ޚަބަރު

ވޯލްޑް ޓްރެވެލް މާކެޓް: ފަތުރުވެރިކަމުގެ ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް ފެއާ


  • ފެއާ ފެށީ 1980 ވަނަ އަހަރު ލަންޑަނުގެ އޮލިމްޕިއާގައި

  • މިއަހަރު 182 ޤައުމަކުން 4000އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވޭ

  • 2 ބިލިޔަން ޕައުންޑަށްވުރެ ގިނަ ވިޔަފާރީގެ މުޢާމަލާތް

ވޯލްޑް ޓްރެވެލް މާކެޓް، ޑަބްލިއުޓީއެމްއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ނުފޫޒުގަދަ ވިޔަފާރީގެ އެއް ފެއާއެވެ.

މި ފެއާ ފެށީ 1980 ވަނަ އަހަރު ލަންޑަނުގެ އޮލިމްޕިއާގައެވެ. ފުރަތަމަ ފެއާގައި 40 ޤައުމަކުން 221 އެގްޒިބިޓަރުން ބައިވެރިވިއެވެ. އެ އަހަރު 9,000 ވިޔަފާރިއެއް ރަމްޒުކުރާ ފަރާތްތަކުން ފެއާއަށް ޒިޔާރަތްކޮށް ވިޔަފާރީގެ މުޢާމަލާތްތަކުގައި ބައިވެރިވިއެވެ. އޭގެ 40 އަހަރު އަހަރު ފަހުން، މިއަދު މި ހަރަކާތް ވެފައިވަނީ ފަތުވެރިކަމުގެ ވިޔަފާރިއާ ގުޅޭ އެންމެ ބޮޑު ހަރަކާތަށެވެ.

2025 ވަނަ އަހަރުގެ ފެއާގައި 182 ޤައުމަކުން ބައިވެރިވެ، 40,000 އަށްވުރެ ގިނަ ވިޔަފާރި ބައްދަލުވުން ބާއްވާފައިވެއެވެ.

މިއަހަރުގެ ފެއާގައި 4000 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެއެވެ. 46،000 ބައްދަލުވުން ކުރިއަށްދެއެވެ. މިއީ އެތައް ވިޔަފާރީގެ ގުޅުންތައް ބަދަހިވެގެންދިޔަ ފެއާއެކެވެ.

މިދިޔަ އަހަރުގެ ފެއާއިން 2.2 ބިލިޔަން ޕައުންޑަށްވުރެ ބޮޑު ޢަދަދެއްގެ ވިޔަފާރި މުޢާމަލާތްތައް ހިންގާފައިވެއެވެ. މި ފެއާގެ ޑިމާންޑް އަހަރުން އަހަރަށް އިތުރުވަމުންދާއިރު، މިއަހަރުވެސް ވިޔަފާރި މުޢާމަލާތްތަކުގެ އަގު 2 ބިލިޔަން ޕައުންޑަށްވުރެ އިތުރުވާނެކަމަށް އަންދާޒާކުރެއެވެ.

ޑަބްލިއުޓީއެމް ލަންޑަން 2002 ވަނަ އަހަރުން ފަށައިގެން ބާއްވަމުން އަންނަނީ ކޮންމެ ނޮވެމްބަރު މަހު، ލަންޑަންގެ އެކްސެލް އެކްސެލް އެގްޒިވިޝަން ސެންޓަރުގައެވެ. މި ފެއާއަކީ ޤައުމުތަކުގެ ޓޫރިޒަމް ބޯޑުތަކާއި، ހޮޓެލް ގުރޫޕުތަކާއި، ޓުއާ އޮޕަރޭޓަރުންނާއި، އެއާލައިންތަކާއި، ޓެކްނޮލޮޖީ ކުންފުނިތައް އެއް ތަނަކަށް ޖަމާވެ، ވިޔަފާރި ގުޅުންތައް ބިނާކޮށް، އައު ހަރާކާތްތައް ފެށުމަށް ބޭނުންކުރާ ޕްލެޓްފޯމެކެވެ.

ދިވެހިރާއްޖެ ޑަބްލިއުޓީއެމްގައި ބައިވެރިވާން ފެށީ 1985 ވަނަ އަހަރުއެވެ. ފެއާގައި ބައިވެރިވާ ވިޔަފާރިތައް އަހަރުން އަހަރަށް އިތުރުވަމުން އަންނައިރު، މިއަހަރުގެ ފެއާގައި ރާއްޖޭގެ 62 ކުންފުންޏަކުން 136 ބައިވެރިން ހިމެނޭ 161 މީހުންގެ ވަފުދެއް ބައިވެރިވެއެވެ. މިއަހަރުގެ ފެއާގައި ރާއްޖެއިން ވަނީ "ވިޒިޓް މޯލްޑިވްސް އިއަރ 2027" ރަސްމީކޮށް ބައިނަލްއަޤުވާމީ މީޑިއާއާއި ޓްރެވެލް ޓްރޭޑް ޕާޓުނަރުންނަށް ތަޢާރަފުކޮށްފައެވެ.

އިނގިރޭސިވިލާތަކީ ރާއްޖެއަށް 3 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމެވެ. ޑަބްލިއުޓީއެމްގައި ރާއްޖެ ބައިވެރިވުމުގެ ސަބަބުން އިނގިރޭސި މާކެޓުގެ މުހިންމު އޮޕަރޭޓަރުންނާއި މީޑިއާތަކާ ގުޅުން ބަދަހިކޮށް، ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު ދެމެހެއްޓެނިވި ގޮތެއްގައި އިތުރުކުރުމަށް ބާރަކަށް ވަނީ ވެފައެވެ.