އަންނަ އަހަރު ޝާމިލު މުޖުތަމައެއް ބިނާކުރުމުގެ ޤައުމީ މަޝްރޫޢެއް ފަށަން ނިންމައިފިއެވެ. އެކަން ހާމަކުރެއްވީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި 59.7 ބިލިއަން ރުފިޔާގެ ބަޖެޓުގެ ތަފްސީލްތައް ޙިއްސާކުރައްވަމުން، ވަޒީރު ވިދާޅުވީ، އިޖުތިމާޢީ ރައްކާތެރިކަމާއި، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަރަށް ޚައްސަ އިސްކަމެއް ދެއްވާފައިވާކަމަށެވެ.
އިޖުތިމާޢީ ތަރައްޤީއާއި ދީނީ ރިވެތި އަޚްލާޤީ ނިޒާމެއް ދެމެހެއްޓުމަކީ، މި ސަރުކާރުން އަބަދުވެސް އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދޭ ދާއިރާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް، ދިރިއުޅުމުގެ އެންމެހައި ކަންކަމުގައި ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާކަމެއްކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި ނާޒުކު އާބާދީތައް ބާރުވެރިކުރުވުމަށްޓަކައި ޝާމިލު މުޖުތަމައެއް ބިނާކުރުމުގެ ޤައުމީ މަޝްރޫޢެއް ފެށުން މިބަޖެޓުގައި ހިމަނާފައިވުމަކީ، ގުޅިގެން މަސައްކަތްކުރާ މުޖުތަމަޢު އެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤުޞަދަކީ، ދިވެހި މުޖުތަމަޢުގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެއްވެސް ދަތިކަމެއް ނެތި، އެންމެ ބޭނުންވާ ޚިދުމަތްތައް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. މި ގޮތުން، އެ ފަރާތްތަކަށް މަގުތަކާއި، ސްކޫލުތަކާއި، ހެލްތު ސެންޓަރުތަކުން ޚިދުމަތް ހޯދުމުގައި، އިންކްލޫސިވް އަދި އެކްސެސިބަލްކުރުމަށް ޚާއްސަ އިސްކަމެއް ބަޖެޓުގައި ދީފައިވެއެވެ.
ވަޒީރު ވިދާޅުވީ ދިވެހިންގެ މެދުގައި ދުޅަހެޔޮ ބަދަހި މުޖުތަމައެއް ބިނާވެފައި އޮތުމަކީ މި ސަރުކާރުން އަބަދުވެސް އަހަންމިއްޔަތުކަންދެއްވާ ކަމަށެވެ. އެގޮތުން އާއިލާތަކާއި ރައްޓެހިންނަށް އެކުގައި ވަގުތު ހޭދަކޮށް، ހިތްހަމަޖައްސާލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ތަރައްޤީކުރުމަށް ބަޖެޓުގައި ހިމަނާފައިވެއެވެ.
ޤައުމިއްޔަތު ދިރުވާ އާލާކޮށް މުޖުތަމަޢުގެ ބަދަހިކަން އިތުރުކުރުމަށް ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން، އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ ނަމުގައި، ދިވެހިންގެ ތެރޭގައި އިޙްތިރާމް އަދާކުރުމުގެ ރިވެތި އާދަ އަށަގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަކަށް މަޝްރޫޢުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.