ރާއްޖޭގެ ސަގާފީ ތަރިކައިގެ ދާއިރާ ކުރިއެރުވުމުގައި، އެ ދާއިރާގެ ފަންނުވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދައި، ސިޔާސަތުތައް ބައްޓަންކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ "ތަރިކަވެރިންގެ އަޑު" މި ނަމުގައި ބޭއްވި ޚާއްޞަ ބައްދަލުވުމަށްފަހު މީޑިއާއާ ވާހަކަފުޅުދައްކަވަމުންނެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި މިއީ މި ދާއިރާގައި ހަރަކާތްތެރިވާ ފަންނުވެރިންނާ ބައްދަލުކޮށް، މަޝްވަރާކުރުމަށް ބޭއްވުނު މިފަދަ ފުރަތަމަ ބައްދަލުވުމެވެ.
މި ބައްދަލުވުމުގައި ތަފާތު އެކި ދާއިރާތަކުގެ ފަންނުވެރިން ބައިވެރިވެވަޑައިގެންފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އޭގެ ތެރޭގައި ދިވެހި ބޭސްވެރިކަމާއި، ކުރެހުމުގެ ފަންނާއި، އަދި ތަރިކައާ ގުޅުންހުރި ކުދި ވިޔަފާރިތަކުގައި ހަރަކާތްތެރިވާ ފަރާތްތައް ހިމެނޭ ކަމަށެވެ.
ފަންނުވެރިންނާ ބައްދަލުކޮށް، އެ ބޭފުޅުންގެ ފަންނުތަކާ ގުޅޭގޮތުން ވާހަކަދައްކާލުމުގެ ފުރުސަތު ލިބުމަކީ މި ދާއިރާ ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ. އަދި އެ ބޭފުޅުންގެ ޚިޔާލުތަކަށް ބިނާކޮށް، ގުޅިގެން ކުރެވިދާނެ ގިނަ މަސައްކަތްތަކެއް ދެނެގަނެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ފަންނުވެރިންގެ ފަންނީ ލަފަޔާއި އިރުޝާދުގެ ދަށުން ދާއިރާގެ ކުރިމަގު ބައްޓަންކޮށް، ކުރިއަށް ދިޔުން ކަމަށެވެ.
"ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކީ ރައްޔިތުންގެ އަޑުއަހައިގެން ދާއިރާގެ ފަންނުވެރި ބޭބޭފުޅުން ދައްކަވާ ވާހަކަތަކާއި ދެއްވާ އިރުޝާދާ ޚިޔާލުވެސް އަޑު އައްސައިވައިގެން ކުރިއަށްދިޔުން. އަމާޒަކީ ފަންނުވެރި ބޭފުޅުން ވިދާޅުވާ ވާހަކަތައް އަޑުއަހައިގެން ޚިޔާލާއި މަޝްވަރާއާއެކު ދާއިރާގެ ކަންކަން ބައްޓަންވެގެންދިޔުން." ވަޒީރު ހީނާ ވިދާޅުވިއެވެ.
ދިވެހި ޤައުމިއްޔަތު އިއާދަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވެވަޑައިގެންނެވި އެންމެ މުހިންމު ވަޢުދުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ "2.0"ގެ ދަށުން ރާއްޖޭގެ ޚިދުމަތްތައް ޑިޖިޓަލައިޒުކުރެވޭ އިރު، ދިވެހި ތަރިކައިގެ ދާއިރާ ޑިޖިޓަލައިޒޭޝަނަށް ހިޖުރަކުރުމަށް މަގުފަހިކުރުމަށްޓަކައި، ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެއެވެ. އެގޮތުން ތަރިކައިގެ ދާއިރާއިން ކުރައްވާ މަަސައްކަތަކުގެ ތެރެއިން އެދާއިރާއިން މީހުން ބިނާ ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެއެވެ.