ޚަބަރު

"ޕާކިސްތާން ދަތުރުން އެޅިގެން ދިޔައީ ދެ ޤައުމުގެ ގުޅުމުގެ ވަރުގަދަ ބިންގަލެއް"


  • ވިޔަފާރީގެ ގުޅުން ބަދަހިވާނެކަމުގެ ޔަޤީންކަން ލިބިގެންދިޔަ

  • ފެށިގެން މިދަނީ ދެ ޤައުމުގެ ގުޅުމުގެ އައު ބާބެއް

ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅާއެކު އެޅިގެން ދިޔައީ ދެ ޤައުމުގެ ގުޅުމުގެ ވަރުގަދަ ބިންގަލެއް ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މީސްމީޑީއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިމަހުގެ 20 އިން 22 އަށް ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ވަނީ ނިންމަވާލައްވާފައެވެ.

މިދަތުރުފުޅާއެކު ދެ ޤައުމުގެ ދެމެދު އޮތް ގުޅުން ވަރުގަދަވެގެން ގޮސްފައިވާ ކަމަށް ސަރުކާރުން ވިދާޅުވިއެވެ. އެގޮތުން ސޮއިކުރެވުނު ފަހުމުނާމާތަކާއި ހުޅުވިގެން ދިޔަ އައު ވިޔަފާރިއާއި އިންވެސްޓްމެންޓް އަދި އިޤްތިޞާދީ ގުޅުމުގެ ދޮރުތައް ވެގެން ދިޔައީ ދެ ޤައުމުގެ ބަދަހި ގުޅުން އިތުރު ދައިރާތަކުން ކުރިއެރުމަށް ދެ ޤައުމުން ދޭ އަހަމިއްޔާތުކަން ސަރުކާރުން ފާހަގަކުރެއްވިއެވެ.

މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި ދަތުރުފުޅަކީ ޕާކިސްތާނާއި ރާއްޖޭގެ ގުޅުމުގެ އައު ބާބެއްގެ ފެށުން ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނަށާއި ދިވެހި ވަފުދާއި ބެހެއްޓެވި ގާތްކަމަށާއި އަދާކުރެއްވި މެހެމާންދާރީއަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

މިދަތުރުފުޅުގެ ތެރެއިން ދެޤައުމުގެ ވިޔަފާރީގެ ގުޅުން ބަދަހިކޮށް މިހާރު ކުރެވޭ ވިޔަފާރީ މުޢާމަލާތުގެ އަގު 13 މިލިޔަން ޑޮލަރުން 200 މިލިޔަން ޑޮލަށް 2 އަހަރު ތެރޭގައި އިތުރުކުރުމަށް ޕާކިސްތާނާއި ރާއްޖެ ގުޅިގެން މަސައްކަތް ކުރުމުގެ ޔަޤީންކަމަކީ މިދަތުރުފުޅުގެ އެންމެ މުހިންމު ކާމިޔާބީކަން ފާހަގަކުރެއްވިއެވެ.



ޕާކިސްތާން-ރާއްޖޭ ބިޒްނަސް ފޯރަމުން ކާމިޔާބީ ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، މި ފޯރަމުގެ ސަބަބުން ދެ ޤައުމުން ތަޞައްވުރުކޮށް ހާސިލްކުރަން ބޭނުންވާ އިންވެސްޓްމެންޓާއި ބަދަހި ވިޔަފާރީގެ ގުޅުމާއި، މާނަހުރި އިޤްތިޞާދީ ގުޅުމަށް ވަރުގަދަ ބިންގަލެއް އެޅިގެންގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން 20 ފަހުމުނާމާއެއްގައި ސޮއިކުރުމަކީ ދެ ޤައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސް ޢަމަލީ ސިފަގެނެވޭ ގުޅުމަކަށް ބަދަލުވެގެން ދިޔަކަމުގެ ހެއްކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިދަތުރުފުޅު ނިންމަވާލައްވަނީ ޕާކިސްތާނާއި ރާއްޖޭގެ ގުޅުން މިހާރަށްވުރެ ފުޅާވެ، ދެ ޤައުމަށް ފައިދާކުރާނެ ގުޅުމަކަށްވުމުގެ ބިންގާ އެޅިގެންކަން ޔަޤީންކުރައްވާ ކަމަށެވެ. އަދި މިހާ ހިސާބަށް ގުޅުން ދެމިގެން އައީ އެކުވެރިކަމުގައި ކަމަށާއި، ދެ ޤައުމުގެ ތަޞައްވުރާއެކު އައު އުސްމިންތަކަށް ގުޅުން ގެންދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ފާއިތުވި 10 އަހަރުތެރޭގައި ރާއްޖޭގެ ވެރިއަކު ޕާކިސްތާނަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. އަދި މިއަރަހަކީ ދެ ޤައުމު ޚާރިޖީ ގުޅުން ޤައިމްކުރިތާ 60 އަހަރު ފުރޭ އަހަރެވެ.