ތަރައްްޤީ

އުތުރުގެ ކުނި ނައްތާލާ ނިޒާމްގެ ޢަމަލީ މަސައްކަތް ފަށައިފި


ރައްކާތެރިގޮތުގައި ކުނި ނައްތާލެއްވުމަށް މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަކީ، ރާއްޖެ ފަސް ސަރަޙައްދަކަށް ބައްސަވާލައްވައިގެން، ކުނި މެނޭޖްކުރެއްވުމަށް ޚާއްޞަ ވަކި ރަށްތަކެއްގައި މި މަސައްކަތް ކުރެއްވުމެވެ. 

މިހާތަނަށް ނ، ރ، ބ، ޅ. ހިމެނޭ އުތުރު ސަރަޙައްދުގައި މިފަދަ ނިޒާމެއް ޤާއިމްކުރައްވައި ޚިދުމަތް ދެއްވަމުން ގެންދަވާއިރު، މިހާރު އެންމެ ބާރަށް ކުރިއަށްގެންދަވަނީ ރާއްޖޭގެ އެންމެ އުތުރުގައި ސަރަޙައްދީ ކުނި ނައްތާލުމުގެ ނިޒާމެއް ޤާއިމްކުރެއްވުމުގެ މަސައްކަތެވެ. 

ހއ، ހދ، ށ މި އަތޮޅުތަކުގައި ޤާއިމްކުރައްވާ ކުނި ނައްތާލާ ސަރަޙައްދީ ނިޒާމް 2018 ވަނަ އަހަރުގެ ނިޔަލަށް ނިންމުމަށް އެންވަޔަރްމަންޓް މިނިސްޓްރީން ގެންދަވަނީ ވަރަށް ބާރު ސްޕީޑްގައި މަސައްކަތް ކުރަައްވަމުންނެވެ. 

ހއ، ހދ، ށ އަތޮޅަށް ޚާއްޞަކުރައްވައިގެން ޤާއިމްކުރައްވާ ސަރަޙައްދީ ކުނި ނައްތާލާ ނިޒާމްގެ މަސައްކަތް ފަށްޓަވާފައިވަނީ 2016 ވަނަ އަހަރުއެވެ. މަޝްރޫޢަށް ބޭނުންވާ ފަންޑްގެ ބޮޑު ބައެއް އޮޕެކް ފަންޑް ފޮރ ޑިވެލޮޕްމަންޓް، އޮފިޑުން ހަމަޖައްސައިދީފައިވާކަމަށް އެންވެޔަރމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ބަޖެޓުންވެސް މަޝްރޫޢަށް ޚަރަދުކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި މަޝްރޫއު ބައްސަވާލައްވާފައިވަނީ ދެބަޔަކަށެވެ. ފުރަތަމަ ބައިގެ ޢަމަލީ މަސައްކަތް މިދިޔަ އަހަރުން ފެށިގެން ކުރައްވަމުން އެބަގެންދަވައެވެ. މި ބައިގައި ހިމެނެނީ ވަކިވަކި ރަށްތަކުގައި ހުރި ކުނިކޮށިތައް އަޕްގްރޭޑް ކުރެއްވުމާއި، ކުނި ކޮށިތައް ނެތް ރަށްރަށުގައި ކުނި ކޮށިތައް ޤާއިމްކުރެއްވުމުގެ މަސައްކަތެވެ. މީގެ އިތުރުން، ކުނި މެނޭޖްކުރާނެ އާލާތްތައްވެސް ރަށްރށަށް ލިބިދެއްވުމަށް ވަނީ ހަމަޖެހިފައިވެއެވެ. ދެވަނަ ބަޔަކީ ރ.ވަންދޫގައި ޤާއިމްކުރައްވާފައިވާފަދަ ސަރަޙައްދީ ކުނި ނައްތާލާ ނިޒާމެއް މި ސަރަޙައްދުގައިވެސް ޤާއިމް ކުރެއްވުމެވެ. މި ނިޒާމް ޤާއިމްކުރައްވާނެ މައި ރަށެއް ކަނޑައެޅުއްވުމުގެ މަސައްކަތް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް އެންވަޔަރމަންޓް މިނިސްޓްރީން ވިދާޅުވިއެވެ. 

