ތިމާވެށި

ޒޯން ދޭއްގައި ހިމެނޭ ގެތަކުގެ ކުނި އެއްކުރަން ފަށަނީ


މާލޭ ސަރަޙައްދުގެ ޒޯން ދޭއްގައި ހިމެނޭ ގެތަކުގެ ކުނި އަންނަ މަހުން ފެށިގެން އެއްކުރަން ފަށާނެކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯ ބުނެފިއެވެ.

ވެމްކޯ އިން ކުނި އެއްކުރުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ 13 ޒޯނަކަށް ބަހާލައިގެނެވެ. މިގޮތުން މިދިޔަ މަހުގައި މާލޭގެ ޒޯން އެކެއްގައި ހިމެނޭ 51 ގެއަކުން ވަނީ ކުނި އެއްކޮށްފައިވެއެވެ. 

ވެމްކޯގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ފާތިމަތު ޝަމްވީލާ ވިދާޅުވީ މަލޭގެ ޒޯން 2 ގައި ހިމެނޭ ގެތަކުން ކުނި އެއްކުރުމަށްޓަކައި ބޭނުންވާ ޒަމާނީ ވެހިކަލްތައް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.  ކުނި އެއްކުރުމުގެ މަސައްކަތް އަންނަ މަހު ފަށާނެކަމަށާއި އެކަމުގައި ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް މިހާރުވެސް ލިބެމުންދާކަން ޝަމްވީލާ ފާހަގަކުރެއްވިއެވެ. 

ވެމްކޯއިން ވިދާޅުވީ މާލޭގެ އެހެން ޒޯންތަކުގައި ހިމެނޭ ގެތަކުގެ ކުނި އެއްކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. މާލޭގެ ކުނި ރައްކާތެރި ގޮތުގައި އެއްކުރުމަށް ގެންނަ ޒަމާނީ ވެހިކަލްތަކަށް 25 މިލިއަން ރުފިޔާ ޚަރަދުވާކަމަށް ވެމްކޯއިން ބުނެއެވެ.