ތަރައްްޤީ

ދެކުނުގެ ސަރަޙައްދީ ބަނދަރުގެ ތަރައްޤީގެ މަޝްރޫޢު ފަށްޓަވައިފި


އައްޑޫސިޓީގެ ހިތަދޫގައި ޤާއިމްކުރައްވާފައިވާ ދެކުނުގެ ސަރަޙައްދީ ބަނދަރުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށްޓަކައި، ބަނދަރުގައި ބޭނުންކުރާ އިކުއިޕްމަންޓް އާކޮށް، ބަނދަރު ތަރައްޤީކުރެއްވުމުގެ މަޝްރޫޢެއް ފަށްޓަވާފައިވާ ކަމަށް ހިތަދޫ ޕޯޓްސް ލިމިޑެޓުން ހާމަކުރައްވައިފިއެވެ.

ދެކުނުގެ 4 އަތޮޅުގައިވެސް ވިޔަފާރިތައް ތަރައްޤީވެ، ސަރުކާރުން ހިންގަވާ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތައް އިތުރުވަމުން އަންނައިރު ހިތަދޫ ބަނދަރު ތަރައްޤީކުރެއްވުމަކީ މުހިންމު ކަމެއްގެ ގޮތުގައި ހިތަދޫ ޕޯޓްސް ލިމިޓެޑުން ވިދާޅުވެއެވެ.

img:http://s3.psmnews.mv/images/660x400/14799669155793.jpg|އައްޑޫސިޓީގެ ހިތަދޫގައި ޤާއިމްކުރައްވާފައިވާ ދެކުނުގެ ސަރަޙައްދީ ބަނދަރު- ފޮޓޯ: ޕީއެސްއެމް

ގއ، ގދ، ޏ އަދި ސ އަތޮޅަށް އަމާޒުކޮށްގެން ހިތަދޫގައި ތަރައްޤީކުރައްވާފައިވާ ސަރަޙައްދީ ބަނދަރަކީ މީގެ ދިހައަހަރު ކުރިން ހެއްދެވި ވިޔަފާރި ބަނދަރެކެވެ. ބަނދަރު ހުޅުވުމަށްފަހު މިވީ އަހަރުތަކުގެ ތެރޭގައި ބަނދަރުގެ ފައިދާ ސަރަޙައްދުގެ ހުރިހާ ރައްޔިތުންނަށް ލިބިފައިވެއެވެ. ޚާއްސަކޮށް އައްޑޫސިޓީގައި ވިޔަފާރިތައް އިތުރުވެ، އަގު ހެޔޮކޮށް މުދާ ލިބޭނެ އިންތިޒާމްތައް ހަމަޖެހިފައިވެއެވެ. އައްޑޫ އަދި ފުވައްމުލައް ސިޓީގައި ދުއްވާ ގިނަ ވެހިކަލްތަކަކީވެސް ހިތަދޫ ވިޔަފާރި ބަނދަރުން އެތެރެކޮށްފައިވާ ތަކެތިކަން ފާހަގަކޮށްލެވެއެވެ.

ހިތަދޫ ބަނދަރުގައި މިހާރު ހުރި ގިނަ އިކްއުޕްމަންޓް ތަކަކީ ތަން ހުޅުވި އިރުން ފެށިގެން ބޭނުންކުރަމުންދާ ތަކެތި ކަމަށާއި، އެހެންކަމުން މިހާރުން މިހާރަށް އެންމެ އިސްކަމެއް ދީފައިވަނީ އިކުއިޕްމަންޓްތައް އާކުރުމަށް ކަމަށް ހިތަދޫ ޕޯޓްސް ލިމިޓެޑްގެ އެސިސްޓަންޓް މެނޭޖަރ މުޙައްމަދު ރަޝީދު ވިދާޅުވިއެވެ. އެގޮތުން ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި އާ އިކްއިޕްމަންޓްތަކެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14799668951815.jpg|އައްޑޫސިޓީގެ ހިތަދޫގައި ޤާއިމްކުރައްވާފައިވާ ދެކުނުގެ ސަރަޙައްދީ ބަނދަރު- ފޮޓޯ: ޕީއެސްއެމް

މުޙައްމަދު ރަޝީދު ވިދާޅުވީ އިކްއިޕްމަންޓްތައް މަރާމާތުނުކުރެވި، ޕޯޓް އޮތީ ކެޕޭސިޓީ ދަށްވެފައި ކަމަށާއި ނަމަވެސް އަލަށް ގެންނަ، އިކްއިޕްމަންޓްތައް ލިބުމުން ތަނުގެ އޮޕަރޭޝަންތައް ފަސޭހަވެ، ކެޕޭސިޓީ އިތުރުވާނެ ކަމަށެވެ. މީގެ އިތުރުން ޕޯޓްގައި ބޭނުންކުރާ ބާޖު މަރާމާތު ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށްވެސް މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.

ހިތަދޫ ޕޯޓަށް ބާލާ މުދަލުގެ ޑިއުޓީއިން 30 އިންސައްތަ މާފު ކުރެއްވުމަށް ސަރުކާރުން ނިންމެވި ފަހުން މުދާ ބާލާ މިންވަރު އިތުރުވެފައިވެއެވެ. ނަމަވެސް މިހާރުގެ ޑިމާންޑަށް ބަލާއިރު، ހިތަދޫ ޕޯޓް މިހާރަށްވުރެ ތަރައްޤީ ކުރެވިއްޖެނަމަ ބަނދަރު ބޭނުންކުރާ ފަރާތްތަކުގެ އަދަދު އިތުރުވާނެ ކަމަށް ހިތަދޫ ޕޯޓް ލިމިޓެޑުން ބުނެއެވެ.