ވިލުންތެރި ޞިއްޙީ ނިޒާމަކަށް ދެމެހެއްޓެނިވި މާލީ އެހީ ކަށަވަރުކުރަންޖެހޭކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ. ޚާރިޖީ ވަޒީރު މިކަން ފާހަގަކުރައްވާފައިވަނީ، އދ. އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައި-ލެވަލް ހަފުތާގެ ހަވާސާގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިންނެވެ.
ދުނިޔޭގެ ފެންވަރުގައި އެކި ޖީލުތަކުގެ ބައިވެރިވުމާއެކު، ބަލިމަޑުކަމާއި ޞިއްޙީ ކުއްލި ނުރައްކާތަކުން ރައްކާތެރިވުމަށާއި، އެފަދަ ޙާލަތްތަކަށް ތައްޔާރުވުމުގެ އިތުރުން އިޖާބަދިނުމާ ގުޅޭގޮތުން އދ. އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައި-ލެވަލް ހަފުތާގެ ހަވާސާގައި ބޭއްވި "ޔޫއެން ހައި-ލެވަލް މީޓިންގ އޮން ޕެންޑަމިކް ޕްރިވެންޝަން، ޕްރިޕެއާޑްނަސް އެންޑް ރެސްޕޯންސް" ގައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
މި ބައްދަލުވުމުގައި ވަޒީރު އިރުތިޝާމް އާދަމް، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން 2020 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ވޭތުވެދިޔަ 15 އަހަރުގެ ތަރައްޤީގެ ކުރިއެރުންތައް ފަހަތަށް ދިޔަކަން ފާހަގަކުރެއްވިއެވެ. އަދި ސިޑްސް ޤައުމުތަކަށް ދެމެހެއްޓެނިވި މާލީ އެހީތެރިކަމާއި، ވެކްސިނާއި ބޭހާއި ބަލި ދެނެގަންނަ ވަސީލަތްތައް ފޯރުކޮށްދެވޭނެ ވަރުގަދަ ނިޒާމުތަކެއް ބޭނުންވާކަންވެސް ފާހަގަކުރެއްވިއެވެ. ޞިއްޙީ ދާއިރާގެ އިންސާނީ ވަސީލަތްތަކާއި، ޓެކްނޮލޮޖީ ބަދަލުކުރުމާއި، އަދި ބަލިތައް މޮނިޓަރކުރާ ލެބޯޓްރީ ނެޓްވޯކްތަކަށް އިންވެސްޓްކުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗްއޯގެ "ޕެންޑެމިކް އެގްރީމަންޓް" އަދި "އިންޓަރނޭޝަނަލް ހެލްތު ރެގިއުލޭޝަންސް (2005)" ގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ކުރިމަގުގައި އަތުވެދާނެ ބަލިމަޑުކަމަކަށް ތައްޔާރުވުމަށްޓަކައި މާލީ ވަސީލަތްތައް ކަށަވަރުވެފައި އޮތުމާއި، ނިޒާމުތައް އެކަތިގަނޑަކަށް ގުޅިލާމެހިފައިވުމާއި، ބޭނުންވާ ތަކެއްޗާއި ވަސީލަތްތައް ހަމަހަމަކަމާއެކު ލިބޭނެ މަގު ފަހިވެފައި އޮތުމުގެ އިތުރުން މުޖުތަމަޢުގެ ފުރިހަމަ ތައްޔާރީ ޙާލަތު އޮތުމަކީ އިންސާނީ ފުރާނަ ސަލާމަތްކުރުމަށް ކޮންމެހެން މުހިންމު ކަންކަން ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
މިއީ އދ.ގެ އާންމު މަޖިލީހުގެ ގަރާރު ނަންބަރު 79/333 ގެ ދަށުން ބާއްވަމުންދާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ބަލިމަޑުކަމުން ރައްކާތެރިވުމާ ގުޅޭގޮތުން 2023 ވަނަ އަހަރު ފާސްކުރި "ޕޮލިޓިކަލް ޑެކްލެރޭޝަން އޮން ޕެންޑެމިކް ޕްރިވެންޝަން ޕްރިޕެއާޑްނެސް އެންޑް ރެސްޕޮންސް" ތަންފީޒުކުރަމުންދާ މިންވަރު މުރާޖަޢާކުރުމެވެ.
މި ބައްދަލުވުމުގެ މަޝްވަރާތައް ބިނާވެފައިވަނީ ދުނިޔޭގެ ފެންވަރުގައި މިދާއިރާއިން ލިބިފައިވާ ކުރިއެރުންތައް ދެނެގަތުމަށާއި، ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަލިތަކަށް އިޖާބަދެވޭފަދަ ވަރުގަދަ ޞިއްޙީ ނިޒާމުތަކެއް ބިނާކުރުމުގެ މައްޗަށެވެ. އަދި މި އަހަރު ބޭއްވި ބައްދަލުވުމަކީ ޕެންޑެމިކް ޕްރިވެންޝަން ޕްރިޕެއާޑްނެސް އެންޑް ރެސްޕޮންސް ގެ ދެވަނަ ހައި-ލެވެލް ބައްދަލުވުމެވެ.