ޚަބަރު

"ޕޭޕަލްއިން ކުރި އިތުބާރަކީ އެހެން ޕޭމަންޓް ގޭޓްވޭތައް އައުމަށް ހުޅުވުނު ދޮރެއް"


  • މިއީ ރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދު ޒަމާނީވާން އެޅުނު މުހިންމު ފިޔަވަޅެއް

  • "މޯލްޑިވްސް 2.0" ތަސައްވުރަކީ ޤައުމުގެ ކުރިމަގު

ޕޭޕަލްއިން ރާއްޖެއަށް ކުރި އިތުބާރަކީ އެހެން ޕޭމަންޓް ގޭޓްވޭތައް އައުމަށް ހުޅުވުނު ދޮރެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ "ޓްރޭޑް ޑެސްކް ވިތު އަނާ" ޕޮޑްކާސްޓުގައި ރާއްޖެއަށް ޕޭޕަލް ޚިދުމަތް ތަޢާރަފު ކުރުމާ ގުޅިގެން ވާހަކަފުޅުދައްކަވަމުންނެވެ.

އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ޕޭޕަލްއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން، ކެމްޕޭން ދުވަސްވަރު ކޮންޓެންޓް ކްރިއޭޓަރުންނާއި އުފެއްދުންތެރިންނާ ބައްދަލުކުރެއްވިއިރު އެފަރާތްތަކުން ހާމަކުރި ކަންބޮޑުވުތަކަށް ހައްލު ހޯދައިދެއްވުމަށް ކުރެއްވި މަސައްކަތުގެ ނަތީޖާ ކަމަށެވެ.

ރާއްޖެއަކީ ޒަމާނުއްސުރެ ވަކި ދާއިރާތަކަކަށް އިޤްތިޞާދު ބަރޯސާވެފައިވާ ޤައުމަކަށްވާއިރު ދުނިޔެއަށް ޓެކްނޮލޮޖީގެ ގޮތުން އަންނަ ކުރިއެރުންތަކާއެކު އެ ޒަމާންވީ ދާއިރާތަކަށް ބަރޯސާވެވެން ނެތްކަން އެމަނިކުފާނު ޤަބޫލުފުޅުކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ "މޯލްޑިވްސް 2.0" ތަސައްވުރަކީ ޤައުމުގެ ކުރިމަގު ކަމަށާއި ޕޭޕަލްއާއެކު ރާއްޖޭގެ ޒުވާނުންނަށް ކުރިން ފަހިވެފައިނުވާ އެތައް ފުރުޞަތުތަކެއް ފަހިވެފައިވާ ކަމަށެވެ. އަދި ރާއްޖެފަދަ ކުޑަ ޤައުމަކަށް ޕޭޕަލްއިން ކުރި އިތުބާރަކީ އެހެން ޕޭމަންޓް ގޭޓްވޭތައް އައުމަށް ހުޅުވުނު ދޮރެއް ކަމަށާއި މިއީ ރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދު ޒަމާނީވާން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ކަމިން އޮފް ޕޭޕަލް، ދެއަރ ބިލީފް، ޓްރަސްޓް އިން މޯލްޑިވްސް، މިވެގެންދާނެ ވަރަށް ގިނަ ސިމިލަރ މިކަހަލަ އީ-ވޮލެޓްސް އަދި ޕޭމަންޓް ގޭޓްވޭސްތަކާއި އަދި އިތުރަށް ރާއްޖޭގެ މާލީ ނިޒާމު އިންޓަގްރޭޓް ކުރުމުގައި ރާއްޖެ މޮޑަނައިޒްވާނެ ސްޓެޕިން ސްޓޯނަކަށް." ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

ވަޒީރު ވަނީ ގޫގަލްއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި މަޝްވަރާތަކާއެކު އެ ކުންފުނިން ރާއްޖޭގައި ހިންގާ މަޝްރޫއަކީވެސް ރާއްޖޭގެ ކުރިމަގަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވެފައެވެ. އެފަދަ ބޮދު ކުންފުންޏަކުން ރާއްޖެފަދަ ކުޑަ ޤައުމަކަށް އިތުބާރުކޮށް ބޮޑު މަޝްރޫއެއް ހިންގުމަކީ ޤައުމުގެ ކޮންމެ ރައްޔިތަކަށްވެސް ލިބޭ ފަޚުރެއްކަން ވަޒީރު ސަޢީދު ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތްތަނުގައި ދިވެހިން ކޮންޓެންޓް ކްރިއޭޓަރުންގެ މެދުގައި މަޤުބޫލު، ޓިކްޓޮކްއާއި ޔޫޓިއުބް ފަދަ ޕްލެޓްފޯމުތަކުން އާމްދަނީ ހޯދޭނެ ގޮތްތައް ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.