މަސްތުވާތަކެތީގެ ފަރުވާގެ ނިޒާމުގައި މިވަގުތު 1000އަށްވުރެ ގިނަ މީހުން އެބަތިބިކަމަށާއި، ފަރުވާގެ ނިޒާމަށް އެދިފަ ތިބި ވީހަވެސް ގިނަ މީހުންނަށް ފުރުޞަތު ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ނޭޝެނަލް ޑްރަގް އެޖެންސީ، އެންޑީއޭއިން ވިދާޅުވެއްޖެއެވެ.
ދާޚިލީ ސަލާމަތުގެ ދާއިރާއިން ރާއްޖޭއިން އެންމެ ބޮޑު އިސްކަމެއްދޭ އެއް ދާއިރާއަކީ މަސްތުވާތަކެތީގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމުގެ މަސައްކަތް ހަރުދަނާކުރުމެވެ.
މަސްތުވާތަކެތި ރާއްޖެއަށް އެތެރެވުން ހުއްޓުމަށް ކުރަމުންދާ މަސައްކަތުގައި ވޭތުވެދިޔަ ދެ އަހަރު ތަފާތު އޮޕަރޭޝަންތައް ހިންގާ، ގިނަ އަދަދެއްގެ މަސްތުވާތަކެތި މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ. ދާޚިލީ ސަލާމަތާބެހޭ ވުޒާރާއިން ހާމަކޮށްފައިވާގޮތުގައި މިދިޔަ ދެ އަހަރުތެރޭގައި 320އަށްވުރެ ގިނަ ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ. އަދި މަސްތުވާތަކެއްޗާ ގުޅޭ 140އަށްވުރެ ގިނަ މައްސަލަ މިދިޔަ 4 އަހަރުގެ ތެރޭގައި ހުށައަޅާފައިވެއެވެ.
މަސްތުވާތަކެތި ރާއްޖެ އެތެރެވުން ހުއްޓުވުމަށް ކުރާ މަސައްކަތެކޭ އެއްގޮތަށް، މަސްތުވާތަކެތީގެ ވަބާގައި ޖެހިފަވާ މީހުން އެ ވަބާއިން ސަލާމަތްކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ޑްރަގް އެޖެންސީގެ ޗެއަރމަން އަހުމަދު ސިއްދީޤް ވިދާޅުވީ، އެންޑީއޭގެ ބެލުމުގެ ދަށުން 1082 މީހުން މިވަގުތުވެސް ފަރުވާގެ އެކި ޕްރޮގްރާމްތައް ފުރިހަމަކުރަމުންދާކަމަށެވެ.
ތަފާތު 7 ޕްރޮގްރާމެއް މިވަގުތު އެންޑީއޭއިން ކުރިއަށްދާކަމަށް ސިއްދީޤް ފާހަގަކުރެއްވިއެވެ. އެގޮތުން މަރުކަޒުގައި ތިބެގެން ހޯދާ ފަރުވާއާއި، ސެމީ ރެސިޑެންސް ފަރުވާ އަދި ކޮމިއުނިޓީ ފަރުވާ ހިމެނެއެވެ.
"އަމިއްލައަށް އެދިގެން އަދި ކޯޓު އަމުރުގެ ދަށުން 533 މީހުން ދަނީ ފަރުވާ ހޯދަމުން. 18 އަހަރުން ދަށުގެ 8 ކުދިންވެސް ހިމެނޭ. ސެމީ ރެސިޑެންސް ފަރުވާގައި 24 މީހުން އެބަތިބި. އަދި މަރުކަޒުގައި ބައިތިއްބައިގެން 113 މީހުންނަށް ދަނީ ފަރުވާ ދެމުން. މެތަޑޮން ފަރުވާގައި 370 މީހުން އުޅޭ." އެންޑީއޭގެ ޗެއަރޕަރސަން ސިއްދީޤް ފާހަގަކުރެއްވިއެވެ.
ސިއްދީޤް ވިދާޅުވީ މި ދާއިރާގައި ގޮންޖެހުންތައް ހުރިކަމާށާއި އުމްރާނީ ވަސީލަތްތަކާއި އިންސާނީ ވަސީލަތްތައް ނެތުމަކީ އެންމެ ބޮޑު ގޮންޖެހުންކަމަށެވެ. ފަރުވާގެ ނިޒާމުގެ ތެރެއަށް ވެއްދުމަށް މިވަގުތު 710 މީހަކު ވެއިޓިންގައި ތިބިކަމަށް ސިއްދީޤް ވިދާޅުވިއެވެ.
އެކަމަށް ޚާއްސަ އިސްކަމެއް ދީގެން ހައްލު ހޯދުމަށް މަސައްކަތްކުރަމުންދާއިރު، ރާއްޖޭގެ އެކި ސަރަޙައްދުގައި ރިހެބިލިޓޭޝަން ސެންޓަރުތައް ތަރައްޤީކޮށް، ފަރުވާ މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ސިއްދީޤް ވިދާޅުވީ މިހާތަނަށް ކުރެވުނު މަސައްކަތްތަކުންވެސް، ރަނގަޅު ނަތީޖާއެއް ފެންނަމުންދާކަމަށެވެ. ފަރުވާގެ ނިޒާމު ފުރިހަމަކޮށް، މީހުން މުޖުތަމަޢުއަށް ނެރެމުންދާއިރު، ދެން އޮތީ އެމީހުން އެގޮތުގައި ދެމެހެއްޓުމުގެ ޒިންމާއާއި މަސައްކަތްތައްކަން ސިއްދީޤް ފާހަގަކުރެއްވިއެވެ.
އެފަދަ މީހުންގެ ހުނަރު ތަރައްޤީކުރުމާއި އަދި ވަޒީފަގެ ފަހި ފުރުޞަތުތައް ހޯދައިދިނުމުގެ މަސައްކަތްތައްވެސް ސަރުކާރުން ކުރަމުންދާކަމަށް ސިއްދީޤް ވިދާޅުވިއެވެ. އަދި ދާއިމީ ހައްލެއް މިކަމަށް ހޯދޭނީ މުޖުތަމަޢުގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިގެންކަން ފާހަގަކުރެއްވިއެވެ.