ރަސްމާލޭގައި ތަރައްޤީކުރާ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫޢުން ކޮންމެ ހެކްޓަރަކަށް ޓީޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ 8 ގުނަ އިތުރުވާނެ ކަމަށް ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމްގައި ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.
ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ ރަސްމާލެ މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދަށް އެކި ގޮތްގޮތުން ފައިދާވާނެ މަޝްރޫޢެއް ކަމަށާއި ޚާއްސަކޮށް، އެ މަޝްރޫއު ވެގެންދާނީ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކުރުމަށް ހުޅުވާލެވޭ ފުރުސަތަކަށް ކަމަށެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ރިސޯޓުތަކާއި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންވެސް ތަކުރާރުކޮށް އައުމަށް ބާރު އަޅާނެ މަޝްރޫއަކަށް އެ މަޝްރޫޢު ވާނެކަމަށް ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫޢު އެއްކޮށް ނިމުމުން އެތަނުގައި ތަރައްޤީކުރާ ޕްރޮޕަޓީތަކުގައި ޗުއްޓީ ހޭދަކުރުމަށް އަހަރަކު 1 މިލިޔަން ފަތުރުވެރިން އަންނާނެ ކަމަށްވެސް ވަޒީރު ލަފާކުރައްވައެވެ. މިހާރު ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ދޫކޮށްފައިވާ ފަޅުތަކާއި ރަށްތަކުން ލިބޭ އާމްދަނީއަށްވުރެ ރަސްމާލޭގެ މަޝްރޫއުން ލިބޭ އާމްދަނީ އިތުރުވާނެ ގޮތްތައް ވަޒީރު ވަނީ ތަފްސީލުކޮށްދެއްވާފައެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް ނުވަތަ ޓީޖީއެސްޓީއަކީ މިވަގުތު ރާއްޖޭގައި އެއް ދާއިރާއަކުން އެންމެ ބޮޑު އާމްދަނީއެއް ވަންނަ ދާއިރާކަން ފާހަގަކުރައްވައި ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވީ ރަސްމާލޭގެ މަޝްރޫޢު ނިމުމުން އެތަނުން ޓީޖީއެސްޓީގެ ގޮތުގައި ހެކްޓަރަކަށް ލިބޭ ޓީޖީއެސްޓީ 8 ގުނަ އިތުރުވާނެ ކަމަށެވެ.
މިހާރު 500 ހެކްޓަރުގައި 3 ރިސޯޓުގެ ޖާގަ އޮންނައިރު އެ 3 ރިސޯޓުން ޓީޖީއެސްޓީގެ ގޮތުގައި އަހަރަކު ލިބޭނީ 42.5 މިލިޔަން ޑޮލަރު ކަމަށާއި ރަސްމާލޭގެ 500 ހެކްޓަރުން އަހަރަކު ޓީޖީއެސްޓީގެ ގޮތުގައި 340 މިލިޔަން ޑޮލަރު ލިބޭނެ ކަމަށް ވަނީ އަންދާޒާކުރައްވާފައެވެ.
"ކޮންމެ ހެކްޓަރަކަށް ބަލާއިރު މިފަދަ މިކްސްޑް ޔޫސް ސިޓީއަކުން އާންމުކޮށް ރިސޯޓަކުން ލިބޭ ޓީޖީއެސްޓީއަށްވުރެ 8 ގުނަ އިތުރަށް ލިބޭނެ. އެއީ ހެކްޓަރަކަށް އަހަރަކު 680،000 ޑޮލަރުގެ ޓީޖީއެސްޓީ. ނަމަވެސް އެވަރުގެ ފަޅެއްގައި ތަރައްގީކުރާ ރިސޯޓަކުންވެސް ލިބޭނީ ހެކްޓަރަކަށް އަހަރަކު 85،000 ޑޮލަރު،" ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ރަސްމާލެ މަޝްރޫޢުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ހީނަރުކަމެއް ނާންނާނެ ކަމަށެވެ. އަދި މިއީ ރާއްޖެއަށް ގުދުރަތީ ގޮތުން ލިބިފައިވާ ރީތިކަމާއި އެ ރީތިކަން މިނިވަންކަމާއެކު ތަޖުރިބާކުރުމުގެ ފުރުސަތުގެ ބޭނުން ހިފައި، ރާއްޖޭގެ އިގްތިސާދު އިތުރު ހަރުފަތަކަށް ގެންދިއުމަށް މުހިންމު މަޝްރޫޢެއްކަންވެސް ފާހަގަކުރެއްވިއެވެ.