ހިޔާވަހި ފައިނޭންސްގެ ދަށުން ދޫކޮށްފައިވާ ލޯނުތައް އޮންނަ އުސޫލުގެ ތެރެއިން އިތުރަށް ލޯނު ޓޮޕްއަޕްކުރެވޭނެ ގޮތްތައް ބައްލަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގުގެ 12 ވަނަ އެޕިސޯޑުގައި މީހަކު ފާޅުކުރި ކަންބޮޑުވުމަކާ ގުޅިގެންނެވެ.
ރައްޔިތުންގެ އަޑު ޕްރޮގްރާމްގައި އާންމު ރައްޔިތަކު ވަނީ ހިޔާވަހި ފައިނޭންސްގެ ދަށުން ލޯނު ހަމަޖެހިފައިވީނަމަވެސް އެކަށީގެންވާ އަދަދަށް ލޯނު ލިބިފައިނުވާތީ ގެދޮރު އިމާރާތްކުރުމަށް ދަތިތަކާއި ކުރިމަތިވެފައިވާކަމަށް ވިދާޅުވެފައެވެ. މި ސްކީމްގެ ދަށުން ރާއްޖެތެރެއަށް 1 މިލިޔަން ރުފިޔާއާއި ހަމައަށް ލޯނު ދޫކުރަން ހަމަޖެހިފައިވީނަމަވެސް އެޕްލައިކޮށްގެން ލިބިފައިވަނީ 650،000 ރުފިޔާކަމަށް އޭނާ ވަނީ ބުނެފައެވެ. އެހެންކަމުން ގެދޮރު އިމާރާތްކޮށް ނިންމާލުމަށް ގޮންޖެހުންތަކާއި ކުރިމަތިވެފައިވާކަން ވަނީ ފަހަގަކުރައްވާފައެވެ.
މި ކަންބޮޑުވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނުގެ ސަމާލުކަމަށް ކުރިން މިކަހަލަ ކަމެއް އައިސްފައިނުވާކަމަށެވެ. މިކަން ހިނގާފައިި މިވަނީ އެމަނިކުފާނު ކަނޑައެޅި ނުވަތަ ވިސްނާފައި އޮތް ގޮތައް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިކަން ވަރަށް ގާތުން ބައްލަވާނެކަމަށެވެ.
"1 މިލިޔަން ރުފިޔާ ރަށްރަށުގައި އަޅާ ގެތަކަށް މިއޮތީ. 6 ލައްކަ ރުފިޔާއިން ނުނިންމޭނެކަން އަޅުގަނޑަށްވެސް ހަމަ އިނގޭ. އިންކަމްއަށް ބަލާފައި ކުޑަކުރީތޯ ސްޕެސިފިކް ކޭސް ބަލާލާނަން މިނިސްޓްރީ ތުރޫކޮށް. އޮންނަ އުސޫލުގެ ތެރެއިން އިތުރަށް ލޯނު ޓޮޕްއަޕްކޮށްލަން ލިބޭނެތޯ. އެކަން ކުރެވެން އޮތިއްޔާ އޮންނަ އުސޫލުގެ ތެރެއިން އެއްބާރުލުންދޭން ދަންނަވާނަން." ރައީސް ވިދާޅުވިއެވެ.
ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމުގައި ހިމެނެނީ 3 ސްކީމެކެވެ. އެއީ ރަށްވެހި ފައިނޭންސިންގ ސްކީމް، ސަހަރު ފައިނޭންސިންގ ސްކީމް، ފަހިމާލެ ފައިނޭންސިން ސްކީމެވެ.
މީގެތެރެއިން ރާއްޖޭގެ އަތޮޅުތަކުން ހުށަހަޅާ ފަރާތްތަކަށް ރަށްވެހި ފައިނޭންސިންގ ސްކީމްގެ ދަށުން 1 މިލިއަން ރުފިޔާ، އަރބަން ސެންޓަރތަކުން ސަހަރު ފައިނޭންސިންގ ސްކީމަށް އެދި ހުށައަޅާ ފަރާތްތަކަށް 3 މިލިއަން ރުފިޔާ ލިބޭނެއެވެ. މާލެ ސަރަޙައްދަށް ހުޅުވާލި ފުރުޞަތުގައި، ގޭގެ ބެހެނިވެރިންނާއެކު އެކުވެގެން 6 މިލިޔަން ރުފިޔާއިން ފެށިގެން 10 މިލިޔަން ރުފިޔާއާ ހަމައަށް ފައިސާ ލިބޭނެއެވެ.
ރައްޔިތުންގެ އަޑު ޕްރޮގްރާމްގައި ރައީސް ވަނީ ރައްޔިތުން ހުށައަޅުއްވާ ކަންބޮޑުވުންތައް އިންސާފުވެރިކަމާއެކު ރަނގަޅަށް ކޮށްދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ގޯސްކޮށް ގޮސްފައި އޮތްކަމެއްނަމަ ރަނގަޅަށް އެކަމެއްކޮށްދީ އެކަންކަމަށް ހައްލު ގެނެސްދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.