ތަރައްްޤީ

ފުވައްމުލަކު ނައިބުތުއްތު ހިނގުމުގައި ތާރު އަޅަނީ


ފުވައްމުލަކުގެ ބަނދަރުން ފެށިގެން އޮންނަ ނައިބު ތުއްތު މަގަކީ މިހާރުވެސް މަގުގެ އެއްބައިގައި ތާރުއަޅާފައިވާ މަގެކެވެ. އަދި މި މަގުގެ އެއްބައިގައި ވަނީ ގާވެސް ޖަހާފައެވެ. ފުވައްމުލަކުގެ އެތެރޭގެ މަގުތަކުގެ ތެރެއިން ޢާންމުން އެންމެ ގިނައިން ބޭނުންކުރަމުންދާ ބައެއް މަގުތަކުގައިވެސް ގާ ޖަހާފައިވައެވެ.

ފުވައްމުލަކުގެ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން، ނައިބުތުއްތު މަގުގެ ތާރު ނާޅާ ބަޔާއެކު، ރަށުތެރޭގެ ގިނަ މަގުތަކެއްގައި ތާރު އެޅުމަށް ހަމަޖެހިފައިވެއެވެ. ގާ ޖަހާފައިވާ މަގުތަކުގައި ހުރި ގާތައް ނަގާ އެ މަގުތަކުގައި ތާރު އެޅުމަށް ވަނީ ނިންމަވާފައެވެ.

ފުވައްމުލަކު ރައްޔިތުން އެންމެ ގިނައިން ބޭނުންކުރާ ނައިބުތުއްތު މަގުގައި ތާރުއެޅުމުގެ މަސައްކަތް ނޮމެވްބަރުމަހު ފެށުމަށް ރޯޑް ޑިވްލޮޕަމްޓް ކޯޕަރޭޝަނުން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އެ ކޯޕަރޭޝަނުން މިހާރުވެސް ދަނީ މަގުގެ ދުވާރު ހެދުމާއި ކާނުތަކުގެ މަސައްކަތް ކުރަމުންނެވެ. ހައުސިން މިނިސްޓްރީން ވިދާޅުވީ ނައިބުތުއްތު މަގާއެކު ރަށުތެރޭގެ މަގުތައް ހެދުން ލަސްވެފައިވަނީ ފެނާއި ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް ކުރިއަށްދާތީ ކަމަށާއި، އެ މަސައްކަތް ނިމެންވާއިރަށް އެތޭރެގެ މަގުތަކުގައި ތާރުއެޅުމަށް ވާންޖެހޭ ތައްޔާރީތައް ވާނެ ކަމަށެވެ. މަގުތަކުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވޭއިރު، ޒަމާނީ ފެން ހިންދާ ނިޒާމެއްވެސް ފުވައްމުލަކުގައި ޤާއިމްކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.