ތަރައްްޤީ

މާލޭ މަގުތައް ހެދުމުގެ މަޝްރޫޢު ބާރު ސްޕީޑްގައި ކުރިޔަށް!


މާލޭގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެންމެ ފުރަތަމަ މަސައްކަތް ފަށާފައިވާ މަޖީދީމަގުގެ ފުރަތަމަ ބްލޮކުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް އެބަދެއެވެ. img:http://s3.psmnews.mv/images/660x400/14767039412771.jpg|މަޖީދީ މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ދަނީ - ފޮޓޯ: ޕީއެސްއެމް

ރަސްފަންނާ ހިސާބުން މަޖީދީމަގު ފެށޭ ހިސާބުގައި ދުވާރު ހެދުމުގެ ބައެއް މަސައްކަތްތައް ނިމި، މިހާރު ވަނީ ބިންގަނޑު ލެވެލް ކުރުމުގެ މަސައްކަތް ފަށާފައެވެ. މާލޭގެ މައި ތޭރަ މަގެއް ހެދުމަށް ހައުސިން މިނިސްޓްރީން ފެއްޓެވި މާލޭ ރޯޑް ރީޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން، މަޖީދީމަގުގެ މަސައްކަތް ފަށާފައިވަނީ މި މަހުގެ 1 ވަނަ ދުވަހުއެވެ. ރަސްފަންނުން ފެށިގެން މާފަންނު ސަހަރާއާއި ހިސާބަށް ހިމެނޭ ބްލޮކްގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާއިރު، ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް ހައުސިން މިނިސްޓްރީން ފާހަގަކުރައްވައެވެ. ޚާއްސަކޮށް މާލޭގެ މަގުތަކުގައި ވަޅުލާފައިވާ ހޮޅިތަކާއި ވަޔަރުތަކަށް ގެއްލުން ނުދީ މަސައްކަތް ކުރިއަށް ގެންދިއުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް ހައުސިން މިނިސްޓަރގެ ނާއިބު ޢަބްދުﷲ މުއްތަލިބު ކުރިން ވިދާޅުވިއެވެ. ނަމަވެސް މި ގޮންޖެހުންތަކާއެކުވެސް މަގުހެދުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާކަން ފާހަގަކުރެވެއެވެ.

މިހާރު މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާލާއިރު، އެންމެ އަޅައިގަންނަ ކަމަކީ ދުވާރަށް އައިސްފައިވާ ބަދަލެވެ. މަގުގައި ޖަހާފައިވާ ކުދި ގަލުގެ ބަދަލުގައި މިހާރު ދުވާރުގައި ޖަހަމުންދަނީ ހުޅުމާލޭގައި ހުންނަފަދަ އެއް ފޫޓް އެއް ފޫޓްގެ ހަތަރެސްކަން ގާތަކެވެ. ރަސްފަންނާ ހިސާބުން މަޖީދީމަގު ފެށޭ ހިސާބުގައި ދުވާރުގެ ހެދުމުގެ ބައެއް މަސައްކަތް ނިމި، ދުވާރު ވަނީ ފުރިހަމަވެފައެވެ. މި ބަދަލަކީ ރައްޔިތުން ބަލައިގަންނާނެ ބަދަލެއް ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ. ދުވާރު ފަރުމާކޮށްފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ފަސޭހައިން ބޭނުންކުރެވޭނެ ގޮތަކަށްކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ދުވާރުގައި ޖަހާފައިވާ ކުދި ގާތަކަކީ މަގުތައް ކޮނުމަށްފަހު ދެވަނަ ފަހަރަށް އަތުރާއިރު، ލެވެލް ކުރަން އުނދަގޫ ގަލެއް ނަމަވެސް، ދުވާރުތަކުގައި އަލަށް ޖަގާ ގަލަކީ މަގު ކޮނުމަށްފަހު ގާ ޖެހުމަށްފަހު ފަސޭހައިން ލެވެލްކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ގާތަކެކެވެ. ދުވާރުގެ މަސައްކަތާއެކު، ނިމެމުންދާ ވަރަކުން ބިންގަނޑު ލެވެލް ކުރުމުގެ މަސައްކަތްވެސް ބާރު ސްޕީޑެއްގައި ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. ސަރުކާރުން އަމާޒު ހިއްޕަވާފައިވަނީ އޮކްޓޯބަރު މަހުގެ ފުރަތަމަ 3 ހަފްތާތެރޭގައި މަޖިދީމަގުގެ ފުރަތަމަ ބްލޮކްގެ މަސައްކަތް ނިންމެވުމަށެވެ. img:http://s1.psmnews.mv/images/660x400/14766282684323.jpg|މާލޭގައި ބެހެއްޓި ފުރަތަމަ ހައިޑްރަންޓް ސިސްޓަމް، މާފަންނު މަދުރަސާ ކުރިމަތީގައި - ފައިލް ފޮޓޯ: ޕީއެސްއެމް

މި އަމާޒަށް ވާސިލްވުމުގައި ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސްއިން ރޭގަނޑާއި ދުވާލު މަސައްކަތް ކުރިއަށްގެންދަވާއިރު، މަގު ހެދުމުގެ ތެރެއިން ނަރުދަމާ އަޕްގްރޭޑް ކުރެއްވުމުގެ މަސައްކަތް އެމް.ޑަބް.ލިއު.އެސްއީއާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕޮރޭޝަނުން ދަނީ ކުރައްވަމުންނެވެ. އަދި މާލޭގައި އަލިފާން ނިންވާ ނިޒާމެއް ޤާއިމްކުރެއްވުމުގެ މަޝްރޫޢުގެ ދަށުން މަޖިދީމަގުގައި ޤާއިމްކުރައްވާ ފުރަތަމަ ފަޔަރ ހައިޑްރަންޓް ނިޒާމް އިއްޔެ ވަނީ މާފަންނު މަދަރްސާ ކައިރީގައި ބަހައްޓަވާފައެވެ. މި ހުރިހާ މަސައްކަތްތައް އެއްފަހަރާ ކުރިއަށްދާއިރު، އާންމު ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުން ހުރިހާ އިދާރާތަކުންވެސް ފާހަގަކުރައްވައެވެ.