ތަރައްްޤީ

ސީލައިފް ފްލެޓްތައް އިމާރާތްކުރުމުގެ މަސައްކަތް ފަށައިފި


ސީ ލައިފް ގްލޯބަލްއިން ހުޅުމާލޭގައި ޢިމާރާތްކުރާ 3000 ފެލެޓްގެ ތެރެއިން، ފުރަތަމަ ފިޔަވަހީގައި ޢިމާރާތްކުރާ 1000 ފްލެޓްގެ، ފުރަތަމަ ބައިގައި ހިމެނޭ 350 ފްލެޓްގެ ޢަމަލީ މަސައްކަތް ފަށައިފައިވާ ކަމަށް ސީލައިފް ކުންފުނިން ބުނެފިއެވެ. މި ފްލެޓްތައް އިމާރާތްކުރުމަށް ޙަވާލުކޮށްފައިވަނީ ސްރީލަންކާގެ ކޮރަލް ހޯލްޑިންގްސްއާއެވެ.

ސީ.ލައިފް ގްލޯބަލްއިން ހުޅުމާލޭގައި ހަދާ ފެލްޓްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާކުރައްވަމުން، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މޫސާ ވިދާޅުވީ، މިދިޔަ އޮގަސްޓްމަހު ކޮރަލްސް ހޯލްޑިންގްއާ ޙަވާލުކުރި، 350 ފްލެޓްގެ ޢަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. ކޮރަލް ހޯލްޑިންގްސްގެ މަސައްކަތްތެރިން މަސައްކަތްކުރާ މުއްދަތުގައި ރާއްޖޭގައި  ތިބުމުގެ އިންތިޒާމްކުރެވި، ޢިމާރާތްކުރުމަށް ބޭނުންވާ ހެވީ ވެހިކަލްތަކާއި، މަސައްކަތަށް ބޭނުންވާ ސާމާނުވެސް ފްލެޓް ހަދާ ސަރަޙައްދަށް ގެންގޮސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މި ހަފްތާގެ ތެރޭގައި ކޮންކްރީޓްގެ މަސައްކަތްތައް ފެށޭނެ ކަމަށްވެސް ސީ ލައިފްގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ.

ޢަމަލީ މަސައްކަތް ފެށިގެންދާއިރު، ކުރީގެ ޑިޒައިނަށް ބައެއް ބަދަލުތައް ގެނެސްފައިވާކަން އަޙްމަދު މޫސާ ފާހަގަކުރެއްވިއެވެ. އެބަދަލުތަކުގެ ތެރޭގައި، 3 ކޮޓަރީގެ އެޕާޓްމަންޓްތަކުގައި ދެ ބެލްކަނި ހިމެނުމާއި، ބެލްކަނިތައް މަގަށްވާގޮތަށް ނިކުމެފައި ހުންނާނެ ގޮތަށް ޑިޒައިނަށް ބަދަލުގެނެވިފައިވެއެވެ. މިކަމުގެ ސަބަބުން، ސިޓިންގް ރޫމްތަކުގެ ޖާގަ ބޮޑުވެގެންދާނެ ކަމަށް އަޙްމަދު މޫސާ ވިދާޅުވިއެވެ.

"މިހާރުވެސް 3 ކޮޓަރި އެޕާޓްމަންޓްތަކުގައި 900 އަކަފޫޓް ހުންނާނެ. އެހެންނަމަވެސް، އަޅުގަނޑުމެން މި ބަދަލުތައް މި ގެނައީ ޖާގަ އިތުރަށް ތަނަވަސް ކޮށްދިނުމުގެ ގޮތުން" އަޙްމަދު މޫސާ ވިދާޅުވިއެވެ.

ކޮރަލްސް ހޯލްޑިންގއާ ޙަވާލުކުރި ބައިގެ މަސައްކަތް ފެށިފައިވުމާއެކު ސީ ލައިފް ގްލޯބަލްއިން މިހާރު ތައްޔާރުވަމުންދަނީ ފުރަތަމަ ފިޔަވަހީގެ ދެވަނަ ބައިގައި ޢިމާރާތްކުރާ 320 ފެލެޓާއި، ތިންވަނަ ބައިގައި ޢިމާރާތްކުރާ 330 ފްލެޓް ޢިމާރާތްކުރުމަށް ބަޔަކާ ޙަވާލުކުރުމަށެވެ. އެގޮތުން ދެވަނަ ބައި ހެދުމަށް ޗައިނާ ކުންފުންޏެއް ހަމަޖެހި، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ތައްޔާރުވަމުން އަންނަކަމަށް އަޙްމަދު މޫސާ ވިދާޅުވިއެވެ.

"ދެވަނަ ބައި ހެދުމަށް ޗައިނާގެ ކުންފުންޏެއް މިހާރު ވަނީ ކަނޑައަޅާފައި. އެއީ މިހާރުވެސް ރާއްޖޭގައި ފްލެޓްތައް ހަދަމުންދާ ބައެއް. އެ ފަރާތާއެކު މި ހަފްތާގައި އެއްބަސްވުމުގައި ސޮއިކުރެވޭނެ. ދެން ތިންވަނަ ބައި ހެދުމަށް ތުރުކީ ބަޔަކާ ޙަވާލުކުރާނީ" އަޙްމަދު މޫސާ ވިދާޅުވިއެވެ.

ސީ ލައިފް ކުންފުނިން ހުޅުމާލޭގައި ހަދާ ފްލެޓްތަކަކީ މެދުފަންތިއާއި، މަތީ ފަންތިއަށް އަމާޒުކުރެވޭ ފްލެޓްތަކެކެވެ. 1 ކޮޓަރި، 2 ކޮޓަރި، އަދި 3 ކޮޓަރީގެ އެޕާޓްމަންޓްތައް މި ފްލެޓްތަކުގައި ހިމެނޭއިރު، ކޮންމެ ޓަވަރެއްގެ އެންމެ މަތީ ފްލޯތަކުގައި ޕެންޓްހައުސްތައްވެސް ހުރެއެވެ. ސީލައިފްއިން މިހާތަނަށް ވިއްކުމަށް ހުޅުވާލާފައިވަނީ 600 އެޕާޓްމަންޓެވެ. އާންމުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަމަށް ސީލައިފް ކުންފުނިން ހާމަކުރެއެވެ.