ތަރައްްޤީ

"ހުޅުމީދޫ ނެރުގެ ސަބަބުން ބޮޑެތި ފަސޭހަ ތަކެއް ލިބޭނެ"


އައްޑޫސިޓީ ހުޅުމީދޫއާ ވީ ފަރާތުގައި އަލަށް ކަނޑުއްވާ ނެރުގެ ސަބަބުން، ފުވައްމުލަކާ އައްޑުއާ ދެމެދުކުރާ ކަނޑުދަތުރުތަކަށް ބޮޑެތި ފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށް ދެކުނުގެ ދަތުރުފަތުރުގެ ޚިދުމަތް ދެމުންދާ ކުންފުނި، އެމް.ޕީ.އެލްގެ ސީ.އީއޯ މުޙައްމަދު ޖުނައިދު ވިދާޅުވެއްޖެއެވެ. 

ޖުނައިދު ވިދާޅުވީ، ހުޅުމީދޫ ހުޅަނގު ފަރާތުން، އަލަށް ކަނޑުއްވާ ނެރު ވެގެންދާނީ އައްޑޫސިޓީގެ ގޭޓްވޭގެ ގޮތުގައި ކަމަށެވެ. ނެރުގެ ސަބަބުން ފުވައްމުލަކަށް ކުރާ ފެރީގެ ދަތުރުތައް ކުރުމުގައި 20 މިނިޓް އަވަސްވެގެންދާނެ ކަމަށް ޖުނައިދު ފާހަގަކުރެއްވިއެވެ. ނެރު ކެނޑުމަށް އެންވަޔަރމަންޓް މިނިސްޓްރީން ނަގަންޖެހޭ ހުއްދަތައް ލިބިފައި ވުމާއެކު މިކަމަށްޓަކައި ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވަމުން ގެންދަވާ ކަމަށް ޖުނައިދު ވިދާޅުވިއެވެ. ޖުނައިދު ވިދާޅުވީ އަލަށް ކަނޑުއްވާ ނެރުގެ ސަބަބުން ހުޅުމީދުއަށްވެސް ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. 

img:http://s4.psmnews.mv/images/660x400/14792245552307.jpg|ނެރު ކެނޑުމަށް ރައްޔިތުންގެ ތާއީދު އޮތްކަން ހާމަކޮށްދިނުމުގެގޮތުން ބޭއްވި ހަރަކާތް - ފޮޓޯ: ޕީއެސްއެމް

ނެރު ކެނޑުމަށް ރައްޔިތުންގެ ތާއީދު އޮތްކަން ހާމަކޮށްދިނުމުގެ ގޮތުން މިއަދު ހަވީރު ހުޅުމީދޫގައި ވަނީ ޙަރަކާތެއްވެސް ބާއްވާފައެވެ. މި ޙަރަކާތުގައި އައްޑޫސިޓީގެ ހުޅުދޫއާއި މީދޫގެ އިތުރުން ފުވައްމުލަކުގެ ރައްޔިތުންވެސް ބައިވެރިވިއެވެ. އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ނެރު ކެނޑުމާ ދެކޮޅަށް ވާހަކަފުޅު ދައްކަވާފައިވާތީ މިޙަރަކާތުގައި ބައިވެރިވި ފަރާތްތަކުންވަނީ ރޮޒެއިނާއާ ދެކޮޅަށް އަޑުއުފުލާފައެވެ. 

އެފަރާތްތަކުން ބުނީ ނެރު ކަނޑުމަށް ރައްޔިތުންގެ ތާއީދު އެބަ އޮތް ކަމަށާއި، އެ މަޝްރޫޢުގެ ސަބަބުން ހުޅުމީދުއަށް ތަރައްޤީ އަންނާނެ ކަމަށެވެ.