ޚަބަރު

"ޞިއްޙީ ދާއިރާއަށް މިއަހަރު 1900 އެއްހާ މުވައްޒަފުން ޚިދުމަތަށް ނެރެވޭނެ"


  • މިކަމަށް ބޭނުންވާ ބަޖެޓް މި އަހަރަށް ފާސްކުރި ޞިއްޙީ ދާއިރާގެ ބަޖެޓުގައި ހިމަނާފައިވޭ

  • ޞިއްޙީ ދާއިރާއިން ތަޢުލީމު ޙާސިލުކޮށް ޚިދުމަތަށް ނިކުތުމަށް ވަޒީރު ބާރުއެޅުއްވި

  • މިދިޔަ އަހަރު އެކަނިވެސް 1700 އެއްހާ މުވައްޒަފުން ޚިދުމަތަށް ނެރުނު

ޞިއްޙީ ދާއިރާއިން މީހުން ބިނާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިއަހަރު 1900 އެއްހާ މުވައްޒަފުން ޚިދުމަތަށް ނެރެވޭނެކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، ޞިއްޙީ ދާއިރާގެ ތަރައްޤީކުރުމަށް ޢުމްރާނީ ވަސީލަތްތައް ޤާއިމުކުރުމާއި އައު ޚިދުމަތްތައް ތަޢާރަފުކުރުމަށް ކުރާ މަސައްކަތްތަކާ އެކުއެކީގައި މި ދާއިރާއިން މީހުން ބިނާކުރުމަކީވެސް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ ކަމެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޞިއްޙީ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، ޞިއްޙީ ދާއިރާގެ ތަރައްޤީއަށް މިވީ 2 އަހަރުގެ ތެރޭގައިވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އެގޮތުން އަތޮޅުތަކައި އިތުރު 18 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކޮށް، 10 ރަށެއްގައި އަލަށް ޑައިލިސިސްގެ ޚިދުމަތްދޭން ފަށާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އައު ޚިދުމަތްތަަކާއި ވަސީލަތްތައް ޤާއިމުކުރެވުނުނަމަވެސް މި ދާއިރާއިން ބޭނުންވާ ފަންނީ މުވައްޒަފުން ނުލިބުމަކީ އަދިވެސް އޮތް ގޮންޖެހުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ރާއްޖޭގެ ލޭބަރ ފޯސްގައި މިވަރަކަށް ޓެކްނިކަލް މުވައްޒަފުންނެއް އުފެއްދިފައެއްނެތް. އެހެންވީމަ އެކަމަށް މީހުންނަށް އެކަންރޭޖްކުރުމާއި މީހުން އެ ފިލްޑް ނިކުތުން އެއީ އަޅުގަނޑުމެން އިލްތިމާސްކުރާކަމެއް. ތަރައްޤީވަމުން އަންނަ ވަރަށް ގިނަ ޤައުމުތަކުގައި އޮތް ގޮންޖެހުމެއް މިއީ ހަމަ އަޅުގަނޑުމެންވެސް ހިއްސާކުރަމުން މިގެންދަނީ." ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް ވިދާޅުވިއެވެ.

ޞިއްޙީ ވަޒީރު ވިދާޅުވީ، މި ދާއިރާއިން އިންސާނީ ވަސީލަތް ބިނާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިދިޔަ އަހަރުވެސް 1700 އެއްހާ މުވައްޒަފުން ޚިދުމަތަށް ނެރެފައިވާކަމަށެވެ. އަދި މިއަހަރު އިތުރު 1900 އެއްހާ މުވައްޒަފުން ނެރެވޭނަކަމަށެވެ. މިއީ ހިސާބުކުރެވިގެން ބަޖެޓްކުރެވިގެން ކުރެވޭ މަސައްކަތެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ޞިއްޙީ ދާއިރާއިން މީހުން ތަމްރީންވެގެން ދިއުމަކީ މިހާރު ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ވަރަށް މުހިންމުކަމެއްކަަމަށެވެ. ޞިއްޙީ ދާއިރާއިން ޚިދުމަތް ދިނުމުގައި އަދިވެސް ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން ބޭނުންވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ވަޒީރު ވަނީ މި ދާއިރާއިން މަތީ ތަޢުލީމު ޙާސިލުކޮށް ވީހާވެސް ގިނަ މީހުން ޚިދުމަތަށް ނިކުތުމަށް ބާރު އަޅުއްވާފައެވެ.