ރާއްޖޭގެ އެކި ރަށްރަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެކި ސަރުކާރުތަކުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ފަށައެވެ. ނަމަވެސް މިފަދަ ބައެއް މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ހަވާލުކުރާ ކުންފުނިތަކަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުނިމި ދިގުލައިގެންދެއެވެ.
އެފަދަ މަޝްރޫޢުތައް ނުނިމި ދިގުލައިގެން ދިޔުމުގެ ސަބަބުން ދެން ޖެހެނީ އަލުން އެހެން ކުންފުންޏަކާ މަސައްކަތް ހަވާލުކުރާށެވެ. އެއްބަސްވުން ބާޠިލްކޮށް އެހެން ކުންފުންޏަކާ ހަވާލުކޮށް އަލުން މަސައްކަތްތައް ފަށަންވެސް ދުވަސް ނަގައެވެ. ބޯހިޔާވަހިކަމުގެ މަޝްރޫޢުއެއް ފަށާ ނުނިމި ދިގުލައިގެން ގޮސްފައިވާ އެއް ރަށަކީ ކުޅުދުއްފުށި ސިޓީއެވެ.
އެ ސިޓީގައި 400 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް މިދިޔަ ސަރުކާރުން ހަވާލުކުރީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗަރ ކުންފުނިކަމުގައިވާ ޓުވެންޓީ ތާރޑް މެޓާލާރޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑާއެވެ. 2023ވަނަ އަހަރު އޭރުގެ ސަރުކާރުން އެއްބަސްވުން ހެދީ، 2024ވަނަ އަހަރުގެ ނޮވެންބަރަށް މަސައްކަތް ނިންމުމަށެވެ. ނަމަވެސް މަސައްކަތް ނިންމާފައެއް ނުވެއެވެ.
ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ފެށީ 2024ވަނަ އަހަރުގެ މޭ މަހުއެވެ. އެއީ 11 ފަންގިފިލާގެ 5 ޓަވަރުގެ މަސައްކަތެވެ. އެ މަޝްރޫޢުގައި މިހާތަނަށް ކުރިއަށް ގެންގޮސްފައިވަނީ ބައެއް ޓަވަރުތަކުގެ ފައުންޑޭޝަން މަސައްކަތާއި ބައެއް ޓަވަރުތަކުގެ ތަނބުތައް ޖެހުމުގެ މަސައްކަތް އެކަންޏެވެ. މުޅި މަޝްރޫޢުގައި ނިންމާފައި އޮތީ %18 މަސައްކަތެވެ. އޭގެފަހުން މަސައްކަތްތައް ނުނިމި، އޮތީ މުޅިން ހުއްޓިފައެވެ.
މަސައްކަތް ދިގުލައިގެން ދިޔުމާ ގުޅިގެން މި ސަރުކާރުން ވަނީ ކުރިން ހަދާފައި އޮތް އެއްބަސްވުން ބާޠިލްކޮށް އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކޮށްފައެވެ. އަދި އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ރެއިންބޯ ކޮންސްޓްރަކްޝަނުން ދަނީ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ކުރަމުންނެވެ. އެ ކުންފުނިން ހައުސިން ޔުނިޓްތައް އަޅާ ސައިޓްއަށް ދިޔައިރު ތަން އޮތީ ވީރާނާވާން ދޫކޮށްލާފައެވެ. ނަމަވެސް މިހާރު ވަނީ އެ ސައިޓް ސާފުކޮށް އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ސިީޓީ ކައުންސިލް މެމްބަރު އިބްރާހީމް އަޙްމަދު ވިދާޅުވީ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ފެށުމަށް ސައިޓް މޮބިލަިއޒްކުރަން ބޭނުންވާ ސާމާނާއި މަސައްކަތް ކުރާނެ މީހުންވެސް ގެނެސްފައިވާކަމަށެވެ. އަދި މަސައްކަތަށް ބޭނުންވާ ސާމާނު ކޮންމެ ހަފްތާއެއްގައިވެސް ގެންނަމުންދާކަން ފާހަގަކުރައްވާ އިބްރާހީމް ވިދާޅުވީ މިމަހުގެ ފުރަތަމަ ފަނަރައިގައި ޓަވަރ ބީގެ ފުރަތަމަ ސްލެބް އަޅާނެކަމަށެވެ. އަދި 2 އަހަރުތެރޭގައި ހައުސިން ޔުނިޓްތަކުގެ މަސައްކަތް ނިންމާލެވޭނެކަމަށް ކައުންސިލް މެމްބަރު އިބްރާހީމް އަޙްމަދު ވިދާޅުވިއެވެ.
" ބޯހިޔާވަހިކަމަކީ ކުޅުދުއްފުއްޓަށްވެސް ދިމާވެފައި އޮތް ބޮޑު މައްސަލައެއް. ހައުސިން ޔުނިޓްގެ މަސައްކަތް ކުރީ ސަރުކާރުން ފެށިނަމަވެސް މަސައްކަތް އޮތީ ހުއްޓާލާފައި. މިހާރު އެޗްޑީސީއަ ހަވާލުކޮށްގެން މަސައްކަތް ދަނީ ކުރަމުން. އެންމެ ފަހުގެ މަސައްކަތްތައް، ފުރަތަމަ ސްލެބް އެޅުމަށް ތައްޔާރުވަމުންދަނީ. ބެޗިން ޕްލާންޓް އަދި ޓަވަރ ކެރޭން އިންސްޓޯލް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން." ކުޅުދުއްފުށީ ސިީޓީ ކައުންސިލް މެމްބަރު އިބްރާހީމް އަޙްމަދު ވިދާޅުވިއެވެ.
ކުޅުދުއްފުށީގައި ފެށި 400 ހައުސިން ޔުނިޓަކީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މި މަޝްރޫޢަށް 443.9 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން ލަފާކޮށްފައިވެއެވެ. ކުޅުދުއްފުށި ސިޓީގެ އާބާދީ 10000އިން މައްޗަށް އަރައެވެ. އެސިޓީގެ ރައްޔިތުންގެ އިތުރުން، އެރަށުގައި ތަޢުލީމާ ޞިއްޙީ އެކި ޚިދުމަތްތަކަށް ރަށަށް ހިޖުރަކޮށް ދިރިއުޅޭ އާއިލާތައްވެސް ގިނައެވެ.
މި 400 ޔުނިޓްގެ އިތުރުން، ސަރުކާރުން އަތޮޅުތެރޭގެ ރަށްރަށަށް ޚާއްސަކޮށް ތަރައްޤީކުރަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްތަކުގެ ތެރެއިން، ކުޅުދުއްފުށީގައި އިތުރު 2000 ހައުސިން އިމާރާތްކުރުމަށް ނިންމާ ވަނީ ބިންގާވެސް އަޅާފައެވެ.