ހއ. އުތީމުގައި އަލަށް ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ހުޅުވައިފިއެވެ.
"މޫތީ ޕާކު"ގެ ނަމުން ނަން ދީފައިވާ މި ޕާކު ރަސްމީކޮށް ހުޅުވައިދެއްވީ ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު މުނާޒުއެވެ. ޕާކު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެފައިވެއެވެ.
މުތީ ޕާކަކީ ހއ. އުތީމު ކައުންސިލުން ޚަރަދުކޮށްގެން ތަރައްޤީކުރި ޕާކެކެވެ. މި ޕާކު ތަރައްޤީކޮށްފައިވަނީ އުތީމު ބޯޅަދަނޑާއި އިންވެގެން އޮތް ހުސްބިމުގައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އުތީމު ކައުންސިލުގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވީ، ކައުންސިލުން އިސްނަގައިގެން މިފަދަ ޕާކެއް ތަރައްޤީކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ރަށުގައި ކުޑަކުދިންގެ ޕާކެއް މިވަގުތު ޤާއިމުވެފައިނެތުމުން، ކުޑަކުދިންނާއި އާންމުންގެ ހުރި ކަންބޮޑުވުންތަކަށް ޙައްލެއް ހޯދައިދިނުންކަމަށެވެ.
މި ޕާކަށް ބޭނުންވާ ސާމާނު ހޯދުމާއި، ޕާކު ތަރައްޤީކުރުމުގެ މަސައްކަތް ކޮށްފައިވަނީ ކައުންސިލާއި ރަށުގެ އާންމު ރައްޔިތުން ގުޅިގެންކަމަށް ރަޝީދު ވިދާޅުވިއެވެ.
ރަޝީދު ވިދާޅުވީ، ޤައުމީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން މި ޕާކު މިއަދު ރަސްމީކޮށް ހުޅުވުންނަމަވެސް، ޕާކު އިތުރަށް ފުރިހަމަކުރުމުގެ ވިސްނުން ކައުންސިލުން ގެންގުޅުއްވާކަމަށެވެ. އަދި ކުރިއަށްއޮތްތަނުގައި އިތުރު ވަސީލަތްތައް ޕާކުގައި ޤާއިމުކުރެވިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
"ފޭސްތަކަކަށް ބަހާލައިގެން އަޅުގަނޑުމެން މި މަސައްކަތް މިގެންދަނީ. މިވަގުތަށް ޕާކު ހުޅުވާލިނަމަވެސް އިތުރު ކަންކަން އަދި އަންނާނެ. ފެންއަރުވާ ވަޑާމަކާއި އިތުރު ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް އަދި ކުރިއަށްދާނެ. މިތަން އިތުރަށް ފެހިކުރުމުގެ ވިސްނުންވެސް އެބަހުރި" އުތީމު ކައުންސިލުގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
މި ޕާކުގައި އެކި އުމުރު ފުރާގެ ކުދިން ގަޔާވާނެފަދަ ކުޅިވަރުގެ އެކި ވަސީލަތްތައް ވަނީ ޤާއިމުކޮށްފައެވެ. މީގެ ތެރޭގައި ސީސޯއާއި، އުނދޯލީގެ އިތުރުން ބޯޅަ ކުޅޭނެ ސަރަޙައްދެއް ވަނީ ޤާއިމުކޮށްފައެވެ. އަދި މަޑުކޮށްލައިގެން ތިބެވޭނެހެން ޕާކުގެ އެކި ތަންތަނުގައި ބެންޗުތައް ވަނީ ބަހައްޓާފައެވެ. ޕާކުތެރޭގައި ފަސޭހައިން ހިނގާބިނގާވެ އުޅުމަށް ޚާއްސަ ވޯކްވޭތަކެއްވެސް ހަދާފައިވާއިރު، ރޭގަނޑުވެސް މިތަން ބޭނުންކުރެވޭނެހެން ލައިޓްތައްވެސް ހަރުކޮށްފައިވެއެވެ.
މި އަހަރުގެ ޤައުމީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން އުތީމުގައި މިއަދު ވަނީ ޚާއްސަ ކުޑަކުދިންގެ ހަވީރެއްވެސް ކުރިއަށްގެންގޮސްފައެވެ. އުތީމު ކައުންސިލާއި ރަށުގެ މުއައްސަސާތައް ގުޅިގެން ބޭއްވި މި ހަވީރު އޮތީ އުތީމު ގަނޑުވަރު މައިދާނުގައެވެ.
މި ކުޑަކުދިންގެ ހަވީރުގެ ތެރެއިން ކުޑަކުދިން ގަޔާވާނެ ފަދަ ތަފާތު ކުޅިވަރު ހަރަކާތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި ޤައުމީ ދިފާޢީ ބާރުގެ އޮފިޝަލުންނާއެކު ޔުނިފޯމުގައި ފޮޓޯ ނެގުމުގެ ފުރުޞަތު ފަހިކޮށްދީފައިވެއެވެ. އެކި ގޭމް ސްޓޯލްތަކުން ކުދިންނަށް ތަފާތު ހަދިޔާވެސް ބަހާފައިވެއެވެ. މި ހަވީރަށް ކުޑަކުދިންގެ ބޮޑު ތަރުހީބެއް ވަނީ ލިބިގެންގޮސްފައެވެ.
އުތީމަކީ ސަރުކާރުން މިއަހަރުގެ ޤައުމީ ދުވަސް ރަސްމީކޮށް ފާހަގަކުރަމުންދާ ރަށެވެ.
ޤައުމީ ދުވަހުގެ މުނާސަބަތުގައި ކުރިއަށްދިޔަ ޚާއްސަ ހަރަކާތްތަކަށް ބަލާއިރު، ހަވާ އެރުވުމާއި، ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ އުތީމުގައި ވަނީ ބާއްވާފައެވެ. އަދި ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި ހުޅުވުމާއި، ކަނދުވަލު މިސްކިތް ސަރަޙައްދުގައި ޤާއިމުކޮށްފައިވާ ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދު ކިޔައިދޭ ވާހަކަ ވައު ވަނީ ހުޅުވާފައެވެ.
ހަމައެހެންމެ ސަގާފީ އެކިއެކި އައިޓަމްތައް ހިމެނޭ ޚާއްސަ ޝޯވއެއްވެސް އުތީމުގައި ބާއްވާފައިވެއެވެ.