ތަރައްްޤީ

ސީ ލައިފް ގްލޯބަލްގެ ފްލެޓްތަކުން 600 ފްލެޓް ވިކިއްޖެ


ސީ ލައިފް ގްލޯބަލްއިން ހުޅުމާލޭގައި ޢިމާރާތްކުރާ 3000 ފްލެޓްގެ ތެރެއިން، އެންމެ ފުރަތަމަ ވިއްކުމަށް ހުޅުވާލި 600 ފްލެޓް ވިކިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ފްލެޓް ގަތުމަށް ޢާންމުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބުނުކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ. ސީ ލައިފް ކުންފުނިން ހުޅުމާލޭގައި 3،000 ފްލެޓް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާއިރު، މީގެ ތެރެއިން ފުރަތަމަ ފިޔަވަހީގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 1،000 ފްލެޓެވެ. މި 1،000 ފްލެޓްގެ ތެރެއިން މިހާތަނަށް 350 ފްލެޓްގެ ޢަމަލީ މަސައްކަތް މިހާރުވަނީ ފަށާފައެވެ. ލަންކާގެ ކޮރަލް ގްރޫޕާ ޙަވާލުކޮށް ޢިމާރާތްކުރާ މި ފްލެޓްތަކުގެ ޢަމަލީ މަސައްކަތް ފެށީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. ސީ ލައިފް ގްލޯބަލްއިން މިހާރު ތައްޔާރުވަމުންދަނީ ފުރަތަމަ ފިޔަވަހީގެ 2 ވަނަ ބައިގައި ޢިމާރާތްކުރާ 320 ފްލެޓާއި، 3 ވަނަ ބައިގައި ޢިމާރާތްކުރާ 330 ފްލެޓް ޢިމާރާތްކުރުމަށް ބަޔަކާ ޙަވާލުކުރުމަށެވެ. އެގޮތުން 2 ވަނަ ބައި ހެދުމަށް ޗައިނާ ކުންފުންޏެއް ހަމަޖެހި، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެއެވެ.

ފުރަތަމަ ފިޔަވަހީގެ 1،000 ފްލެޓްގެ ތެރެއިން މިހާތަނަށް ވިއްކުމަށް ހުޅުވާލި 600 ފްލެޓް މިހާރު ވަނީ ވިކި ހުސްވެފައެވެ. ސީ ލައިފްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މޫސާ ވިދާޅުވީ، ވިއްކަން ހުޅުވާލިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ފްލެޓްތައް ވަރަށް ބާރު ސްޕީޑެއްގައި ބުކް ކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ ތަރުޙީބަށް ބެލުމަށްފަހު ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، ފްލެޓްތަކަށް ފައިސާ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ބޭންކްތަކާއެކު ވާހަކަ ދައްކަމުން އަންނަ ކަމަށާއި، މިހާތަނަށް ލަންކާގެ ސެންޓްރަލް ބޭންކުން އެކަމަށް ފެހި ސިގްނަލެއް ދީފައިވާ ކަމަށެވެ.

ސީ ލައިފް ގްލޯބަލްއިން ހުޅުމާލޭގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 3000 ފްލެޓަކީ، މެދު ފަންތިއާއި، މަތީ ފަންތީގެ ފްލެޓްތަކެވެ. 1 ކޮޓަރި، 2 ކޮޓަރި، އަދި 3 ކޮޓަރީގެ އެޕާޓްމަންޓްތައް މި ފްލެޓްތަކުގައި ހިމެނޭއިރު، ކޮންމެ ޓަވަރެއްގެ އެންމެ މަތީ ފްލޯތަކުގައި ޕެންޓްހައުސްތައްވެސް ހުންނާނެއެވެ. ވިކިފައިވާ ފްލެޓްތަކާއެކު ބައެއް ޕެންޓްހައުސްތައްވެސް ވިއްކުމަށް ހުޅުވާލާފައިވާ ކަމަށް އަޙްމަދު މޫސާ ވިދާޅުވިއެވެ.

އަޙްމަދު މޫސާ އިތުރާށް ވިދާޅުވީ، މިދިޔަ މަހު ފްލެޓްތަކުގެ ޢަމަލީ މަސައްކަތް ފެށިއިރު، ކުރީގެ ޑިޒައިނަށް ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ. އެ ބަދަލުތަކުގެ ތެރޭގައި، 3 ކޮޓަރީގެ އެޕާޓްމަންޓްތަކުގައި 2 ބެލްކަނި ހިމެނުމާއި، ބެލްކަނިތައް މަގަށްވާގޮތަށް ނިކުމެފައި ހުންނާނެ ގޮތަށް ޑިޒައިނަށް ބަދަލު ގެނައުން ހިމެނެއެވެ. މިކަމުގެ ސަބަބުން، ސިޓިންގްރޫމްތަކުގެ ޖާގަ ބޮޑުވެގެންދާނެ ކަމަށްވެސް އަޙްމަދު މޫސާ ވިދާޅުވިއެވެ.