ޚަބަރު

ކްލިނިކަލް އިންޓަރންޝިޕް ފުރުޞަތު ހޯދުމަށް ލަންކާގެ ހޮސްޕިޓަލަކާއެކު އެއްބަސްވުމެއް


  • މި އެއްބަސްވުން ޤާއިމުކޮށްފައި ވަނީ ލަންކާގެ ސުވަސެވަނަ ހޮސްޕިޓަލާއެކު

  • ދިވެހި ޑޮކްޓަރުން ތަމްރީންކުރުމަށް އިތުރު ފަސޭހަތަކެއް ލިބޭނެ

  • އަހަރަކު 20 ދަރިވަރުން ތަމްރީންކުރުމުގެ ޖާގަދޭނެ

ދިވެހި މެޑިކަލް ގްރެޖުއޭޓުން ތަމްރީނުކުރުމަށްޓަކައި، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއާއި ސްރީލަންކާގެ ސުވަސެވަނަ ހޮސްޕިޓަލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ރޯޝަނީ ބިލްޑިންގ ބޭއްވި ރަސްމިއްޔާތެއްގައި ޞިއްޙީ ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޚަދީޖާ ޢަބްދުއްޞަމަދު ޢަބްދުﷲ އެވެ. ސުވަސެވަނަ ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ އެ ހޮސްޕިޓަލުގެ ޑިރެކްޓަރ ބަންޑުލާ އެގޮޑަގޭއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ. މި ރަސްމިއްޔާތުގައި ޞިއްޙީ ވުޒާރާގެ އިސްވެރިންނާއި ސުވަސެވަނަ ހޮސްޕިޓަލުގެ މަންދޫބުންގެ އިތުރުން ޚާރިޖީ ވުޒާރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޞިއްޙީ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، ޞިއްޙީ ދާއިރާއަށް ބޭނުންވާ ޑޮކްޓަރުން ތަމްރީނު ކުރުމުގައި މި އެއްބަސްވުމުގެ ސަބަބުން ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. މިއީ ރާއްޖޭގެ މެޑިކަލް ގްރެޖުއޭޓުންނަށް ބޭނުންވާ ކްލިނިކަލް ތަމްރީނާއި ޢަމަލީ ތަޖުރިބާ ހޯދުމަށް ހުޅުވިގެންދިޔަ މުހިންމު ފުރުޞަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"މި ޕާޓްނަރޝިޕްއަކީ މުހިއްމު ޕާޓްނަރޝިޕެއް. އޭގެ ސަބަބުން ދިވެހި މެޑިކަލް ގްރެޖުއޭޓުންނަށް ޚާއްސަ ކްލިނިކަލް ތަމްރީނާއި ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފުޅާވެ، އެފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެ." ވަޒީރު ޤީލާ ޢަލީ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސުވަސެވަނަ ހޮސްޕިޓަލުގެ ޑިރެކްޓަރ ބަންޑުލާ އެގޮޑަގޭ ވިދާޅުވީ، އެ ހޮސްޕިޓަލަކީ ސަރަޙައްދީ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ފޯރުކޮށްދެމުންދާ ހޮސްޕިޓަލެއްކަމަށެވެ. އަދި މި އެއްބަސްވުމާއެކު ޒަމާނީ ޞިއްޙީ އާލާތްތަކާއެކު ދިވެހި ދަރިވަރުންނަށްވެސް ފެންވަރު ރަނގަޅު ތަމްރީންތަކެއް ފޯރުކޮށްދެވިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިއީ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ، މީގެ ސަބަބުން ދެ ޤައުމަށްވެސް ނުހަނު ބޮޑު މަންފާއެއް ލިބިގެންދާނެ. އެހެންކަމުން، މިކަމުގެ ބައިވެރިއަކަށް ވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއްގެ އިތުރުން ނުހަނު ބޮޑު އުފަލެއް." އެ ހޮސްޕިޓަލުގެ ޑިރެކްޓަރ ބަންޑުލާ އެގޮޑަގޭ ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ އިންތިޒާމުވެގެން ހިންގޭ ކްލިނިކަލް އިންޓަރންޝިޕް ޕްރޮގްރާމެއްގެ ޒަރީޢާއިން ޤާބިލު މެޑިކަލް ޕްރޮފެޝަނަލުން ބިނާކުރުމަށްޓަކައި ދެ ފަރާތުގެ ގުޅުން ބަދަހިކުރުމެވެ.

މި އެއްބަސްވުމުގެ ދަށުން، ސުވަސެވަނަ ހޮސްޕިޓަލުން ދިވެހި އެމް.ބީ.ބީ.އެސް ގްރެޖުއޭޓުންނަށް އެއް އަހަރު ދުވަހުގެ ކްލިނިކަލް އިންޓަރންޝިޕް ފުރުޞަތު ދޭނެއެވެ. އަދި ކޮންމެ އަހަރަކު 20 ދަރިވަރުން ތަމްރީނުކުރުމުގެ ޖާގަ ފަހިކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި އިސްނެގުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޞިއްޙީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ. މިއީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމެއްގެ ގޮތުގައި ޞިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.