ތަރައްްޤީ

ފަރަށް އެރި މަސް ބޯޓު ފުންކުރުމަށް ރެސްކިއުޓީމެއް ފުރައިފި


މ.ވޭވަށު ފަރަށް އަރާފައިވާ މިފްކޯގެ މަސްބޯޓް ފުން ކުރުމަށްޓަކައި، ކޫއްޑޫއިން ރެސްކިއު ޓީމެއް ފުރައިފިއެވެ.

ޕީ.އެސް.އެމް ނިއުސް އަށް މަޢުލޫމާތު ދެއްވަމުން ކޫއްޑޫގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ މުސްޠަފާ ޖަމީލް ވިދާޅުވީ، ފަރަށް އަރާފައިވާ ބޯޓް މިއަދުގެ ބޮޑު ދިޔައިގައި ފުން ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. އެގޮތުން މި މަސައްކަތް ކުރުމަށް ކޫއްޑޫގައި އޮތް މިފްކޯގެ ކަލަމިންޖާ 403 ބޯޓުގައި ރެސްކިއުޓީމެއް މިހާރު މ.އަތޮޅަށް ދަތުރުކުރަމުންދާކަަމަށެވެ.

މި ބޯޓް ފަރަށް އަރާފައިހުރީ ވޭވަށާއި، މުލަކާ ދެމެދު އޮންނަ ކަނޑުއޮޅިއާވީ ފަޅިން ފަރަށެވެ. މި ފަރަށް އާންމުކޮށް ކިޔަނީ ދޮންގިރި ފަޅެވެ.

މުސްތަފާ ވިދާޅުވީ މިއަދު ހެނދުނު ހިކި ދިޔައިގައި ބޯޓަށް ލިބިފައި ހުރި ގެއްލުންތައް ބެލި ކަމަށާއި، ބޯޓަަށް މާބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް މިހާތަނަށް ފާހަގަ ކުރެވިފައި ނުވާކަމަށެވެ. އަދި މެންދުރުގެ ބޮޑު ދިޔައިގައި ބޯޓް ފުން ކުރެވޭނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ބޯޓު މ.ވޭވަށު ފަރަށް އަރާފައިވަނީ، 110 ޓަނުގެ މަހާއެކު ކޫއްޑުއަށް ދަތުރުކުރަމުން ދަނިކޮށް ރޭ މެންދަމު 1:00 އެހާއިރުއެވެ. މިއީ މިފްކޯގެ މަސްކިރުވާ ބޯޓުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ބޯޓެވެ.