ތަރައްްޤީ

ނޫމަރާ މީހުން އެހެން ރަށަކަށް ބަދަލުވުމާއެދު ގޮތެއް ނިންމަނީ


ށ. ނޫމަރާ މީހުން، އެހެން ރަށަކަށް ބަދަލުވުމަށް ސަރުކާރުން ހުށައަޅުއްވާފައިވާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ. ނޫމާރާ ކައުންސިލްގެ ރައީސް، އަޙްމަދު އިޝާން ވިދާޅުވީ، ސަރުކާރުން ހުށައެޅުއްވި ހުށައެޅުމުގައިވާ ކަންތައްތައް ދިރާސާކުރަމުން އަންނަކަމަށާއި، އަދި މިހާތަނަށް ވަކިގޮތެއް ނިންމާފައި ނުވާ ކަމަށެވެ.

ށ. ނޫމަރާއަކީ މީގެ ކުރިންވެސް އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން، ބައެއް މީހުން ށ.ފުނަދުއަށް ބަދަލުކޮށްފައިވާ ރަށެކެވެ. 2006 އަދި 2007 ގައި ފުނަދުއަށް ބަދަލުވެފައިވަނީ ނޫމަރާގެ ގާތްގަނޑަކަށް 300 މީހުންކަމަށް ނޫމަރާ ކައުންސިލުން ވިދާޅުވެއެވެ. އަދި މިހާރު އެރަށުގައި ދިރިއުޅޭ އާބާދީއަކީ ގާތްގަނޑަކަށް 400 މީހުން ކަމަށްވެސް ނޫމަރާ ކައުންސިލުން ވިދާޅުވެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ނޫމަރާ ކައުންސިލްގެ ރައީސް، އަޙްމަދު އިޝާން ވިދާޅުވީ، މިހާރު ރަށުގައި ތިބި މީހުންވެސް އެހެން ރަށަކަށް ބަދަލުވުމަށް ސަރުކާރުން ހުށައަޅުއްވާފައިވާ ކަމަށާއި، ސަރުކާރުން ހުށައަޅާފައިވަނީ ރައްޔިތުންގެ މެދުގައި ވޯޓެއް ލައިގެން އެކަން ކުރިއަށް ގެންދިއުމަށް ކަމަށެވެ. އިޝާން ވިދާޅުވީ ސަރުކާރުން ހުށައެޅުއްވި ހުށައެޅުއްވުމުގައި ބަދަލުވާނެ ވަކި ރަށެއް ކަނޑައަޅުއްވާފައި ނުވާ ކަމަށާއި، އަދި ވޯޓް ލެވެންވެސް އަންނަނީ ހައުސިންގ މިނިސްޓްރީން ވަކިގޮތެއް އެންގުމުން ކަމަށެވެ. ކައުންސިލުން ރައްޔިތުންނަށް އެ މަޢުލޫމާތު ޙިއްޞާކޮށްފައިވާ ކަމަށާއި، ބަދަލުވުމާ ގުޅޭގޮތުން ރައްޔިތުންގެ ވިސްނުން ހުރިގޮތް ރަސްމީގޮތުން ހާމަކުރެވޭނީ ވޯޓެއް ނެގުމަށް ފަހުގައިކަމަށް އިޝާން ވިދާޅުވިއެވެ.

ސަރުކާރުން ފޮނުއްވި ސިޓީގައި ބަދަލުވުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމުގައި އަތޮޅު ކައުންސިލާއި ގުޅިގެން ކުރިއަށްދިއުމަށް އެދިފައިވާ ކަމަށްވެސް ނޫމަރާ ކައުންސިލުން ވިދާޅުވެއެވެ.

އާބަދީއާއި ތަރައްޤީ އެއްފަސްކުރުމަކީ ހުރިހާ ސަރުކާރުތަކުންވެސް، ވަރަށްބޮޑަށް އިޖާބަދެމުންދާ ސިޔާސަތެކެވެ. ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތު ތަންފީޒު ކުރެއްވުމަށްޓަކައި އެކަމަށް ޚާއްޞަ އުޞޫލެއް އެކުލަވާލައްވައި، އެ އުޞޫލުގެ ދެލިކޮޕީއަށް ޚިޔާލު ހޯއްދެވުމުގެ މަސައްކަތް މިދިޔަ އަހަރު ހައުސިން މިނިސްޓްރީން ވަނީ ފަށްޓަވާފައެވެ.

ޖޯގްރަފީގޮތުން ރާއްޖެ އުފެދިފައިވާ ގޮތުންނާއި، ވަކިވަކި ރަށްތަކެއްގައި ކުދި އާބާދީތަކެއް އުޅެމުންދިއުމަކީ ތަރައްޤީއަށް އެޅިފައިވާ ވަރަށް ބޮޑު ހުރަހެކެވެ. މިއާއެކު އެއްފަސްކުރުމުގެ ސިޔާސަތަކީ މިހާތަނަށް ގިނަ ސަރުކާރުތަކުން އެކަމަކަށް އިޖާބަދީފައިވާ ސިޔާސަތެކެވެ. ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ޢަދަދު ވަނީ 214 ން 189 އަށް ބަދަލުވެގެން ގޮސްފައެވެ.

ރައީސް ޔާމީންގެ ސިޔާސަތަކީވެސް ކުދި ރަށްތަކުން މީހުން ބަދަލުކޮށް، ތަރައްޤީއަށް އެޅިފައިވާ ހުރަސްތައް ނައްތަވާލެއްވުމެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހި ތަރައްގީވެގެންދާއިރު ކުދި އާބަދީތަކުން ހުޅުމާލެއަށް ބަދަލުވުމަށް ރައީސް ޔާމީންވަނީ އެތައް ޕޯޑިއަމެއްގައި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ. މިހާރު އެކުލަވާލާފައިވާ އެއްފަސްކުރުމުގެ އުޞޫލުވެސް މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ކުދި އާބާދީތަކުން ހުޅުމާލެއަށް ބަދަލުވުމުގެ މައްޗަށް ކަމަށް ހައުސިންގ މިނިސްޓްރީން ކުރިން ވަނީ ވިދާޅުވެފައެވެ.