ރާއްޖޭގައި ޒާތީ މަޢުލޫމާތު އެއްކުރުމާއި ޕްރޮސެސްކުރުމާއި ބޭނުންކުރުމުގެ ނިޒާމެއް ޤާއިމުކޮށް ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމާ ގުޅޭ ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނދު ދާއިރާގެ މެންބަރު އަލީ އިބްރާހިމެވެ.
ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި "ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ބިލު"ގައި ބަޔާންކޮށްފައިވާގޮތުން މި ބިލު ޤާނޫނަކަށްވުމުން ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ރާއްޖޭގައި ޒާތީ މަޢުލޫމާތު އެއްކުރުމާއި ޕްރޮސެސް ކުރުމާއި ބޭނުންކުރުމުގެ ނިޒާމެއް ޤާއިމުކުރެވޭނެއެވެ. އަދި ޒާތީ މަޢުލޫމާތު ނިސްބަތްވާ މީހުންގެ ޙައްގުތަކާއި މަޢުލޫމާތު އެއްކުރާ އަދި ޕްރޮސެސްކުރާ ފަރާތްތަކުގެ ޒިންމާތައް ކަނޑައަޅައި އެ ފަރާތްތައް ރެގިއުލޭޓްކުރުމާބެހޭ އުސޫލުތައް މި ބިލުގެ ދަށުން ބަޔާންކުރާނެއެވެ.
މި ބިލާއެކު ބޭރު ޤައުމުތަކާއި ބައިނަލްއަގުވާމީ އިދާރާތަކާއި އެހެނިހެން ކްރޮސްބޯޑަރ ފަރާތްތަކަށް ޒާތީ މަޢުލޫމާތު ޓްރާންސްފަރ ކުރުމާގުޅޭ އުސޫލުތައްވެސް ކަނޑައެޅޭނެއެވެ. އަދި ޑޭޓާ ނިސްބަތްވާ ފަރާތްތަކަށް ލިބިގެންވާ ޙައްގުތަކާއި އެ ޙައްގުތައް ބޭނުންކުރުމުގެ ހަމަތައް ބަޔާންކޮށް، ޑޭޓާ ބްރީޗެއް މެދުވެރިވެއްޖެނަމަ މަޢުލޫމާތު ޕްރޮސެސްކުރާ ފަރާތްތަކުން އަމަލުކުރާނެ ގޮތުގެ އުސޫލުތައްވެސް ބަޔާންކުރާނެއެވެ.
މީގެ އިތުރުން ޤާނޫނު ތަންފީޒުކޮށް ހިންގުމުގެ ގޮތުން ޕްރައިވަސީ ކޮމިޝަނަރުގެ ދައުރު އަދާކުރާނެ ފަރާތެއް ކަނޑައަޅައި އޭނާގެ މަސްއޫލިއްޔަތުތަކާއި ބާރުތައްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. ބިލުގައި ބަޔާންކޮށްފައިވާ ގޮތުން ޕްރައިވަސީ ކޮމިޝަނަރަކަށް ހުންނަވާނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްގުގެ ޤާނޫނުގެ ދަށުން އައްޔަން ކުރައްވާފައިވާ އިންފޮމޭޝަން ކޮމިޝަނަރެވެ.
މި ބިލުގައި ޑޭޓާ ޕްރޮސެސް ކުރާ ފަރާތްތަކާއި ކޮންޓްރޯލް ކުރާ ފަރާތްތަކުގެ ދައުރާއި ޒިންމާތަކާއި ރެކޯޑު ބަލެހެއްޓުމާ ގުޅޭ ކަންކަން ތަފްސީލުކޮށް ވަނީ ބަޔާންކޮށްފައެވެ. ބިލުގައި ޑޭޓާ ކޮންޓްރޯލް ކުރާ ފަރާތްތަކާއި ޕްރޮސެސް ކުރާ ފަރާތްތަކުން ޑޭޓާ ޕްރޮޓެކްޝަން އޮފިސަރުން ކަނޑައަޅަންޖެހޭ ހާލަތްތައްވެސް ވަނީ ބަޔާންކޮށްފައެވެ.