ތަރައްްޤީ

ބްރިޖްގެ މައި ގިއުގަނޑުގެ މަސައްކަތް ކުރާނީ ޗައިނާގައި!


ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ "ސުޕަރ ސްޓްރަކްޗަރ" ނުވަތަ މައި ގިއުގަނޑު ހެދުމުގެ މަސައްކަތް، ޗައިނާގައި ކުރާގޮތަށް ނިންމާ، އެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ކުރިން ހުޅުމާލޭގައި މި މަސައްކަތް ކުރުމަށް ނިންމާފައި އޮތް ނަަމަވެސް، ޗައިނާގައި މި މަސައްކަތް ކުރާގޮތަށް ނިންމެވީ، މަސައްކަތް ހަލުވިކުރުމަށް ދިވެހި ސަރުކާރާއި، ޗައިނާ ސަރުކާރުން ބޭނުންވެގެން ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ސުޕަރ ސްޓްރަކްޗަރ ނުވަތަ މައި ގިއުގަނޑުގެ މަސައްކަތަކީވެސް ޓެކްނިކަލީ ބޮޑު މަސައްކަތެކެވެ. ބްރިޖްގެ ޓައިމްލައިންގައި ކަނޑައަޅުއްވާފައިވާ ގޮތުން ސުޕަރ ސްޓްރަކްޗަރގެ މަސައްކަތް ފެށުމަށް ނިންމާފައި ވަނީ 2017 ވަނަ އަހަރުގެ އެޕްރީލް މަހުއެވެ. ނަމަވެސް މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމަށް ދިވެހި ސަރުކާރާއި، ޗައިނާ ސަރުކާރާ ގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، މިހާރު މިވަނީ އެ މަސައްކަތްވެސް ފެށުމަށް ތައްޔާރުވެފައެވެ. ކުރިން ނިންމާފައި އޮތީ ބްރިޖްގެ ހުޅުމާލޭ ސައިޓްގައި ސުޕަރ ސްޓްރަކްޗަރ ހެދުމުގެ މަސައްކަތް ކުރުމަށެވެ. ނަމަވެސް ރާއްޖެއަށް ސާމާނު ގެނެސްގެން، އެ މަސައްކަތް ކުރުމަށްވުރެ، ޗައިނާގައި ސުޕަރ ސްޓްރަކްޗަރގެ ބައިތައް ހެދުމަށްފަހު ރާއްޖެ ގެނެވިއްޖެނަމަ މަސައްކަތުގެ ސްޕީޑް އަވަސްވެގެންދާނެތީ، މިހާރު މިވަނީ އޮނިގަނޑުގެ މަސައްކަތް ޗައިނާގައި ކުރާގޮތަށް ނިންމާފައެވެ.

ބްރިޖްގެ މައި އޮނިގަނޑު ހަދަން ފަށާނެ ވަކި ތާރީޚެއް ވިދާޅުނުވި ނަމަވެސް، ސަރުކާރުގެ އަމާޒަކީ 2017 ވަނަ އަހަރުގެ ކުރީކޮޅު އެ މަސައްކަތް ފެށުމެވެ. ބްރިޖްގެ މަސައްކަތުގައި މިހާރު އެންމެ ބާރަށް ކުރިއަށްދަނީ މައި ތަނބުތަކުގައި ހިމެނޭ ޕައިލްތައް ކަނޑަށް ޖެހުމުގެ މަސައްކަތާއި، ޕައިލްތަކުގެ ކޮންކްރީޓްގެ މަސައްކަތްތަކެވެ.

ބްރިޖްގެ އެންމެ އުނދަގޫ މަސައްކަތްތަކަކީ ތަނބުތަކުގެ ޕައިލްތައް ކަނޑަށް ޖެހުންކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ. ގާދޫ ކޮލުގެ އޮއި ހުންނަގޮތުން ޕައިލްތައް ޖެހުމުގައި ގޮންޖެހުންތަކެެއް ކުރިމަތިވި ނަމަވެސް، ޕައިލް ޖެހުމުގެ ބޮޑު ބައެއްް މިހާރު ވަނީ ނިންމާލާފައެވެ. ޑިސެމްބަރު މަހުގެ ނިޔަލަށް މައި ތަނބުތަކުގައި ހިމެނޭ 35 ޕައިލެއް ޖެހޭނެ ކަމަށް ހައުސިން މިނިސްޓަރގެ ނައިބު އަބްދުﷲ މުއްތަލިބު ވިދާޅުވިއެވެ. ޕައިލްތައް ޖަހާ ނިމުމުން، ބްރިޖް މަޝްރޫއު ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ހުރިހާ މަސައްކަތްތަކެއްވެސް ކުރިއަށްދަނީ ތަޙްލީލް މަރުޙަލާތަކެއްވެސް ނިންމުމަށްފަހުއެވެ. މިހާރުވެސް ޖަހަމުންދާ ކޮންމެ ޕައިލަކާއެކު ތަޙްލީލްގެ އިތުރު މަރުޙަލާއެެއް ފެށިގެންދެއެވެ. ބަލަންޖެހޭ ގިނަ ބެލުންތައް ބެލިގެން ބްރިޖްގެ މަސައްކަތްތައް ކުރިއަށްދާއިރު، ދިވެހި ސަރުކާރާއި، ޗައިނާ ސަރުކާރުންވެސް މަސައްކަތްތައް ކުރަމުންދަނީ ކަނޑައަޅާފައިވާ ތާރީޚްތަކަށް މަސައްކަތް ނިންމާ، 2018 ވަނަ އަހަރުގެ ޖުލައި މަހަށް ބްރިޖްގެ މަސައްކަތް ނިންމުމަށެވެ. މަސައްކަތްތައް ހަލުވިކުރުމަށް ޗައިނާ ސަރުކާރުން ދަނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށް ދެއްވަމުންނެވެ. ބްރިޖްގެ ސުޕަރ ސްޓްރަކްޗަރ ހެދުމަކީވެސް ކުރިން ރާއްޖޭގައި ކުރަން ނިންމާފައި އޮތް މަސައްކަތެއް ނަމަވެސް ޗައިނާގައި މި މަސައްކަތް ކުރުމަކީ ބްރިޖް މަޝްރޫޢަަށް ޗައިނާ ސަރުކާރުން ދެއްވާ އަހަންމިއްޔަތު ދައްކުވައިދޭ ކަމެއް ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.