ތަރައްްޤީ

ގުރައިދޫގެ ފެނުގެ ނިޒާމްގެ ޢަމަލީ މަސައްކަތް ފަށްޓަވައިފި


މާލެއަތޮޅު ގުރައިދޫގައި ޤާއިމްކުރައްވާ ފެނުގެ ނިޒާމްގެ ޢަމަލީ މަސައްކަތް މިއަދު ފަށްޓަވައިފިއެވެ.

ސަރުކާރުގެ ބަޖެޓުން 25 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ހިންގަވާ މި މަޝްރޫޢުގެ ދަށުން، މިއަދު ފަށްޓަވާފައިވަނީ ހޮޅިވަޅުލުމުގެ މަސައްކަތް ކަމަށް ގުރައިދޫ ކައުންސިލުން ވިދާޅުވެއެވެ.

ގުރައިދޫ ކައުންސިލްގެ ރައީސް، ޙުސައިން ޔާމީން މުޙައްމަދު ވިދާޅުވީ، އެރަށުގެ މީރުފެން ފަށަލަ ހަލާކުވެ، ފެން ބޭނުން ނުކުރެވޭތާ އެތައް އަހަރެއް ވެފައިވާ ކަމަށާއި، ގުރައިދޫގައި ފެނުގެ ނިޒާމެއް ޤާއިމްވެގެން ދިއުމަކީ، ރައްޔިތުންގެ ބޮޑު އުންމީދެއް ކަމަށެވެ. ޔާމީން ވިދާޅުވީ  2012 ވަނަ އަހަރު ހެލްތް މިނިސްޓްރީއާއި، އީ.ޕީ.އޭއިން ކުރެއްވި ދިރާސާތަކަށްފަހު، އެފަރާތްތަކުންވެސް ފެން ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން ގުރައިދުއަށް ފެނުގެ ނިޒާމަކީ ވަރަށް މުހިންމު މަޝްރޫޢެއްކަން، ކައުންސިލްގެ ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ގުރައިދޫގެ ފެނުގެ ނިޒާމްގެ މަސައްކަތް ކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ޙަވާލުކުރައްވާފައިވަނީ، ސްޓެލްކޯއާއެވެ. ސްޓެލްކޯއިން މި މަސައްކަތް ކުރިއަށް ގެންދަވަނީ އެމް.ޑަބް.ލިއު.އެސް.ސީއާ ޙަވާލުކުރައްވައިގެންނެވެ.

އެމް.ޑަބްލިއު.އެސް.ސީއާ ޙަވާލާދެއްވާ ގުރައިދޫ ކައުންސިލުން ވިދާޅުވީ، މަޝްރޫޢުގެ ދަށުން 350 ގެއަށް ފެނުގެ ނިޒާމް ގުޅާލެވޭނެ ކަމަށާއި، ކުރިއަށް އޮތް 3 މަހުގެ ތެރޭގައި ޢަމަލީ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.