ދިވެހި ޒުވާނުންނަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފެށުމަށާއި އައު އީޖާދީ ޚިޔާލުތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ހުޅުވާލި ލޯނު ސްކީމުގެ ދަށުން 289 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
"ޔޫތު އެންޓަރޕްރަނަރޝިޕް ފައިނޭންސިންގ" ތަޢާރަފްކޮށްފައިވަނީ މިދިޔަ ޖުލައި މަހުގައެވެ.
ޕީއެންސީ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މި ސަރުކާރުން ކުދި ވިޔަފާރިތަކަށް ފުރުޞަތުތައް ދިނުމަށް ސަމާލުކަން ދެއްވާކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން 1 ބިލިޔަން ރުފިޔާގެ ލޯނު ސްކީމެއް ހުޅުވާލާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ފުރަތަމަ ބުރުގައި 300 މިލިޔަން ރުފިޔާ ހިމަނާފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިހާތަނަށް އެ ސްކީމަށް އެދި 3536 ޒުވާނަކު ހުށަހަޅާފައިވާކަމަށެވެ. އޭގެ ތެރޭއިން 2081 ޒުވާނަކަށް ލޯނު ދޫކޮށްފައިވާކަމަށާއި އެއީ 289 މިލިޔަން ރުފިޔާކަމަށް ރައީސް ވިދާޅުވިއެވެ.
"ވަރަށް ކުދި ކުދި އިންޓްރެސްޓްގައި. މިއީ ހަމަ ވަރަށް ލުއި ލޯނު ސްކީމެއް. 18 އަހަރާއި 30 އަހަރުގެ ޒުވާނުންނަށް ލޯނު ދޫކޮށްފައި މިވަނީ. މިއީ ޒުވާނުން ބާރުވެރިކުރުމަށް ކުރާކަމެއް. އަޅުގަނޑުމެންގެ ސިޔާސަތަކީ ޒުވާނުން ބާރުވެރިކުރުން. ހުރިހާ އެންމެން ސަރުކާރުގައި އުޅޭކަން ނުޖެހޭ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ލޯނު ސްކީމުގެ ދެވަނަ ބުރަށް އަންނަ ނޮވެންބަރު މަހުގެ ފުރުތަމަ ދުވަހު ހުޅުވާލާނެކަމަށެވެ. އެއް ބިލިޔަން ރުފިޔާގެ ލޯން ސްކީމް ހަމަވާއިރު، ކުދި ވިޔަފާރިތައް ފެށުމަށް ގާތްގަނޑަކަށް 6000 ޒުވާނުންނަށް ލޯނު ދޫކުރެވޭނެކަމަށެވެ. ސަރުކާރު ހިއްސާވާ ކުންފުނިތައް ރައިޓް ސައިޒް ކުރަނީ، ކުންފުނިން ބޭރަށް ދާން ޖެހޭ ޒުވާނުންނަށް މިފަދަ ފުރުޞަތުތައްވެސް ހޯދައިދެމުންކަން ރައީސް ފާހަގަކުރެއްވިއެވެ.
ޝަރުތު ހަމަވާ ފަރާތްތަކަށް 150,000 ރުފިޔާއާ ހަމައަށް ފައިނޭންސިންގ ލިބޭ މި ފެސިލިޓީއަކީ ވިޔަފާރިއެއް ފަށަން ބޭނުންވާ ޒުވާނުންނަށާއި ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށް އެމީހުންގެ މަސައްކަތް ފެށުމަށް ނުވަތަ ފުޅާކުރުމަށް ބޭނުންވާ ރައުސްމާލު ހޯދައިދިނުމަށް ހުޅުވާލެވުނު ފަހި ފުރުސަތެކެވެ.
އަހަރަކު %7 ގެ ކުޑަ ޕްރޮފިޓް ރޭޓެއްގައި ދޫކުރާ މި ފެސިލިޓީގެ ދަށުން، ލޯނަށް އެދޭތާ 24 ގަޑިއިރު ތެރޭގައި ގޮތެއް ނިންމައި، އަވަސްކަމާއެކު ފައިސާ ލިބޭނެ އިންތިޒާމު ބީއެމްއެލްއިން ވަނީ ހަމަޖައްސާފައެވެ. މި ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭއިރު، 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއްވެސް ލިބޭނެއެވެ. ފައިސާގެ އެހީގެ އިތުރުން، އެސްއެމްއީ ޑިޖިޓަލްގެ ފަރާތުން ވިޔަފާރީގެ އަމަލީ އިރުޝާދާއި، މެންޓަރޝިޕް އަދި ތަމްރީނު ފޯރުކޮށްދީ، ކާމިޔާބު އަދި ދެމެހެއްޓެނިވި ވިޔަފާރިއެއް ބިނާކުރުމުގެ ކޮންމެ މަރުހަލާއެއްގައި އެހީތެރިކަން ފޯރުކޮށްދޭނެއެވެ.