ތަޢުލީމީ ލޯނު ފެސިލިޓީއަށް 651 މިލިޔަނަށްވުރެ ގިނަ ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހަޅުއްވައިދެއްވަމުން މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ވަނީ، ތަޢުލީމީ ދާއިރާއަށް ކަނޑައަޅުއްވާފައިވާ ބަޖެޓުގެ މުހިންމު ތަފްސީލުތައް ޙިއްސާކުރައްވާފައެވެ.
ވަޒީރު ހާމަކުރެއްވި ގޮތުގައި އަންނަ އަހަރުވެސް ހިލޭ ޑިގްރީ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް 136.3 މިލިޔަން ރުފިޔާ ހޭދަކުރުމަށް ވަނީ ހަމަޖެހިފައެެވެ. އަދި މަތީ ތަޢުލީމު ޙާސިލުކުރާ ދަރިވަރުންނަށް ލޯނު ފެސިލިޓީ ދޫކުރުމަށް 651 މިލިޔަނަށްވުރެ ގިނަ ރުފިޔާ އަންނަ އަހަރަށް ކަނޑައަޅާފައިވެއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ތަޢުލީމީ ދާއިރާގެ ޢުމްރާނީ ތަރައްޤީއަށް އަންނަ އަހަރު އިސްކަންދެއްވާފައިވާ ކަމަށެވެ. އެގޮތުން ކްލާސްރޫމްތަކާއި، މަލްޓިޕާޕަސް ހޯލްތައް އެޅުމުގެ އިތުރުން ލެބޯޓްރީތަކާއި، މަތީ ތައުލީމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.
"ފާގަތި ޤައުމެއް ބިނާކުރުމަށް ބޭނުންވާ ހުނަރާއި ޢިލްމު އުނގަންނައިދިނުމަށްޓަކައި، ކޮންމެ ކުއްޖަކަށްމެ ފެންވަރު ރަނގަޅު ތައުލީމެއް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރިކަމެއް. މި މަޤުސަދު ހާސިލުކުރުމަށް އެހީތެރިވުމުގެ ގޮތުން މިބަޖެޓުގައި ރާއްޖޭގެ އެކި ރަށްރަށުގައި ތައުލީމީ ދާއިރާގެ އުމްރާނީ ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވޭ." މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވިއވެ.
ކޮންމެ ކުއްޖަކީވެސް ތަފާތު ގޮތްގޮތަށް އުނގެނޭ ކުއްޖެއް ކަމަށާއި، އެ ކުއްޖެއްގެ ފުރިހަމަ ޤާބިލިއްޔަތަށް ވާސިލުވުމުގެ ފުރުސަތު ކޮންމެ ކުއްޖަކަށްމެ ލިބެންޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެ އަމާޒު ހާސިލުކުރުމަށް އިންކްލޫސިވް އެޑިޔުކޭޝަންގެ ނިޒާމު ވަރުގަދަ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީ، އިތުރަށް ހަރުދަނާ ކުރުމަށް މި ބަޖެޓުގައި ހިމަނާފައިވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.