ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އާއު އީއާރްގެ ޚިދުމަތް ކުރިއަށް އޮތް ދެދުވަހެއްގެ ތެރޭގައި ފެށޭނެކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
މިއީ އެ ހޮސްޕިޓަލްގައި ފުލްފްލެޖް އީއާރް އިމާރާތެއް އެޅުމަށް، މިހާރު ބޭނުންކުރާ އީއާރް އެހެން ތަނަކަށް ވަގުތީގޮތުން ބަދަލުކުރުމަށް ކުރިއަށްގެންދިޔަ މަސައްކަތެކެވެ.
ހޮސްޕިޓަލުން މަޢުލޫމާތުދިން ގޮތުގައި އެ ހޮސްޕިޓަލްގައި މިހާރު އިމަރޖެންސީ ފަރުވާދޭ ރޫމް ހުންނަނީ، އިމާރާތުގެ ވަރަށް އެތެރެއަށް ވަދެގެންދާގޮތަށް އޮންނަ ވޯޑެއްގައެވެ. މިއީ ކުއްލި ޙާލަތްތަކުގައި ބަލި މީހުން ހޮސްޕިޓަލަށް ގެންގޮސް، ފަރުވާ ފެށުމަށް ކުރިމަތިވާ ގޮންޖެހުމެއްގެ ގޮތުގައި އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުން މަޢުލޫމާތު ދިން ގޮތުގައި، އަލަށް ހުޅުވުމަށް ތައްޔާރުވެފައިވާ އިއާރްއަކީ، ސީދާ އިމަރޖެންސީ ރޫމްގެ ވަންނަ ދޮރަށް އެންބިއުލާންސަށް ކައިރި ކުރެވޭގޮތަށް ހަދާފައިވާ ތަނެކެވެ. މިއިމާރާތް ހުންނާނީ ކުޅުދުއްފުށީ ހޮނިހިރު ބާޒާރު އޮންނަ ފަޅީގައެވެ. މިއީ ކުއްލި ޙާލަތްތަކުގައި ބަލިމީހާގެ ފަރުވާ އަވަސްވެ، އަދި ޚިދުމަތް ދިނުމުގައިވެސް ލިބޭނެ ލުޔެއްކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރެވެ.
ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި، އައު އީއާރަށް ޕޭޝަންޓުން ބަދަލުކޮށް، ޚިދުމަތް ދޭން ފަށާނެކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. މިވަގުތު ކުރަމުންދަނީ އިމާރާތުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ. މިއިމަރޖެންސީ ރޫމްގައިވެސް ހިމެނެނީ 6 އެނދެވެ. އަދި ނަރސް ސްޓޭޝަނާއި ބަލިމީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވަސީލަތްތައް އިމާރާތުގައި ހަމަޖެއްސުމުގެ ފަހުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ހދ.އަތޮޅާއި އެރަށާއި ކައިރި އެހެން އަތޮޅުތަކުގެ ރައްޔިތުންވެސް ޚިދުމަތަށް ބަރޯސާވާ ހޮސްޕިޓަލެކެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ތިން މަހު އެކަނިވެސް ހޮސްޕިޓަލްގެ އީއާރްއިން 1679 މީހުންނަށް ފަރުވާ ދީފައިވެއެވެ. މިދިޔަ އަހަރު ޖުމުލަ 6591 މީހުންނަށް އީއާރްއިން ފަރުވާ ދީފައިވެއެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލަކީ ސަރުކާރުން ޓަރޝަރީ ފެންވަރަށް ތަރައްޤީކުރާ އެއް ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލް އިތުރަށް ތަރައްޤީވެގެންދާއިރު، ފުލް ފްލެޖް އީއާރް ފެސިލިޓީއެއް ހޮސްޕިޓަލަށް އަންނާނެއެވެ. މި އިމާރާތަކީ 13،500 އަކަފޫޓުގެ އިމާރާތެކެވެ. މި މަސައްކަތް މިހާރު ވަނީ ކޮންޓްރެކްޓަރާ ހަވާލުކޮށްފައެވެ. އަދި ވަރަށް އަވަހަށް މަސައްކަތްތައް ފެށޭނެކަމަށްވެސް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.
އެ ހޮސްޕިޓަލްގެ ޚިދުމަތް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން، ޑައިލަސިސް ޔުނިޓް 4 އެނދުން، 14 އެނދުގެ ޑައިލަސިސް ސެންޓަރަކަށް ބަދަލުކޮށް، ވަރަށް އަވަހަށް އެ ޚިދުމަތްވެސް ފަށާނެއެވެ.
މީގެއިތުރުން، އެ ހޮސްޕިޓަލްގައި 14 ޕްރައިވެޓް ރޫމާއެކު އައިސޮލޭޝަން ފެސިލިޓީއެއް ހެދުމުގެ މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ.