ޚަބަރު

"އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދައިދޭނަން"


  • އިޤްތިޞާދީގޮތުން ޒުވާނުންނާއި އަންހެނުން ބާރުވެރިކޮށްދެއްވާނެކަމަށް ވިދާޅުވި

  • 2028ގެ ދެވަނަ ކުއާޓަރުގެ ކުރިން ހުރިހާ ވަޢުދެއް ފުއްދައިދެއްވާނެކަމަށް ވިދާޅުވި

އިޤްތިޞާދީ ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކާއެކު ރައްޔިތުންގެ އުއްމީދުތަކާއި ގުޅިފައިވާ ތަރައްޤީގެ ހުރިހާ މަސައްކަތެއް 2028ގެ ދެވަނަ ކުއާޓަރާއި ހަމައަށް ދާއިރު ނިންމައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އއ. އުކުޅަހުގައި ބޭއްވި ޕީއެންސީ ޖަގަހަ ޖަސްލާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ގޮތަށް ތަރައްޤީގެ މަސައްކަތްތައް ތަންފީޒުކުރަމުންދާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުކުޅަހުގައި ބޭއްވި ޕީއެންސީ ޖަގަހަ ޖަލްސާ ވާހަކަ ދައްކަވަމުން ވަނީ އެމަނިކުފާނު ސަރުކާރުގައި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާގޮތަށް އަލިއަޅުއްވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އުކުޅަހުގެ ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުތަކާއި އެއްގޮތަށް އެކި މަރުހަލާތަކުގައި އެރަށުގައި މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން އެރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމަށް އެރަށުގައި މިހާރު ހިއްކާފައިވާ ބިމަށް 2 ހެކްޓަރު އިތުރުކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އުކުޅަހަކީ ފަތުރުވެރިކަމުގެ ދައިރާއިން ކުރިއަރާފައިވާ ރަށަކަށްވާއިރު އެރަށުގެ ފަތުރުވެރިކަމުގެ ދާއިރާގެ ހަރަކާތްތެރިވާ ބައެއް ފަރާތްތަކާއި ބައްދަލުކުރައްވާ އެބޭފުޅުންގެ ބައެއް ކަންބޮޑުވުންތައް އަޑު އައްސަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ އެފަރާތްތަކުގެ ކަންބޮޑުވުންތަކުގެ ތެރޭގައި ހިމެނޭ ގޮންޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ އީއައިއޭ މަސައްކަތްތަކެއް ނިންމާލުމަށްފަހު ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި އެ މަސައްކަތް ފެށިގެން ދާނެކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އުކުޅަހެކޭ އެއްގޮތަށް ރާއްޖޭގެ އެހެން ހިސާބުތަކުގައިވެސް ތަރައްޤީގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އެގޮތުން މިވޭތުވެ ދިޔަ 2 އަހަރާއި ބައިގެ ތެރޭގައި ބިން ހިއްކުމުގެ މަޝްރުޢޫތަކާއި ބޯހިޔާވަހިކަމުގެ އެތަކެއް މަޝްރޫޢުތަކެއް ފެށިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ތަރައްޤީގެ މަސައްކަތް ކުރިއަށް ގެންދަވަނީ، ވެރިކަމާއި ހަވާލުވިއިރު އިޤްތިޞާދު ވެއްޓިފައި އޮތް އަނދަވަޅު ނަގައިގަތުމަށް ކުރައްވާ މަސައްކަތްތަކާއެކުކަމަށެވެ.

"އިޤްތިޞާދީ ހާލަތު ރަނގަލު ކުރުމާއި އެކީގައި އިޤްތިޞާދުގެ ބުންވަރު އިތުރަށް ވަރުގަދަކޮށްދީ އިތުރަށް ފުޅާކޮށްދީ މިހުރިހާ ކަމެއް ފުޅާކުރަމުން އާންމުން ފަރުދުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށްދީ ޒުވާނުން އިކޮނޮމިކަލީ ބާރުވެރިކޮށްދީ އަންހެން ބޭފުޅުން ބާރުވެރިކޮށްދީ އެކަންތައް ކޮށްދޭނެ ކަމަށް އަޅުގަނޑު ވިދާޅުވީ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުމަށް ހަމައެކަނި ލޯނުތައް ހޯދައިދިނުމުގެ އިތުރުން، އިޤްތިޞާދީ ފުރުސަތުތައްވެސް އެފަރާތްތަކަށް ހޯއްދަވައިދެއްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރަށްރަށުގައި ކުރިއަށް ގެންދާ މަޝްރޫޢުތައް ދެ ގިންތިއަށް ބަހާލައިގެން ކުރިއަށްގެންދަވާކަން ފާހަގަކުރެއްވިއެވެ. އެއީ ހުރިހާ ރަށެއްގައި އާންމުކޮށް ކުރިއަށް ގެންދަވާ މަޝްރޫޢުތަކުގެ އިތުރުން، އެރަށަކަށް ހާއްސަކޮށް އެރަށެއްގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން ކުރިއަށް ގެންދަވާ މަސައްކަތްތައްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޕްލޭން. އަޅުގަނޑުމެންގެ ޕްރޮގްރާމް ބަރާބަރަށް ތަންފީޒުކުރަމުން މިގެންދަނީ. މިއަހަރުގެ ބާކީ އޮތް މަސައްކަތްތަކުގައި އާއި މިއަހަރުގެ ބާކީ އޮތް މަސްތަކުގައި 2028 ގެ ދެވަނަ ކުއާޓަރާއި ހަމައަށް ދާންވާއިރަށް އަޅުގަނޑުގެ ފުރިހަމަ ޔަޤީންކަން ތިޔަ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ދެން އަޅުގަނޑުމެންގެ މި ވަޢުދުތަކާއި އެކީގައި މި ޕްލޭނާއި އެކީގަ މި ވަޢުދުތައް ފުއްދުމުގައި ފުރިހަމަ ކާމިޔާބީ ހާސިލް ކުރާނަމޭ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ ތަރައްޤީގެ ބައެއް ތަފާސް ހިސާބުތައް ހިއްސާކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުގެ 2 އަހަރާ 8 މަސްދުވަހުގެ ތެރޭގައި އެކި ދާއިރާތަކުން 590 މަޝްރޫޢުގެ މަސައްކަތް ނިންމާފައިވާކަމަށެވެ. ނަމަވެސް ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އެ މުއްދަތުގައި ނިންމާފައިވަނީ 285 މަޝްރޫޢުކަމަށާއި އޭގެ ކުރީ ސަރުކާރުގައި މި މުއްދަތުގައި ނިންމާފައިވަނީ 321 މަޝްރޫޢުކަމަށެވެ. ރައީސް ވިދާޅުވީ މިހާރު ވެސް 1635 މަޝްރޫޢުގެ މަސައްކަތް ކުރަމުންދާކަމަށެވެ.