ތަރައްްޤީ

ފޮނަދޫ މިސްކިތުގެ ޢަމަލީ މަސައްކަތް ނިމިއްޖި


ލ.ފޮނަދޫ ބަރާސީލް އަވަށުގައި ތަރައްޤީ ކުރައްވާ މިސްކިތުގެ ޢަމަލީ މަސައްކަތް ނިމިފައިވާ ކަމަށް، އެ މަސައްކަތުގެ ކޮންޓްރެކްޓަރާ ޙަވާލާދެއްވާ ފޮނަދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ފޮނަދޫ ބަރާސީލް އަވަށުގައި، ގާދޫ މީހުން އާބާދުކޮށްފައިވާ ސަރަޙައްދުގައި ޢިމާރާތްކުރައްވާފައިވާ މި މިސްކިތަކީ، 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިސްކިތު ފަންޑުން 9 މިލިއަން ރުފިޔާ ޚަރަދު ކުރައްވައިގެން ޢިމާރާތްކުރައްވާ މިސްކިތުގެ ކޮންޓްރެކްޓަރަކީ އަމީން ކޮންސްޓްރަކްޝަންއެވެ.

މި މިސްކިތުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ އެޕްރީލް މަހުގައެވެ. އަދި އަމަލީ މަސައްކަތް ނިންމާލެވިފައިވަނީ މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށްކަމަށްވެސް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

ފޮނަދޫ ކައުންސިލްގެ ރައީސް، އަޙްމަދު ރިޔާޒް ވިދާޅުވީ، މިސްކިތުގައި ކާޕެޓް އެޅުމަށްފަހު، މިހާރު ކުރިއަށްދަނީ މިސްކިތް ހިމެނޭ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ކަމަށާއި، ވަރަށް އަވަހަށް މިސްކިތް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިސްކިތް ހުޅުވުމުން، ބަރާސީލް އަވަށުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ. ޚާއްސަކޮށް، ލ.ގާދޫއިން ފޮނަދުއަށް ބަދަލުވި މީހުން ދިރިއުޅޭ ސަރަޙައްދުގައި މިސްކިތެއް ނެތުމުން އެފަރާތްތަކުން ކުރަމުން އައި ޝަކުވާތަކަށް ނިމުމެއް އަންނާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ. 

އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ލ.ގާދޫ މީހުން ފޮނަދުއަށް ބަދަލު ކުރައްވާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ. ގާދޫގެ 108 ޢާއިލާއެއް ފޮނަދުއަށް ބަދަލުވެފައިވާއިރު، އެ ޢާއިލާތަކަށް ފޮނަދޫގެ ދެ ސަރަޙައްދެއްގައި 85 ގެ ސަރުކާރުން ވަނީ ޢިމާރާތް ކޮށްދެއްވާފައެވެ.

ގެތައް ނުލިބޭ ޢާއިލާތަކުން މިހާރު ދިރިއުޅެމުންދަނީ ސަރުކާރުގެ ޚަރަދުގައި ފޮނަދޫގެ ބައެއް ގެތަކުގައި ކުއްޔަށެވެ. ސަރުކާރުން މިހާރު ގެންދަވަނީ ކުއްޔަށް ދިރިއުޅޭ ޢާއިލާތަކަށް ޚާއްސަ ކުރައްވައިގެން އިތުރު 50 ހައުސިންގ ޔުނިޓް ތަރައްޤީ ކުރެއްވުމުގެ މަސައްކަތް ކުރަމުންނެވެ.