ޚަބަރު

އޭސީ ހަރުކުރާ ފުރަތަމަ ސްކޫލްތަކުގެ މަސައްކަތް އަންނަމަހު ނިންމަނީ


  • މާލޭ ސަރަޙައްދުގެ 12 ސްކޫލެއްގައި ވަނީ އޭސީ ހަރުކޮށްފައި

  • އިތުރު 11 އަތޮޅެއްގެ ސްކޫލްތައް އަންނަމަހު އޭސީކޮށް ނިމޭނެ

މާލޭ ސަރަޙައްދުގެ އިތުރުން 11 އަތޮޅެއްގެ ސްކޫލްތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތް އަންނަމަހުގެ މެދުތެރެއަށް ނިންމާލެވޭނެކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

މިއީ "ކޫލް ސްކޫލް" މަޝްރޫޢުގެ ދަށުން ފުރަތަމަ އޭސީ ހަރުކުރުމުގެ މަސައްކަތް ފަށާފައިވާ އަތޮޅުތަކެވެ. އޭސީ ހަރުކުރުމުގެ މަސައްކަތް ފެނަކައިން ފެށީ މިދިޔަ މަހުގައެވެ.

ފެނަކަ ކޯޕަރޭޝަނުން ޕީއެސްއެމް ނިއުސްއާ ހިއްސާކުރި މަޢުލޫމާތުތަކަށް ބަލާއިރު މާލޭ ސަރަޙައްދުގެ 12 ސްކޫލެއްގެ ކްލާސްރޫމްތަކުގައި ވަނީ އޭސީ ހަރުކޮށް ނިންމާފައެވެ. އަދި ދަރުމަވަންތަ ސްކޫލާއި، ރެހެންދި ސްކޫލްގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމުގެ %60 މަސައްކަތް ވަނީ ނިންމާފައެވެ. މީގެ އިތުުރުން ހުރަވީ ސްކޫލްގައި އޭސީ ހަރުކުރުމުގެ %30 މަސައްކަތް ނިންމާފައިވާއިރު ޣާޒީ ސްކޫލްގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމަށް ސަރވޭތައް ހަދާ ވަނީ ތައްޔާރުވެފައެވެ.

އަތޮޅުތަކަށް ބަލާއިރު 11 އަތޮޅެއްގެ ސްކޫލްތަކުގައި އޭސީ ހަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. މިގޮތުން ފުވައްމުލައް ސިޓީގެ ސްކޫލްތަކުގައި އޭސީ ހަރުކުރުމުގެ %80 މަސައްކަތް ނިންމާފައިވެއެވެ. އަދި އައްޑޫ ސިޓީއާއި ފ. އަތޮޅާއި ދ. އަތޮޅުގެ ސްކޫލްތަކުގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމުގެ %70 މަސައްކަތްވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ގދ. އަތޮޅުގެ ސްކޫލްތަކުގައި އޭސީ ހަރުކުރުމުގެ %40 މަސައްކަތް ނިންމާފައިވާއިރު ގއ. އަތޮޅުގެ ސްކޫލތަކުގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމުގެ %10 މަސައްކަތް ވަނީ ނިންމާފައެވެ. އަދި ޅ. އަތޮޅުގައި %5 މަސައްކަތް ނިންމާފައިވާއިރު ކ. އަތޮޅާއި އއ. އަތޮޅާއި އދ އަދި ވ. އަތޮޅުގެ ސްކޫލްތަކުގައި އެ މަސައްކަތް ކުރުމަށްޓަކައި ދިރާސާ ތައް ހަދާ ވަނީ އޭސީ ހަރުކުރުމަށް ތައްޔާރުވެފައެވެ.

ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނައިރު ބައެއް ސްކޫލްތަކަކީ ކަރަންޓް އަޕްގްރޭޑް ކުރަންޖެހޭ ތަންތަނަށްވުމުން އެފަދަ މައްސަލަތައްވެސް ހައްލުކުުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ކްލާސްތަކާއި ސްޓާފްރޫމްތައް އޭސީ ކުރުމުގެ އިތުރުން މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ހޯލްތައްވެސް އޭސީކުރުމަށް ވަނީ ނިންމާފައެވެ.

ސަރުކާރު ހުރިހާ ސްކޫލެއްގެ ކްލާސްރޫމުތައް ދެ އަހަރުގެ ތެރޭގައި އޭސީ ކުރަން ނިންމައި "ކޫލް ސްކޫލް" ޕްރޮޖެކްޓް އިފްތިތާހު ކުރީ 2024ވަނަ އަހަރު ޖޫން މަހުގައެވެ.

ސްކޫލްތައް އޭސީކުރުމަށް ކުރިއަށްގެންދާ "ކޫލް ސްކޫލް" މަޝްރޫޢަކީ، ދަރިވަރުން ކުލާހުގައި ކިޔަވަން ތިބޭ ވަގުތުތަކުގައި އިހުސާސްކުރެވޭ ހޫނުމިނުގެ ދަރަޖަ މަތިވެ، އެކަމުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުން ތަޙައްމަލު ކުރަންޖެހޭ އުނދަގޫތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ތަޢުލީމީ ވުޒާރާއިން ކުރިއަށްގެންދާ މަޝްރޫޢެކެވެ.