ޚަބަރު

ހުޅުމާލެ ޖަލަށް އިތުރުކުރި 4 ބްލޮކް މިހަފުތާގައި ހުޅުވަނީ


  • ފުރަތަމަ ބްލޮކް ވަނީ މިދިޔަ މަހު ހުޅުވާފައި

  • 5 ބްލޮކާއެކު މިޔުނިޓުން ޖަލަށް ޖުމްލަ 48 ޖާގަ އިތުރުވާނެ

ހުޅުމާލެ ޖަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، އަލަށް ތަރައްޤީކުރި 6 ވަނަ ޔުނިޓުގެ 4 ސެލް ބްލޮކް މި ހަފުތާ ތެރޭގައި ހުޅުވާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވެއްޖެއެވެ.

މި ބްލޮކްތައް ބިނާކޮށްފައިވަނީ، ކުރީގެ ކޮވިޑް ފެސިލިޓީ ހުރި ބިމުގައި އަލަށް އިމާރާތްކުރި ދެ ފަންގިފިލާގެ އިމާރާތުގައެވެ. ކަރެކްޝަންސްއިން މަޢުލޫމާތު ދޭ ގޮތުގައި މި އިމާރާތް ބޭނުންކުރާނީ، ހުޅުމާލެ ޖަލުގެ 6 ވަނަ ޔުނިޓުގެ ގޮތުގައެވެ. މި ޔުނިޓަކީ، ޙުކުމް ތަންފީޛު ކުރަމުންދާ ޤައިދީންގެ ތެރެއިން މާލެ ސަރަޙައްދުގައި ފަންނީ މަސައްކަތްތަކުގައި އުޅޭ ޤައިދީން ބޭތިއްބުމަށް "ހޯލްޑިންގ ސެލް" ތަކާއެކު ތަރައްޤީކޮށްފައިވާ ތަނެކެވެ.

ހުޅުމާލެ ޖަލުގެ 6 ވަނަ ޔުނިޓުގައި ޖުމްލަ 5 ބްލޮކް ހިމެނޭއިރު، އޭގެ ތެރެއިން 16 މީހުންގެ ޖާގަ ހިމެނޭ ފުރަތަމަ ބްލޮކް ވަނީ، މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހު ހުޅުވާފައެވެ. މި ހަފުތާގައި އަލަށް ހުޅުވާ 4 ބްލޮކާއެކު މި ޔުނިޓުން ޖުމްލަ 48 ޖާގަ ޖަލަށް އިތުރުވާނެއެވެ.

މި ޔުނިޓަކީ، ޤައިދީންނަށް ފަހި މާޙައުލެއް ފޯރުކޮށްދިނުމުގެ ގޮތުން އޭސީ ކޮށްފައިވާ ތަނެކެވެ. ގޮޅިތަކުގައި ނިދުމަށް ބަންކު ބެޑު ބަހައްޓާފައިވާއިރު، ފަންކާވެސް ވަނީ ހަރުކޮށްފައެވެ. މީގެ އިތުރުން މެސް ރޫމަކާއި، ނަމާދުކުރާނެ ކޮޓަރިއެއްގެ އިތުރުން މި ޔުނިޓުގައި ލޯންޑްރީގެ ޚިދުމަތްވެސް ޤާއިމްކޮށްފައިވެއެވެ. މިތަނުގެ އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ، ޖަލުގެ މުވައްޒަފުންނާއި ހުނަރުވެރި ޤައިދީން ގުޅިގެންނެވެ.

ކަރެކްޝަންސްއިން ވިދާޅުވީ، މި މަޝްރޫޢު އެއްކޮށް ނިމުމުން ޖުމްލަ 140 ޖާގަ އިތުރުވާނެ ކަމަށެވެ. މީގެ ސަބަބުން ކޯޓުތަކަށާއި މެޑިކަލް ފަރުވާއަށް މާލެ ގެންނަންޖެހޭ ޤައިދީން ބޭތިއްބުމަށް ބޮޑު ލުޔެއް ލިބި، ދަތުރުފަތުރުގެ ޚަރަދުތައް ސަލާމަތް ކުރެވޭނެއެވެ. މިހާރު މި ޚިދުމަތް ދިނުމުގައި ދިމާވާ ލޮޖިސްޓިކްސް އަދި މޫސުމީ ގޮންޖެހުންތަކަށް މި އައު ޔުނިޓާއެކު ދާއިމީ ޙައްލެއް ލިބޭނެއެވެ.

ރާއްޖޭގެ ޖަލުތަކުގައި އެކަށީގެންވާ ގޮތެއްގައި ޤައިދީން ވަކިކޮށްގެން ބެލެހެއްޓޭނެ ނިޒާމު ޤާއިމުކުރުމަށް ބޭނުންވާ ޖާގަ ވަނީ ޤާއިމްނުކުރެވިއެވެ. ޢުމުރުން ދުވަސްވީ މީހުންނާއި، ޒުވާނުންވެސް ބައިތިއްބަން ޖެހެނީ އެއްތަނެއްގައިކަން ކަރެކްޝަންއިން ފާހަގަކުރެއެވެ. ދިގު މުއްދަތުގެ ޙުކުމްތައް ތަންފީޒުކުރާ މީހުންނަށް ޚާއްސަ ޖަލު ޔުނިޓެއް ޤާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ޖަލުތަކުގެ މައްސަލައަށް ދާއިމީ ޙައްލެއް އަންނާނެ ކަމަށް ސަރުކާރުން ވިދާޅުވަނީ، "ވަން ޕްރިޒަން ކޮންސެޕްޓް"ގެ ދަށުން ހުރިހާ ޚިދުމަތެއް ލިބޭނެ ގޮތަށް ސެންޓްރަލް ޖަލެއް ތަރައްޤީ ކޮށްގެންނެވެ.

ޖަލުތަކުގެ ކެޕޭސިޓީ އިތުރު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން 370 އެއްހާ އެނދު ވަނީ ޤާއިމްކޮށްފައެވެ. އަމާޒަކީ، މިދައުރުގެ ތެރޭގައި 500 އެނދު އިތުރުކުރުން ކަމަށް ކަރެކްޝަނަލް ސާރވިސްއިން ވިދާޅުވިއެވެ.