭއިރު ނަރުދަމާގެ ޚިދުމަތް ގައްދޫގެ 708 ގެއަށް ގުޅާލެވޭނެއެވެ. ސަރުކާރުން މިހާރު ވަނީ ގައްދޫގައި ބޯފެނުގެ ނިޒާމެއް ޤާއިމް ކުރައްވާފައެވެ. ފެނުގެ މަޝްރޫޢު މިދިޔަ އަހަރު ނިމި ރަށުގެ ބައެއް މީހުން ދަނީ ފެނުގެ ނިޒާމްގެ ބޭނުން ކުރަމުންނެވެ.