ތަރައްްޤީ

ކުޑަހުވަދޫ އެއަރޕޯޓް މަޝްރޫޢުގެ ބޮޑުބައެއް ނިމިއްޖެ


ދ.ކުޑަހުވަދޫގައި ތަރައްޤީކުރައަވްމުން ގެންދަވާ ޑޮމެސްޓިކް އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ނިންމަވައި، މިއަހަރު ޑިސެމްބަރުމަހު އެއަރޕޯޓް ހުޅުވޭނެކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރާ ޙަވާލާދެއްވާ ކުޑަހުވަދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެހެން ޑޮމެސްޓިކް އެއަރޕޯޓްތަކާ ޚިލާފަށް، ދ.ކުޑަހުވަދޫގައި ތަރައްޤީކުރައްވާ ޑޮމެސްޓިކް އެއަރޕޯޓަކީ، 1800 މީޓަރުގެ ރަންވޭއަކާއެކު، ޕްރައިވެޓް ޖެޓް ޕާކިން އޭރިއާއެއް ހިމެނޭ ގޮތަށް ތަރައްޤީ ކުރައްވާ އެއަރޕޯޓެކެވެ. ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން މި އެއަރޕޯޓްގެ މަސައްކަތް ސަރުކާރުން ހަވާލުކުރައްވާފައިވަނީ ރިއޮއްލޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. މިމަޝްރޫޢުގެ އަގަކީ 20 މިލިއަން ޑޮލަރެވެ.

ކުޑަހުވަދޫ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވާފައިވަނީ 2014 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. އެއަރޕޯޓް ތަރައްޤީކުރެއްވުމަށް ކުޑަހުވަދޫގެ ފަޅުން 62 ހެކްޓަރުގެ ބިން ވަނީ ހިއްކަވާފައެވެ. ކުޑަހުވަދޫ ކައުންސިލުން ވިދާޅުވީ ރަންވޭގެ މަސައްކަތް މި މަހުގެ ތެރޭގައި ފެށޭނެ ކަމަށާއި، ކޮންސްޓްރަކްޝަންގެ ގިނަ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ. އެއަރޕޯޓްގެ ޓާމިނަލާއި، ކޮންޓްރޯލް ޓަވަރާއި، އިދާރީ އޮފީސްބަޔާއި، ފަޔަރ ޢިމާރާތާއި، ރެސްޓޯރެންޓްގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް ކުޑަހުވަދޫ ކައުންސިލުން ވިދާޅުވެއެވެ.

ޕީ.އެސް.އެމާ ވާހަކަދައްކަވަމުން ކުޑަހުވަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޒަމީރު ވިދާޅުވީ، ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ފެށޭނެ ކަމަށާއި، އެ މަސައްކަތް ލަސްވީ، ހިއްކާފައިވާ ބިމުގެ ފަސްގަނޑު އެއްވަރުކޮށް ބިންގަނޑު ހަމަޖެހުމަށް ދޭންޖެހޭ މުއްދަތު ދިނުމުން ކަމަށެވެ. ރަންވޭ ހަދަން ފަށާތާ ދެ މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށާއި، އެހެންކަމުން ޑިސެމްބަރު މަހުގެ ނިޔަލަށް އެއަރޕޯޓްގެ ހުރިހާ މަސައްކަތްތަކެއް ނިންމާލެވޭނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.

ކުޑަހުވަދޫ ކައުންސިލުން ވިދާޅުވީ، މިއެއާޕޯޓަކީ އަތޮޅުގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއް ފުރިހަމަވުން ކަމަށެވެ. ކުޑަހުވަދޫގެ މަގުތަކުގައި އެންމެ ޒަމާނީ ފެންވަރަށް ތާރު އަޅާފައިވާއިރު، އެއަރޕޯޓާއެކު ކުޑަހުވަދުއަށް ޢުމުރާނީ ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ކުޑަހުވަދޫ ކައުންސިލުން ވިދާޅުވެއެވެ. ކައުންސިލްގެ ރައީސް މުޙައްމަދު ޒަމީރު ވިދާޅުވީ ދ. އަތޮޅަކީ މިހާރުވެސް 4 ރިސޯޓް އޮޕަރޭޓް ކުރަމުންދާ އަތޮޅެއް ކަމަށާއި، މިހާރުވެސް ހުޅުވަން ތައްޔާރުވެފައި އޮތް ދެ ރިސޯޓެއް އެބައޮތް ކަމަށެވެ. އެއަރޕޯޓް މަޝްރޫޢު ނިމި އެތަނުގެ ޚިދުމަތް ލިބެން ފެށުމުން އަތޮޅުގައި ޓޫރިޒަމް ފުޅާވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރަށަށް ހިޖުރަކޮށްފައިވާ މީހުންނާއެކު ކުޑަހުވަދޫގައި 3000 މީހުންގެ އާބާދީއެއް ދިރިއުޅޭ ކަމަށް ކުޑަހުވަދޫ ކައުންސިލުން ވިދާޅުވެއެވެ. ކުޑަހުވަދޫއަކީ ސަރުކާރުން ކުރިއަށްގެންދަވާ ޢުމުރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާ އަތޮޅެކެވެ. އެއަރޕޯޓް ހެދުމަށް ހިއްކާފައިވާ 62 ހެކްޓަރުގެ އިތުރުން، އެރަށުގައި ވަނީ އިތުރު 45 ހެކްޓަރުގެ ބިން ހިއްކާފައެވެ. އަދި މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން، ތާރު އަޅައިގެން ޒަމާނީ ފެންވަރަށް އެރަށުގެ ގިނަ މަގުތަކެއް ހައްދަވައިދެއްވާފައިވެއެވެ. މީގެ އިތުރުން، އާބާދީއާ ތަރައްޤީ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ދ.ވާނީ މީހުންނާއި، ދ.ގެމެންދޫ މީހުން ބަދަލުކޮށްފައިވާ، އެއްފަސްކުރުމުގެ ނަމޫނާ ރަށެއްގެ ގޮތުގައި ކުޑަހުވަދޫ ފާހަގަކުރެވެއެވެ.