ޚަބަރު

އުކުޅަހުގައި 50 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި


  • މިއީ 3 ކޮޓަރީގެ ޔުނިޓުތަކެއް

  • މަސައްކަތް ހަވާލުކުރީ އަލްޓެކް ކުންފުންޏާ

  • 1 އަހަރާ 7 މަހުން މަސައްކަތް ނިންމަންޖެހޭ

އއ. އުކުޅަހުގައި 50 ހައުސިންގ ޔުނިޓް ތަރައްގީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިއެެވެ. މި މަޝްރޫޢު ފަށާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުކުޅަހަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ހަވާލުކޮށްފަވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އުކުޅަހުގައި ބޭއްވި ޚާއްސަ ރައްމިޔާތެއްގައި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ ބިނާރާއި ގެދޮރުވެރިކަމާ އުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އަދި އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ މެނޭޖަރ، އިބްރާހިމް އަޒީމެވެ. އަދި ރަށުގެ ކައުންސިލާއި މުއައްސަސާތަކާއި ރައްޔިތުން ބައިވެރިވިއެވެ.

މި މަސައްކަތް އަލްޓެކް މޯލްޑިވްސްއާ ޙަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 6ވަނަ ދުވަހުއެވެ. މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ 1 އަހަރާ 7 މަސް ދުވަހުގެ މުއްދަތުންނެވެ.

އުކުޅަހުގައި ތަރައްޤީކުރާ 50 ހައުސިން ޔުނިޓަކީ 3 ކޮޓަރީގެ ހައުސިން ޔުނިޓްތަކެވެ.

އުކުޅަހުގެ ހިއްކި ސަރަޙައްދުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އިތުރުން، އެ ބިމުން 250 ގޯތިވެސް ދޫކުރާނެކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު އޮގަސްޓްގައި އެރަށަށް ކުރެއްވި ދަތުރުފުޅުގައި ހާމަކުރައްވާފައިވެއެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގަނީ އުކުޅަހު ހިއްކާފައިވާ ސަރަޙައްދުގައެވެ. 2023ވަނަ އަހަރު އެ ރަށުން 13 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އެރަށަކީ ގާތްގަނޑަކަށް 1200 މީހުންގެ އާބާދީގެ ރަށެކެވެ.

އުކުޅަހުގެ ތަރައްޤީއަށް ކުރިއަށްގެންދާ މަސައްކަތްތަކުގައި އެރަށުގައި 5ޓަނުގެ އައިސްޕްލާންޓެއް ޤައިމުކުރުމަށްވެސް ބަޔަކާ ވަނީ ހަވާލުކޮށްފައެވެ.

މި މަސައްކަތް ހަވާލުކުރީ ޅެހި ކޮންސްޓްރަކްޝަން އެންޑް ޓެރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބެވެ.