ތަރައްްޤީ

އައްޑޫ ސިޓީގައި ޢިމާރާތް ކުރައްވާފައިވާ ފްލެޓްތަކަށް 585 ފޯމު!


އައްޑޫސިޓީ ހިތަދުއާއި، ހުޅުމީދޫގައި ޢިމާރާތް ކުރައްވާފައިވާ 312 ފްލެޓަށް އެދި 585 ފަރާތަކުން ފޯމް ހުށައަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފޯމުތައް ޗެކް ކުރެއްވުމަށްފަހު، އަންނަ މަހުގެ ތެރޭގައި ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމަށް ގުރުއަތުލުން ބޭއްވުމަށް މިހާރު ދަނީ ތައްޔާރު ވަމުންނެވެ. 

ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދެކުނުގެ ހަތަރު އަތޮޅުގައި ޢިމާރާތް ކުރައްވަމުން ގެންދަވަނީ 796 ފްލެޓެވެ. މީގެ ތެރެއިން އައްޑޫސިޓީގައި ޢިމާރާތް ކުރައްވާ 312 ފްލެޓްގެ ޢަމަލީ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. ހިތަދޫގައި 264 ފްލެޓް ޢިމާރާތް ކުރައްވާއިރު، ހުޅުމީދޫގައި ހައްދަވަނީ 48 ފްލެޓެވެ.

މީގެ ތެރެއިން ހިތަދޫގައި ޢިމާރާތް ކުރައްވާ 264 ފްލެޓްވަނީ ގުޅިފައިވާ ރަށްތަކުގެ އާބާދީއަށް ބެއްލެވުމަށްފަހު ބައްސަވާލައްވާފައެވެ. ހިތަދޫ ރައްޔިތުންނަށް 150 ފްލެޓް ޚާއްސަ ކުރައްވާފައިވާއިރު، މަރަދޫ އަދި މަރަދޫފޭދޫ ރައްޔިތުންނަށް 30 ފްލެޓް އަދި ފޭދޫ ރައްޔިތުންނަށް ޚާއްސަ ކުރައްވާފައިވަނީ 50 ފްލެޓެވެ. ބާކީ ހުރި 34 ފްލެޓަކީ ވިޔަފާރި އުޞޫލުން ވިއްކުމަށް ހަމަޖައްސަވާފައިވާ ފްލެޓްތަކެވެ. ހުޅުމީދުއަކީ ވަކިން އޮތް ރަށަކަށް ވުމާއެކު އެރަށުގައި ޢިމާރާތް ކުރެއްވި ފްލެޓްތައް ޚާއްސަ ކުރައްވާފައިވަނީ އެރަށުގެ ރައްޔިތުންނަށެވެ.

ފްލެޓަށް އެދި 585 ފަރާތަކުން ފޯމު ހުށައަޅާފައިވާއިރު، ގުޅިފައިވާ ރަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މީހުން ފޯމު ހުށައަޅާފައިވަނީ ހިތަދޫއިންނެވެ. އެރަށުގެ 448 މީހަކު ފްލެޓަށް އެދި ފޯމު ހުށައަޅާފައިވެއެވެ. ހުޅުމީދޫއިން ފޯމު ހުށައަޅާފައިވަނީ 12 ފަރާތަކުންނެވެ.

އައްޑޫ ސިޓީގެ ކަންތައްތައް ބަލަހައްޓަވަމުން ގެންދަވާ ހައުސިން މިނިސްޓަރގެ ނާއިބު ޢަބްދުﷲ ޒިޔާދު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ފްލެޓްތަކުގައި މީހުން އާބާދު ކުރުވުން ކަމަށެވެ. ފޯމުތައް ޗެކް ކުރުމުގެ މަސައްކަތް އަންނަ ހަފްތާގެ ނިޔަލަށް ނިންމާލައްވާ، ކައިރި މުސްތަޤްބަލެއްގައި ގުރުލުން ކުރިއަށް ގެންދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ އިތުރުން، ދެކުނުގައި ސަރުކާރުން ހިންގަވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ގދ. ތިނަދޫ، ގދ. ގައްދޫ، ގއ. ވިލިނގިލި އަދި ފުވައްމުލައް ސިޓީގައި ގެންދަވަނީ ފްލެޓް ޢިމާރާތް ކުރައްވަމުންނެވެ. މީގެ ތެރެއިން ތިނަދޫގައި ޢިމާރާތް ކުރައްވާ 120 ފްލެޓްގެ ޢަމަލީ މަސައްކަތް ނިމި، އެރަށުގައިވެސް ވަނީ ފޯމުތައް ބަލައިގަނެ، މީހުން އާބާދު ކުރުމަށް ވާންޖެހޭ ތައްޔާރީތައް ފަށްޓަވާފައެވެ.

ދެކުނުގެ ހައުސިން މަޝްރޫޢަކީ ޗައިނާގެ އެގްޒިމް ބޭންކުގެ ލޯން އެހީގައި ކުރިއަށް ގެންދަވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އަގަކީ 2.4 ބިލިއަން ރުފިޔާއެވެ. އެންމެ ފުރަތަމަ 1500 ފްލެޓް ޢިމާރާތް ކުރެއްވުމަށް ނިންމަވާފައި އޮތް ނަމަވެސް، ސަރުކާރުން ވަނީ މީގެ ތެރެއިން 704 ފެލްޓް ހުޅުމާލެއަށް ބަދަލު ކުރައްވާފައެވެ. 2014 ވަނަ އަހަރުމި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށްޓަވާފައިވާއިރު، ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް މި މަޝްރޫޢު ނިންމަވާ، 1500 ފްލެޓްގައި މީހުން އާބާދު ކުރުވުމެވެ.