ތަރައްްޤީ

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރކަމުން ނިމާލް ވަކިކުރައްވައިފި


ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރކަމުން މުޙައްމަދު ނިމާލް ވަކިކުރައްވައި، އެމަޤާމަށް އަޙްމަދު ޝަރީފު ޢައްޔަންކުރައްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން ބޯރޑުގެ ރައީސް މުޙައްމަދު ނިޒާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ތ.ތިމަރަފުށީ މާލޭގެ އަޙްމަދު ޝަރީފް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރކަމުގެ މަޤާމަށް މިއަދު ޢައްޔަންކުރައްވާފައިވާކަމަށެވެ. އެހެންނަމަވެސް މުޙައްމަދު ނިމާލު ވަކިކުރައްވައި އަޙްމަދު ޝަރީފު އެމަޤާމަށް  ޢައްޔަންކުރެއްވި ސަބަބައެއް ޕްރައިވެޓައިޒޭޝަން ބޯރޑުން މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.

ތިމަރަފުށީ ދައިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރުންކަންވެސް ކުރިން ކުރައްވާފައިވާ އަޙްމަދު ޝަރީފް މިހާތަނަށް ހުންނެވީ އެޑިއުކޭޝަން މިނިސްޓަރގެ ނާއިބުކަމުގެ މަޤާމުގައެވެ.

2012 ވަނަ އަހަރު ސަރުކާރުން އުފެއްދެވި ފެނަކަ ކޯޕަރޭޝަންގެ އެމްޑީކަމުގެ މަޤމަށް އެންމެ ފުރަތަމަވެސް އައްޔަންކުރައްވާފައިވަނީ މުޙައްމަދު ނިމާލެވެ. އެހެންނަމަވެސް 2013 ވަނަ އަހަރު އޭރުގެ ސަރުކާރުން އެނާ އެމަޤާމުން ވަކިކުރައްވާފައިވެއެވެ. ރައީސް ޢަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތުމަށްފަހު އަނެއްކާވެސް ފެނަކައިގެ އެމްޑީކަމުގެ މަޤާމަށް މުޙައްމަދު ނިމާލު ޢައްޔަންކުރައްވާފައިވެއެވެ.