ތަރައްްޤީ

ރ.ދުވާފަރުގެ މަގުހެދުމުގެ މަޝްރޫޢު ފެށުމަށް ތައްޔާރުވެއްޖެ


ރ.ދުވާފަރުގެ މަގުހެދުމުގެ މަޝްރޫޢު ފެށުމުގެ ތައްޔާރީތައް ކުރައްވަމުން ގެންދަވާކަމަށް ދުވާފަރު ކައުންސިލުން ވިދާޅުވެއްޖެއެވެ. 

ދުވާފަރުގައި ހިންގަވަން ހަމަޖެހިފައިވާ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން އެރަށުގެ 14 މަގެއްގައި ތާރުއަޅުއްވައިގެން، ޒަމާނީ ފެންވަރަށް ތަރައްޤީކުރައްވަން ހަމަޖެހިފައިވާ ކަމަށް ދުވާފަރު ކައުންސިލުން ވިދާޅުވެއެވެ. މަސައްކަތް ކުރެއްވުމަށް ހަމަޖެހިފައިވަނީ ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސްގެ ފަރާތުން ކަމަށާއި، މަސައްކަތް ފެށުމުގެ ކުރިން ވާންޖެހޭ ތައްޔާރީތައް ފެށިފައިވާކަމަށް ދުވާފަރު ކައުންސިލްގެ މެންބަރު މެމްބަރު ޢަބްދުﷲ ޢަލީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މަގުހެދުމަށް ބޭނުންވާ ސައިޓްތައް ސާފުކުރުމުގެ މަސައްކަތް ގާތްގަނޑަށް ނިމިފައިވާކަމަށާއި، މަގު ހެދުމަށް ބޭނުންވާ ގިނަ މެޝިނަރީތައްވެސް އެރަށަށް ގެންގޮސްފައިވާ ކަމަށެވެ. 

img:http://s4.psmnews.mv/images/660x400/14742980880678.jpg|ދުވާފަރު މަގު ހެދުމަށް ބޭނުންވާ ސާމާނު އެރަށުގައި

އަދި މަގުހެދުމަށް ބޭނުންކުރާ ޕޭވްމަންޓް ބްލޮކްތަކުގެ ދެ ޝިޕްމަންޓްވެސް އެރަށަށް ގެންގޮސްފައިވާ ކަމަށް ޢަބްދުﷲ ޢަލީ ވިދާޅުވިއެވެ. ހައުސިން މިނިސްޓްރީއާ ޙަވާލާދެއްވައި ދުވާފަރު ކައުންސިލުން ވިދާޅުވީ، މަގުހެދުމުގެ ކުރިން ހަދަންޖެހޭ އީއައިއޭގެ މަސައްކަތް ނިމިފައިވާ ކަމަށާއި، އީއައި.އޭ ރިޕޯޓް ފައިނަލްކުރެއްވުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. 

ދުވާފަރު ކައުންސިލްގެ މެންބަރު ޢަބްދުﷲ ޢަލީ ވިދާޅުވީ، މަގުހެދުމުގެ މަޝްރޫޢަށް ބޭނުންވާ ބައެއް މަސައްކަތު މީހުންނާއި، އިދާރީ މުވައްޒަފުންވެސް ދުވާފަރުން ހޯއްދަވާފައިވާ ކަމަށެވެ. އަދި މިހާރު ކައުންސިލުން ތައްޔާރުވެވަޑައިގަންނަވަނީ މަގުތަކުގައި ހުރި ގަސްތައް އެހެން ސަރަޙައްދުތަކަށް ބަދަލުކުރެއްވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.