އިންޑިއާގެ ޕޮލިސް އެކަޑަމީގެ ތަމްރީނު ކޯސް ދިވެހި 5 ފުލުހަކު ފުރިހަމަކޮށްފިއެވެ. އެކަޑަމީގެ ފުލުހުންގެ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ، ބައިވެރިވެ ވަޑައިގެންފައެވެ.
މިރަސްމިއްޔާތުގައި ކޮމިޝަނަރ ބައިވެރިވެ ވަޑައިގެންފައިވަނީ، އިންޑިއާގެ ހައިދަރު އާބާދުގައި ހުންނަ ސަރްދާރު ވަލްލަބްބާއީ ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑަމީ، އެސްވީޕީއެންޕީއޭގެ ރަސްމީ ދަޢުވަތަކަށެވެ. މިއީ، އެ އެކަޑަމީގެ 78 ވަނަ އިންޑިއަން ޕޮލިސް ސަރވިސް ޓްރޭނިންގ ކޯސް ދަސްވެނިވުމުގެ ރަސްމިއްޔާތެވެ.
ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ 5 އޮފިސަރަކު ވަނީ، ކާމިޔާބުކަމާއެކު މި ތަމްރީނު ކޯސް ފުރިހަމަކޮށް ދަސްވެނިވެފައެވެ. އޭގެ ތެރޭގައި އަންހެން އޮފިސަރަކުވެސް ހިމެނެއެވެ.
މި ދަތުރުފުޅުގެ ތެރެއިން ކޮމިޝަނަރ އޮފް ޕޮލިސް ވަނީ، އިންޑިއާގެ ޔޫނިއަން ހޯމް ސެކްރެޓަރީ ޝްރީ ގޯވިންދު މޯހަން އަދި އެސްވީޕީއެންޕީއޭގެ ޑިރެކްޓަރ ޝްރީ ސުޖީތު ޕާންޑޭއާ ވަކިވަކިން ބައްދަލުކުރައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމާއި އިޙުތިރާމް ރަމްޒުކޮށްދިނުމުގެ ގޮތުން މި ބައްދަލުކުރެއްވުމުގައި ހަނދާނީ ފިލާ ވަނީ ބަދަލުކުރައްވާފައެވެ.
އެސްވީޕީއެންޕީއޭއަށް ކުރެއްވި މި ރަސްމީ ޒިޔާރަތުގެ ތެރެއިން ކޮމިޝަނަރ އޮފް ޕޮލިސް ވަނީ، އެ އެކަޑަމީގެ ޑިރެކްޓަރ ޝްރީ ސުޖީތު ޕާންޑޭއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ، ކުރިމަގުގައި ދެފަރާތް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުންނާއި، އޮފިސަރ ޓްރެއިނީންނަށް ތަމްރީނުގެ ފުރުޞަތުތައް ފުޅާކޮށް، މިހާރު ލިބެމުންދާ ޖާގަތައް އިތުރުކުރުމާ ގުޅޭގޮތުންނެވެ.