ހއ، ހދ، ށ. އަތޮޅުގައި ކުރިއަށް ގެންދަވާ މި މަޝްރޫޢަކީ ރ. ވަންދޫގައި ކުރިއަށް ގެންދަވާ ނ، ރ، ބ ، ޅ ހިމެނޭ ސަރަޙައްދުގެ ކުނި ނައްތާލާ ނިޒާމާ އެއްގޮތަށް ފަރުމާކުރައްވައިގެން ކުރިއަށް ގެންދަވާ މަޝްރޫޢެއް ކަމަށާއި، މި މަޝްރޫޢުގެ ދަށުން ހއ، ހދ ، ށ އަތޮޅުގައި މީހުން ދިރިއުޅޭ 42 ރަށެއްގައި އުފެދޭ ކުނި، އަދި ރިސޯޓްތަކުގައި އުފެދޭ ކުނި ސަރަޙައްދީ ކުނި ނައްތާލާ ރަށަށް ގެންގޮސް ނައްތާލެވިގެންދާނެ ކަމަށް އެންވަޔަރމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. 

މި ތިން އަތޮޅުގެ ހުރިހާ ރަށެއްގައި ދެހާސް ސަރާތަރަ ވަނައަހަރުގެ ތެރޭގައި ޕްރޮޖެކްޓް މަސައްކަތް ނިމޭނެކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވެފައިވެއެވެ. ފިނޭންސް މިނިސްޓްރީން މި ހަފްތާގައި ވަނީ ށ. މާއުގޫދޫ، ކޮމަންޑޫ، މިލަންދޫ، ގޮއިދޫ، އަދި ހދ.ނޮޅިވަރަމްފަރު ކުނި ކޮށިތަކަށް ބޭނުންވާ އާލާތްތައް ހޯއްދެވުމަށްވެސް އިޢުލާންކުރައްވާފައެވެ. 

އަދި އާބާދީ ބޮޑެތި ބައެއް ރަށްތަކުގެވެސް ކުނި ކޮށިތައް އަޕްގްރޭޑްކުރުމުގެ މަސައްކަތްތައް ނިމިދިޔަ 2016 ވަނަ އަހަރުން ފެށިގެން، ކުރިއަށްދަވާކަން ފާހަގަކޮށްލެވެއެވެ. މީގެތެރޭގައި ހދ. ހަނިމާދޫ، ހދ.ކުޅުދުއްފުށި ފަދަ ރަށްރަށް ހިމެނެއެވެ. 

ސަރުކާރުން މިހާރު ގެންދަވަނީ ގއ، ގދ، ޏ ، ސ ހިމެނޭ ދެކުނު ސަރަޙައްދުގައިވެސް މި ކޮންސެޕްޓަށް ކުނި ނައްތާލުމުގެ ނިޒާމެއް ޤާއިމްކުރެއްވުމަށް ތައްޔާރު ވެވަޑައިގަންނަވަމުންނެވެ. 

އެގޮތުން އެ ސަރަޙައްދުގައި އުފެދޭ ކުނި ނައްތާލާ މައި މަރުކަޒު އައްޑޫ ސިޓި ހިތަދޫގައި ޤާއިމްކުރެއްވުމަށް ހަމަޖެހިފައިވާއިރު، މިހާރުވެސް ވަނީ ފުވައްމުލަކާއި، އައްޑޫ ސިޓީގެ ކުނިކޮށިތައް މެނޭޖްކޮށް އަޕްގްރޭޑް ކުރުމަށް މޯލްޑިވްސް ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަނާ ޙަވާލުކުރައްވާފައެވެ. ދެކުނުގެ ހަތަރު އަތޮޅުގައި ކުނިއުފުލާ ދެ ބާޖު ބަނުމަށް އިންޑިޔާގެ ކުންފުންޏަކާ މިހާރު ވަނީ ޙަވާލު ކުރައްވާފައެވެ. މި މަޝްރޫޢުވެސް 2018 ވަނަ އަހަރުގެ ނިޔަލަށް ނިންމުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.