ތިމާވެށި

ތިމާވެށީގެ ގޮތުން މުހިންމު ތަންތަނާބެހޭ ދިރާސާއެއް ހަދަނީ


ރާއްޖޭގެ ސަރަޙައްދުތަކުގައި ހުރި ތިމާވެށީގެ ގޮތުން މުހިންމު ތަންތަނާބެހޭ ދިރާސާއެއް ފަށްޓަވައިފިއެވެ.  

މި ދިރާސާކުރައްވަނީ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އީޕީއޭއިންނެވެ. އެ އޭޖެންސީން ވިދާޅުވީ، ތިމާވެށީގެ  މުހިންމު ސަރަޙައްދުތަކުގެ ގޮތުގައި ހުވަދުއަތޮޅު ސަރަޙައްދާއި، އައްޑުއަތޮޅާއި، އއ.އަތޮޅާއި، ހދ. އާއި ހއ. އަތޮޅުގައި ބައެއް ސަރަޙައްދުށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ރާއްޖޭގެ ރަށްރަށުގެ ވަށައިގެންވާ ފަރުތަކާއި ފަޅުތަކާއި، އެ ތަންތަނުގައިވާ ދިރުންތަކަކީ ޤުދަރުތުގެ މުއްސަނދިކަމުން ފުރިފައިވާ ތަންތަނެވެ. ހަމައެހެންމެ ރާއްޖޭގެ އެކި ހިސާބުތަކުގައި އޮންނަ ޗަސްބިންތަކާއި، ކުޅިތަކުގެ ހިތްގައިމުކަން ފާހަގަކޮށްލެވެއެވެ. ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުންނާއި ދިރޭތެކެތީގެ ނަސްލު ހިމާތަތް ކުރުމުގެ ގޮތުން ބަލާއިރު، މިގޮތަށް ހުރި ފާހަގަކުރެވޭ މުހިންމު ސަރަޙައްދުތައް މިހާރުވެސް ވަނީ ޙިމާޔަތްކޮށްފައެވެ. އެކި ސަރަޙައްދުތައް ޚާއްޞަވަނީ އެކި ކަން ކަމަށެވެ.

img:http://s1.psmnews.mv/images/660x400/14860958646520.jpg|

ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި މިފަދަ ތަންތަން ކަނޑައެޅުއްވުމުން އެ ތަންތަން ބަލާލަން ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވެ އަދި، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުވެ، އިޤްތިޞާދީ ގޮތުންވެސް އޭގެ މަންފާކުރާނެއެެވެ. މީގެތެރޭގައި ބ.އަތޮޅުގައި އޮންނަ ބަޔޮސްފިއަރ ރިޒަރވްއާ، އައްޑޫ ސިޓީއާ ފުވައްމުލައް ސިޓީގައި އޮންނަ ކުޅިތައް ހިމެނެއެވެ.

އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް ވިދާޅުވީ، މިފަދަ މުހިންމު ސަރަޙައްދުތައް ޙިމާޔަތްކުރައްވައި، އެތަންތަން އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓެވުމަކީ، ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ ކަމެއް ކަމަށެވެ. އަދި މިފަދަ އިތުރު ސަރަޙައްދުތަކެއް ފާހަގަކުރައްވައި، އެތަންތަން ޙިމާޔަތްކުރެއްވުމާ ގުޅޭ ލިޔެކިޔުންތައް ނިންމަވާފައިވާ ކަމަށެވެ.

img:http://s2.psmnews.mv/images/660x400/14860959332213.jpg|

'' ބައެއް ތަންތަން ހުރީ ކެބިނެޓަށް ހުށަހަޅަން ތައްޔާރުވެފައި. އަނެއްބައި ތަންތަނަށް ގޮސް އެތަނުގައި ހުރީ ކޯއްޗެއްތޯ، ބޭސްޑް ލައިން ސާރވޭ ހަދާ ހިސާބުގައި. އެކަހަލަ ތަންތަން ޙިމާޔަތްކުރުމަށްޓަކައި ގިނަ ވަގުތު ނަގާނެ. ގިނަ މަޝްވަރާތަކާއި ކޮންސަލްޓޭޝަން ކުރިއަށް ގެންދަންޖެހޭ'' އިބްރާހީމް ނަޢީމް ވިދާޅުވިއެވެ. 

ރާއްޖޭގެ އެކި ސަރަޙައްދުތަކުން 40 އަށްވުރެ ގިނަ ތަންތަން ޙިމާޔަތްކޮށްފައިވެއެވެ. މީގެތެރެއިން އެކަށީގެންވާ ގޮތެއްގައި މެނޭޖްމަންޓް ޕްލޭން ހައްދަވައިގެން ބަލަހައްޓަވަމުން ގެންދަވަނީ ބ.އަތޮޅުގައި އޮންނަ ބަޔޮސްފިއަރ ރިޒަރވްއެވެ. ބ.އަތޮޅުގެ 10 ސަރަޙައްދެއް ބަޔޮސފިއަރ ރިޒަރވްގެ ގޮތުގައި ކަނޑައަޅުއްވާފައިވެއެވެ. ބ.އަތޮޅު ދުނިޔޭގެ ބަޔޮސްފިއަ ރިސަރވްގެ ގޮތުގައި ޔުނެސްކޯއިން ކަނޑައަޅާފައިވަނީ 2011 ވަނަ އަހަރެވެ.