ތަރައްްޤީ

އޭދަފުށީ މަގު ހެދުމުގެ މަޝްރޫޢު ރަސްމީކޮށް ފަށްޓަވައިފި


ބ.އަތޮޅުގެ ވެރިކަންކުރާ ރަށް އޭދަފުށްޓަކީ، އާބާދީގައި 3,500 މީހުން ދިރިއުޅޭ ރަށެކެވެ. ވެރިކަންކުރާ ރަށަށްވުމާއެކު، އެކި ޚިދުމަތްތައް ހޯދުމަށް އަތޮޅުގެ އެކި ރަށްރަށުން، ކޮންމެ ދުވަހަކުވެސް އޭދަފުށްޓަށް އެތައް ބަޔަކު ޒިޔާރަތްކުރެއެވެ. ޢުމުރަނީގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ މިރަށުގެ ރައްޔިތުން މިހާތަނަށް ކުރަމުން އައި އެންމެ ބޮޑު އުންމީދަކީ އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދިގެންދާނެ ދުވަހަކަށް ކަމަށް އޭދަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ނަޢުރީފް ވިދާޅުވިއެވެ.

އޭދަފުށީ މަގު ހެދުމުގެ މަޝްރޫޢު މިއަދު ވަނީ ރަސްމީކޮށް ފަށްޓަވާފައެވެ. އޭދަފުށީގައި ބަނދަރު ސަރަޙައްދުގައި މިއަދު ހަވީރު ބޭއްވެވި ރަސްމިއްޔާތުގައި، މަސައްކަތް ރަސްމީގޮތުން ފަށްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމާއި، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢުއެވެ. އޭދަފުށީ ކައުންސިލްގެ ރައީސް، މުޙައްމަދު ނަޢުރީފް ވިދާޅުވީ، މަގުހެދުމުގެ މަސައްކަތުގައި އެންމެ ފުރަތަމަ ކުރިއަށް ގެންދަވަން ހަމަޖެހިފައިވަނީ ކާނުތައް ބެހެއްޓުމާއި، ދުވާރުގެ މަސައްކަތް ކަމަށެވެ.

މަގުހެދުމުގެ މަޝްރޫޢުގެ ދަށުން އޭދަފުށީގެ 14 މަގެއްގައި ތާރު އެޅުމަށް ހަމަޖެހިފައިވާއިރު، މިއީ 33 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމް.އާރ.ޑީ.ސީއެވެ. އޭދަފުށީ މަގު ހެދުމުގެ މަސައްކަތް ފައްޓަވާތާ އެއްއަހަރު ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމަވާގޮތަށް ހަމަޖެހިފައިވާ ކަމަށް އޭދަފުށީ އެމްއާރްޑީސީ އޮފީހުން ބުނެއެވެ.