ދިވެހިރާއްޖެއަކީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ޤައުމަކަށްވާއިރު، ރަށްތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދައުލަތުން އެންމެ ބޮޑު ހޭދައެއް ކުރަންޖެހޭ އެއް ދާއިރާއަކީ ކަރަންޓު ފޯރުކޮށްދިނުމުގެ ޚިދުމަތެވެ. ކަރަންޓު އުފެއްދުމަށްޓަކައި އިމްޕޯޓްކުރާ ތެލަށް ބަރޯސާވާންޖެހުމަކީ ރާއްޖޭގެ އިޤްތިސާދަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ ގާތްގަނޑަކަށް 13 އިންސައްތައަކީ ހަމައެކަނި ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންވާ ތެޔޮ ގަތުމަށް ކުރާ ޚަރަދެވެ.
މި ބޮޑު ހޭދަ ކުޑަކޮށް، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަރަންޓު އުފެއްދުމަށް ސަރުކާރުން މިހާރު ވަނީ އަމާޒު ހިފާފައެވެ. އެގޮތުން، ސަރުކާރުގެ މައިގަނޑު އަމާޒަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި "ސޯލަރ ފޮޓޯވޮލްޓައިކް (ޕީވީ) ހައިބްރިޑް" ނިޒާމުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ޤާއިމުކުރަމުންނެވެ.
މި މަސައްކަތުގެ ނަތީޖާ މިހާރުވެސް ބައެއް އަތޮޅުތަކުން ފެންނަން ވަނީ ފަށާފައެވެ. ޚާއްޞަކޮށް ރ. އަތޮޅާއި ބ. އަތޮޅުގެ ގިނަ ރަށްތަކެއްގައި މިހާރު ވަނީ ސޯލަރ ހައިބްރިޑް ނިޒާމުތައް ހަރުކުރެވި، ކާމިޔާބީއާއެކު ބޭނުންކުރަން ފަށާފައެވެ. މި ރަށްތަކުގައި ދުވާލުގެ ގިނަ ވަގުތުތަކުގައި ޑީސަލް އިންޖީނުތައް ނިއްވާލާފައި ބެހެއްޓޭއިރު، މުޅި ރަށަށް ކަރަންޓު ދެނީ އިރުގެ އަލިން އުފައްދާ ހަކަތައިންނެވެ. މިއީ ތެޔޮ އެންދުން މަދުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކްގެ ހިލޭ އެހީގެ ދަށުން މި އަހަރު އަމަލީ މަސައްކަތް ފެށި މި މަޝްރޫއުގެ ދަށުން، މި ދެ އަތޮޅުގެ 25 ރަށުގައި ޖުމްލަ 6.5 މެގަވޯޓުގެ ސޯލާ ހަކަތަ ވަނީ ޤާއިމުކުރެވިފައެވެ.
މި މަޝްރޫއުގެ ތެރެއިން ބ. ކުޑަރިކިލުގައި ހުރެ ދެއްވި އިންޓަވިއުއެއްގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރު ޢަލީ ޝަރީފް ދާޅުވީ، މިއީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް އިޤްތިޞާދު ކުރިއެރުވުމުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ވަޒީރު ޢަލީ ޝަރީފް އިތުރަށް ހާމަކުރެއްވި ގޮތުގައި ކުޑަރިކިލުގައި ހެނދުނު 8:00 އިން ފެށިގެން މެންދުރުފަހު 3:00 ޖެހުމާ ހަމައަށްވެސް އިންޖީނުތައް ހުންނަނީ ނިވާލާފައެވެ. މުޅި ރަށަށް ކަރަންޓު ފޯރުކޮށްދެމުން ދިޔައީ އަލަށް ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކާއި ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމްގެ އެހީގައެވެ.
"އަޅުގަނޑު މިހުރީ ކުޑަރިކިލު އިންޖީނުގޭގައި. މި އިންޓަވިއު މިދެވެނީވެސް އިންޖީނުތައް ނިވާލާފައި ހުރީމަ. އިންޖީނު ހިނގަމުންދާނަމަ މިހާ ސާފުކޮށް އަޑެއްވެސް ނީވުނީސް،. ކުޑަރިކިލުގައި ހެނދުނު 8:00 އިން ފެށިގެން މެންދުރުފަހު 3:00 ޖެހުމާ ހަމައަށްވެސް އިންޖީނުތައް ހުރީ ނިވާލާ. މުޅި ރަށަށް ކަރަންޓު ފޯރުކޮށްދެމުން ދިޔައީ އަލަށް އިންސްޓޯލް ކުރެވުނު ސޯލާ ޕެނަލްތަކާއި ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމްގެ އެހީގައި" ވަޒީރު ވިދާޅުވިއެވެ.
މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ލިބޭނެ އެންމެ ބޮޑު ފައިދާއަކީ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ބޭރުގެ ތެލަށް ބަރޯސާވާ މިންވަރު ކުޑަވެގެން ދިއުމެވެ. މީގެ ސަބަބުން، ތެޔޮ ގަތުމަށް ބޭރުވަމުންދާ ގިނަ އަދަދެއްގެ ބޭރު ފައިސާ ރާއްޖޭގެ އިޤްތިސާދުގެ ތެރޭގައި ހިފެހެއްޓުމަށް މަގުފަހިވެގެންދާނެއެވެ. މިއީ ޤައުމުގެ މާލީ ދުޅަހެޔޮކަމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.
ސޯލަރ ޕީވީ ނިޒާމުތަކަށް ބަދަލުވުމަކީ ހަމައެކަނި ތެލުގެ ޚަރަދު ކުޑަކުރުމެއް ނޫނެވެ. މިއީ ރާއްޖޭގެ ނާޒުކު ތިމާވެށި ޙިމާޔަތްކުރުމަށާއި، ދުނިޔެއަށް އަންނަ މޫސުމީ ބަދަލުތަކުން ސަލާމަތްވުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެކެވެ. އަދި ހަމައެހެންމެ، މިއީ ރާއްޖޭގެ އިޤްތިސާދީ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، އަންނަން އޮތް ޖީލުތަކަށް އުޖާލާ މުސްތަޤްބަލެއް ހޯދައިދިނުމަށް އެޅޭ ވަރަށް ހަރުދަނާ ފިޔަވަޅެކެވެ.