ތިމާވެށި

މާލެއިން ކުނި ޖަމާކޮށް ނައްތާލުމުގެ މަސައްކަތް ޖޫންމަހު ފަށާނެ


މާލެއިން ކުނިނައްތާލުމުގެ މަސައްކަތުގެ ދަށުން މާލޭގެ ހުރިހާ ސަރަޙައްދަކުން ކުނިޖަމާކޮށް ރައްކާތެރިގޮތުގައި ކުނިނައްތާލުމުގެ މަސައްކަތް މިއަހަރުގެ ޖޫންމަހުގެ ތެރޭގައި ވެމްކޯއިން ފަށާނެކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. މިކަމަށް ކުރަންޖެހޭ ތައްޔާރީތައް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުން އަންނަނީ ކުރަމުންނެވެ.

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ވެމްކޯއިން ވެހިކަލް ބޭނުންކޮށްގެން ކުނި ކަލެކްޓްކުރުމުގެ ޕައިލެޓް މަސައްކަތް ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. ވެމްކޯއިން މިހާރު ގެންދަނީ ޒޯން އެކެއްގައި ހިމެނޭ 51 ގެއެއްގެ ކުނި 2 ވެހިކަލް ބޭނުން ކޮށްގެން ކަލެކްޓް ކުރަމުންނެވެ. މާލޭގެ ކުނި ކަލެކްޓް ކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ވެހިކަލް ޢާއްމުކޮށް ދައްކާލުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަންމެންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް ވިދާޅުވީ މާލޭގެ ޒޯން 2 ގެ ކުނި ކަލެކްޓްކުރުމުގެ މަސައްކަތް ރަސްމީގޮތުން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ. އިތުރަށް މިނިސްޓަރ ޠާރިޤް ވިދާޅުވީ އަންނަ ޖޫންމަހުގެ ތެރޭގައި މާލޭގެ އިތުރު 10 ޒޯންގެ ކުނިކަލެކްޓް ކުރުމުގެ މަސައްކަތް ވެމްކޯއިން ފަށާނެ ކަމަށެވެ.

"އަންނަ ޖޫންމަހަށްފަހު މަތިބަންދު ކޮށްގެން ނޫން ގޮތަކަށް ކުނި ނުއުފުލޭނެ، އެގޮތަށް ޤަވާޢިދަށް ޢަމަލުކުރަން ފަށާނަން، އޭރުން މާލޭގެ ކުނި އުފުލުމަށް ބޭނުން ކުރަންޖެހޭނީ މަތި ބަންދު ކޮށްފައިވާ ވެހިކަލްތަކެވެ. ރައީސް ޔާމީންގެ ޒަޢާމާތުގައި މާލެއާއި އަތޮޅުތެރެ ސާފުތާހިރު ތަނަކަށް ހެދުމަށް ކުރައްވަމުން އަންނަ މަސައްކަތްތަކުގެ ނަތީޖާ އަވަސްކަން ފަހަގަކޮށްލަންޖެހޭ." މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މާލޭ ސަރަޙައްދުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ޓަޓުއާ ކުންފުންޏާއި ޙަވާލުކުރައްވައިގެން އެތައް ދުވަހެއް ވީއިރުވެސް ކުނީގެ މައްސަލައަށް އެއްވެސް ޙައްލެއް އައިސްފައި ނުވާކަމަށާއި، އެހެންނަމަވެސް ރައީސް ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް ވެރިކަމާ ޙަވާލުވެވަޑައިގެންނެވުމާއެކު، ކުނިމެނޭޖްކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ޚާއްޞަ ކޯޕަރޭޝަނެއް އުފެއްދުމުން އޭގެ ހެޔޮ ނަތީޖާ ފެނިގެން ގޮސްފިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ޠާރިޤް ވިދާޅުވީ މާލޭގެ ކުނި ކަލެކްޓްކުރުމަށް މިހާރު ގެނެސްފައިވާ ވެހިކަލްތަކަކީ މާލޭގެ މަގުތަކަށް އެކަށީގެންވާ ފަދަ ވެހިކަލްތަކެއް ކަމަށެވެ.

"މާލޭގެ ކުދި މަގުތަކަށް ޚާއްޞަކޮށްގެން ވެހިކަލްތައް ގެނެސްފައި މިވަނީ، ޓްރައިސައިކަލްތަކަކީ މާލޭގެ ކުދި ގޯޅިތަކުގައި ހުންނަ ގެތަކުން ކުނި ނެގުމަށް ގެނެސްފައިހުރި ތިމާވެއްޓާއި ރައްޓެހި ބެޓެރި ޓްރައިސައިކަލްތަކެއް. އަދި މި ޑަމްޕް ޓްރަކްތަކަކީވެސް ޚާއްޞަކޮށް މާލޭގެ ސައިޒްތަކަށް ބަލައިގެން ގެނެސްފައި ހުރި އެއްޗެހިތަކެއް"  މިނިސްޓަރ ވިދާޅުވިއެވެ.

މާލޭގެ އިތުރު ޒޯނަތަކުން ކުނި ކަލެކްޓްކުރުމުގެ މަސައްކަތް ރަސްމީގޮތުން ފެށުމަށް ހަމަޖެހިފައިވާއިރު، ކުނި ކަލެކްޓް ކުރުމަށް ބޭނުންވާ ޒަމާނީ ވެހިކަލްތަކުގެ ތެރެއިން މިހާރު ގެނެސްފައިވަނީ 30 ވެހިކަލެވެ. މީގެތެރޭގައި ހިމެނެނީ 20 ޓްރައި ސައިކަލާއި، 10 ޑަމްޕް ޓްރަކެވެ. މީގެ  އިތުރު 10 ޑަމްޕް ޓްރަކް ވަރަށް އަވަހަށް މާލެ ގެނެވޭކަމަށް މިނިސްޓަރ ޠާރިޤް ވަނީ ވިދާޅުވެފައެވެ.

ގޭބިސީތަކުން ކުނި ކަލެކްޓް ކުރުމުގައި ވެމްކޯއިން ގެންގުޅޭ އުސޫލަކީ ގޭގެއިން ކުންޏާ ޙަވާލުވާން ވެމްކޯގެ މުވައްޒަފުން ގޭގެއަށް ނުވަތަ އެޕާޓްމަންޓްތަކަށް ވަންނަ ނަމަ 150 ރުފިޔާ އަދި، ގޭބިސީތަކުން އުފައްދާ ކުނި އަމިއްލައަށް ބޭރުގައި ޑަސްބިންތަކުގައި ބަހައްޓާނަމަ 100 ރުފިޔާގެ ފީއެއް ނެގުމަށް އެކުންފުނިން ވަނީ ނިންމާފައެވެ. ކުނި ކަލެކްޓް ކުރުމުގެ ޚިދުމަތަކީ ކޮށްމެދުވަހަކު ދެމުންދާނެ ޚިދުމަތެއް ކަމަށް ވެމްކޯއިން ބުނެއެވެ.